ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިލޭ ހިދުމަތްތައް ބޭނުންވޭ؛ އެކަމަކު މިއީ ވެލްފެއަރ ސްޓޭޓެއް ކަމަށްވެސް ބުނޭ!

ހިދުމަތްތައް ހިލޭ ބޭނުންވުން އެއީ ހައްލެއް ނޫން: ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

5 ލައްކައެއްހާ އާބާދީގެ މި ކުޑަ ގައުމަކީ އެހެން ގައުމުތަކާއި ހިލާފަށް އަމިއްލަ ވަންތަކަމެއް އޮތް އަދި ޖަޒީރާ ވަންތަ ގައުމެކެވެ. އަތޮޅުތަކަށް ބަހާލެވި އަދި ރަށްތަކެއްގެ ސިފައިގައި އޮތް އިރު ކޮންމެ ރަށެއްވެސް ވަރަށް ތަފާތެވެ. އެހެންނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެ ކިތަންމެ ތަފާތުވިޔަސް އަދި ކިތަންމެ ރީތި ކަމުގައިވެސް ރަށްތައް އަތުރާލެވިފައިވާ މިގޮތުގެ ސަބަބުން ބޮޑެތި ގޮންޖެހުން ތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމުން ފެށިގެން މިހާ ހިސާބަށް އައިއިރުވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކޮންމެ ރަށެއްގައި ވަކި އާބާދީއެއް ދިރިއުޅޭއިރު އެ އާބާދީއަކަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައްވެސް ފޯރުކޮށްދެވިފައި ނުވުމެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށެއް އޮތްއިރު އެ ހުރިހާ ރަށަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ސަރުކާރުތަކުން ސިޔާސަތުތައް ކަނޑައަޅާފައިވެއެވެ.

ރައްޔިތުންގެ އެންމެ ބޮޑު ކަނބޮޑުވަކީ ހިދުމަތްތަކުގެ އަގު އިންތިހާއަށް މަތިވުމެވެ. އަދި ދިރިއުޅުމަށް ކުރަންޖެހޭ ހޭދައާއި ތަކެތީގެ އަގުތައް މަތިވަމުން ދިއުމުގެ މައްސަލަ އެވެ. ބައެއް މީހުން ބޭނުން ވަނީ ސަރުކާރުން ހުރިހާ ހިދުމަތެއް ވެސް ހިލޭ ދިނުމަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ކޮވިޑު-19 ގައި ގައުމުގެ އިގްތިސާދު އިނދަޖައްސާލި ދުވަސްވަރެވެ. ގައުމު އެތައް އަހަރެއް ފަހަތަށް ސޮއްސާލި އިރު ވެސް، ސަރުކާރުން މަސައްކަތް ކުރީ ހިދުމަތްތައް ވީހާވެސް ކުޑަ އަގެއްގައި ދީ، ތަކެތީގެ އަގު ކުޑަ ކުރުމެވެ. އެހެން ނަމަވެސް އެހެނިހެން ލުއިތަކަށް ވެސް ގޮވާލި އެވެ.

އެކަމުގެ ވާހަކަ ދައްކާއިރު 2008 ވަނަ އަހަރުގެ ސަރުކާރުން ކޮށްދިން ކަންކަމުގެ ލިސްޓެއް އަބަދުވެސް ކިޔައެވެ.

އެއްބައި މީހުން ބުނަނީ 2008 ގެ ވެރިކަމުގެ ސަބަބުން ގައުމު ދިޔައީ ”ވެލްފެއަރ ސްޓޭޓަކަށް“ ވެގެން ކަމަށެވެ. އަދި އޭރު އެކަން އެހެން ނުކުރިނަމަ ގައުމު މިއޮތް ހާލަތުގައި ނޯންނާނެ ކަމަށް އެމީހުން ބުނެއެވެ. މި ދެ ވިސްނުމުގެ ހިޔާލުތައް ހުރި އިރު ސަރުކާރުން ދެމުން ގެންދާ ހިދުމަތްތަކަށް ބަލާލުން މުހިންމެވެ. އަދި މިވަގުތު ގައުމުގެ އަސްލު ހާލަތައް ބެލުން މުހިންމެވެ.

ޖުމްލަކޮށް ރައްޔިތުންގެ ހާލަތައް ބަލާއިރު އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ހުރީ ދަށު ފެންވަރެއްގައެވެ. މާލެ ނޫން ރަށްރަށަށް ބެލި ކަމުގައި ވިނަމަވެސް އާސަންދަ ނެތް ނަމަ ބޭސްފަރުވާ ނުލިބި އެތައް މީހަކު ހުންނާނެވެ. އެކަނިވެރި މައިންނަށް، އަދި ދުވަސްވީ މީހުންނަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިނާޔަތްތަކެއް ނުލިބޭ ނަމަ އެތަކެއް އާއިލާއެއް ބިކަވެ އަދި ދިރިއުޅުމަަށް ބޭނުންވާ އަސާސީ ކަންކަން ނުކުރެވޭނެ އެތައް ބަޔަކު ތިބޭނެއެވެ.

ދައުލަތުން ފޯރުކޮށްދޭ ސަބްސިޑީއަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅައިފައި އޮތީ 7.9 ބިލިއަން ރުފިޔާއެވެ. އެހެންކަމަށް ވާނަމަ ޖުމްލަކޮށް ގާތްގަނޑަކަށް ރާއްޖޭގެ ސަބްސިޑީއަށް ސަރުކާރުން ހޭދަކުރާ އިންސައްތަ ހުންނަނީ 15 ނުވަތަ 14 އިންސައްތައިގައެވެ. އެހެންކަމަށް ވުމުން ރައްޔިތުންނަށް ލިބޭ ތެޔޮ، ކަރަންޓު، ކާޑު، މެޑިކަލް އިންޝުއަރެންސް، ހައުސިންގ، ޓްރާންސްޕޯޓް މިފަދަ ހުރިހާ ހިދުމަތެއް ރައްޔިތުންނަށް އަތްފޯރާ ފަށުގައި ލިބެއެވެ. އެހެންކަމުން ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކެއް އައިނަމަވެސް ރައްޔިތުންގެ ދިރިއުޅުމަށް އެކަމުގެ މާބޮޑު އަސަރެއް ކުރާ ތަން ނުފެންނަނީ އެކަމުގެ ސަރުކާރުން އެކަމުގެ ބުރާ އުފުލާތީއެވެ.

2024 ގައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ސާވޭއަކުން ދައްކާ ގޮތުގައި ރާއްޖޭގެ 71 އިންސައްތައަކީ ތެލާއި އަދި އެހެނިހެން ޔުޓިލިޓީއަށް ތާއިދު ކުރާ މީހުންނެވެ. އަދި 68 އިންސައްތައަކީ ހިލޭ ބޭސްފަރުވާ ބޭނުންވާ މީޙުންނެވެ. އެހެންމަވެސް 52 އިންސައްތަ މީޙުންގެ ކަންބޮޑުވުމަކީ ގައުމުގެ ރައްޔިތުން މާބޮޑަށް ދައުލަތަށް ބަރޯސާވަނީ ކަމަށެވެ.

ދައުލަތަކުން ހިދުމަތެއް ފޯރުކޮށްދޭއިރު ނުވަތަ ރާއްޖެއަށް ބަލާއިރު ވަރަށ ގިނަ ކަންކަމަށް ރިއާއަތް ކުރަންޖެހެއެވެ. އެއީ ހަމައެކަނި ރާއްޖޭގެ އިގްތިސާދު އޮތް ހާލަތަކަށް ނޫނެވެ. ރާއްޖެއަށް ގިނަ ތަކެއްޗަކީ ބޭރުން އިމްޕޯޓު ކުރާ ތަކެއްޗެވެ. މިސަލެއްގެ ގޮތުން ބަލާނަމަ ކާބޯތަކެތީގެ 80 އިންސައްތަ އަންނަނީ ބޭރުންނެވެ. އެހެން ކަމަށް ވުމުން ދުނިޔޭގެ އިގްތިސާދަށް އެ ކުރާ އަސަރު ވަރަށް ބޮޑަށް ސަރުކާރުން ބަލަން ޖެހެއެވެ. އަދި ކިތަންމެ ކުޑަ ލޮޅުމެއް އަޔަސް ރައްޔިތުންނާއި ހިސާބަށް އެކަން ފޯރުވިޔަ ނުދިނުމަށްޓަކައި ސަރުކާރުން އެކަމުގެ ”ޑެމޭޖް“ ނަގައެވެ.

ސަރުކާރަކުން ނުވަތަ ދައުލަތުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް އަގަކާއި ނުލާ ނުވަތަ ހިލޭ ދިނުމަކީ ކެރިކުޅަދާނަ ކަމެއް ނޫނެވެ. އެހެންނަމަވެސް އެ ހިދުމަތްތައް އަތް ފޯރާ ފަށަށް ގެނެވިދާނެވެ. އެހެންނަމަވެސް ރާއްޖެއަކީ ބޭރަށް ބަރޯސާވާ ގައުމަކަށް ވުމުން ދުނިޔޭގެ އިގްތިސާދަށް ކުރާ އަސަރު ރާއްޖެއަށް ވެސް ކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: