މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، 2025 ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ 2025 ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމުގައިވެސް މުހިންމު ބައެއް ކަންކަން ހިމެނޭނެކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި އެ ސަބަބަށްޓަކައި 2025 ޖުލައި 28 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މި އުފާވެރި ދުވަސްވަރު، ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވަނީ ތަފާތު ގިނަ ހަރަކާތްތަކެއް ރާވާފައެވެ. މި ހަރަކާތްތަކަކީ ދިވެހިންގެ މިނިވަންކަމުގެ ފަޚުރުވެރި ތާރީޚު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.
މިނިވަން 60 ގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަކީ ދިވެހިންގެ އެއްބައިވަންތަކަމާއި، ޤައުމީ ރޫޙު އާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. މި ހަރަކާތްތަކުގެ ސަބަބުން ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރުވެ، ޤައުމީ ލޯބި އާލާވެގެންދާނެއެވެ. އަދި މިނިވަންކަމުގެ އަގު ވަޒަންކުރުމުގެ ރޫޙު އިތުރަށް ފުޅާވެގެންދާނެއެވެ.

