ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ފެށުނީއްސުރެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ބޭނުންވާ ބޭފުޅެއްކަމަށާއި އެހެން ނަމަވެސް އެމްޑީޕީއާއި އެމަނިކުފާނު ގުޅިވަޑައިގަތުމުގައި އެފަދަ ވިސްނުމެއް ނުވަތަ ރިޔާސީ ރޭހުގެ އެއްވެސް ޝަރުތެއް ނެތްކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށެވެ. އެހެން ނަމަވެސް ނޫސްވެރިންގެ ސުވާލުތައް އަމާޒުވީ ރައީސް ނަޝީދު ޕާޓީއާއި ގުޅިވަޑައިގަތުމާއި ގުޅޭގޮތުންނާއި ޕާޓީގެ އެތެރޭގައި އޮތް ރިޔާސީ ޕްރައިމެރީގެ ވާދަވެރިކަމަށެވެ.
ރައީސް ނަޝީދު އެމްޑީޕިއާއި ގުޅިވަޑައިގެންނެވިއިރު އެކަމުގެ ފަހަތުގައި ޝަރުތުތަކެއް ވާނެކަމަށް ގިނަ ބަޔަކު ދެކެ އެވެ. އަދި އެކަމާއި ގުޅޭގޮތުން މިއަދުގެ ޕްރެސްގައި ސުވާލު ކުރުމުން ފައްޔާޒް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ރައީސް ނަޝީދުގެ ލަފާއާއި އިރުޝާދު ބޭނުންވާނެކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ޕާޓީގެ އެއްވެސް ރަސްމީ މަގާމެއް ބޭނުންފުޅު ވާތީ އެފަދަ ވާހަކައެއް ދައްކަވާފައި ވެސް ނުވާކަމަށާއި، އަދި އެފަދަ ވިސްނުމެއްގައި އިޝާރާތެއް ދެއްވާފައި ނުވާކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
ރައީސް ނަޝީދަކީ ސީވީއެފްގެ ސެކޭޓްރީ ޖެނެރަލް މަގާމުގައި ހުންނެވި ބޭފުޅެއްކަމަށްވުމާއި އެކު އެމަނިކުފާނު މި ހަފްތާގައި އަނެއްކާވެސް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި އެމްޑީޕީއާއި އެމަނިކުފާނު ގުޅިވަޑައިގަތުން ފާހަގަކުރުމުގެ ޖަލްސާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަޑައިގެންނެވެން ދެން މަޑުނުކޮށް ބޭއްވީ އެ ސަބަބާއި ހުރެކަމަށް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ފަހު، ޕާޓީގެ އެއްވެސް މަގާމަކަށް އާދޭތޯ ނުވަތަ ނޫންތޯ ވަކި އެއްޗެއް ދަންނަވަން އުނދަގޫކަމަށެވެ. އެއީ ފަހުން ވާނެ ގޮތެއް ނޭނގޭތީކަމަށާއި، އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ކުރި މަޝްވަރާގައި ބައެއް ބޭފުޅުން ތުހުމަތު ކުރާ ގޮތަށް ޑީލްއެއް ހަދާފައި ވެސް ނޯންނާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ދެން ކުރިއަށް އޮތް ތާނގަ ވާނެ ގޮތެއް އަޅުގަނޑަކަށް ނޭނގެ.. އަދި އެކަހަލަ ރަސްމީ ސިފައެއްގައި ކަމެއް މަޝްވަރާ ކުރެވިގެން ނޫނިއްޔާ ތި ބޭފުޅުން ވިދާޅުވާހެން ޑީލެއް ހެދިގެން އެކަހަލަ ގޮތަކަށް ނޫން ރައީސް ނަޝީދު ވަޑައިގެން ހުންނެވީ..
ރައީސް ނަޝީދަކީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރައްވާ ބޭފުޅަކަށް ވާތީ، ކުރިޔަށް އޮތް ކޮންގްރެސްގައި އަނެއްކާވެސް އެމަނިކުފާނުގެ އެފަދަ ހުށަހެޅުމެއް އައިސްދާނެ ހާލަތެއް އަތުވެދާނެތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފަ އެވެ. އަދި ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ނިޒާމީ ވޯޓަކަށް ދިއުން ނުވަތަ ވަކި ބޭފުޅަކާއި އެކު މަސައްކަތްކޮށް ތާއީދުކޮށްފާނެތޯ ވެސް ސުވާލު ކުރި އެވެ. ޖަވާބުގައި ފައްޔާޒް ވިދާޅުވީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައީސް ނަޝީދު ގެންގުޅުއްވާ ވިސްނުމަކީ ސިއްރެއް ނޫންކަމަށެވެ. އަދި އެމަނިކުފާނަކީ ހާމަކަން ބޮޑުކޮށް އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރަމުން އައި ބޭފުޅެއްކަން ފާހަގަކުރެއްވި އެވެ.
ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީއާއި ގުޅިވަޑައިގެންނެވިތާ އަދި މާ ދުވަހެއް ނުވާކަމަށާއި މިހާތަނަށް ބަރުލަމާނީއާއި ގުޅޭގޮތުން އެމަނިކުފާނު އެއްވެސް ވާހަކައެއް ނުދައްކަވާކަމަށެވެ.
ނޫނޭ ތިއީ ހަމަ އަމިއްލައަށް ހިޔާލާއި ފޮލާގައި އެކިއެކި މީހުން އަމިއްލައަށް ފާޅުކުރަމުންދާ ޝުއޫރުތައް…. އެއްވެސް އެކަހަލަ ވާހަކައެއް ދެކެވިގެނެއް ނޫން ރައީސް ނަޝީދު މި ޕާޓީއަށް ގުޅިވަޑައިގެންނެވި… އެހެނެއް ނޫން.. ކުރިއަށް އޮތް އިންތިހާބުތައް އެމްޑީޕީއަށް ކާމިޔާބު ކުރުމުގެ ވިސްނުންފުޅުގައި އެކަމުގައި އެހީތެރި ވެދޭން.. އަދި ނިޒާމީ ބަދަލެއް ގެނައުމުގެ ވާހަކަ އަބަދުވެސް ނިޒާމީ ވާހަކައަކީ ރައީސް ނަޝީދު ހުންނަވާ ތަނެއްގަ ވެއްޖެއްޔާ ދެކެވޭ ވާހަކައެއް.. އެހެން ނަމަވެސް އަޅުގަނޑުމެންނާ ގުޅުމުގައި އެއްވެސް އެކަހަލަ އެއްވެސް ޝަރުތެއް އެއްވެސް ކަމެއް ކޮށްގެނެއް ނޫން..
އެމްޑީޕީއާއި ރައީސް ނަޝީދު ގުޅިވަޑައިގެންފައި ވަނީ، ޕާޓީގެ އެތެރޭގައި ރިޔާސީ ޕްރައިމެރީގެ ވާދަވެރިކަން އުފެދިފައިވަނިކޮށެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ އެމަނިކުފާނު 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅުއްވާތީ، އެކަމަށް ހިޔާލު ދެއްވުމަށް އެމަނިކުފާނުގެ އަރިސް މެމްބަރުންގެ ފަރާތުން އެދިވަޑައިގެންފަ އެވެ.

