އެރިޒޯނާގެ ސުކޫލެއްގެ ފަސް ވަނަ ގްރޭޑްގައި ކިޔަވަމުންދާ ދަރިވަރުންތަކެއް އެ ކުދިންގެ ކްލާސްގައި ހިމެނޭ އެހެން ދަރިވަރަކު މަރާލުމަށް ރޭވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އެރިޒޯނާގައި ހުންނަ ލެގަސީ ޓްރެޑިޝަނަލް ސުކޫލުގެ ގްރޭޑު ފަހެއްގައި އުޅޭ ހަތަރު އަންހެން ކުދިންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާކަމަށެވެ. މިގޮތުން އެ ކުދިންގެ ކްލާހުގައި އުޅޭ ފިރިހެން ކުއްޖަކު މަރާލުމަށްފަހު އަމިއްލައަށް މަރުވިކަމަށް ހެދުމަށް ރޭވިކަން ފުލުހުން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބަޔާންކޮށްފައިވާކަން ރިޕޯޓުތަކުން ބުނެއެވެ.
ހަތަރު އަންހެން ކުދިންގެ މައްޗަށް ކުރެވެނީ ކްލާހުގައި އުޅޭ ފިރިހެން ކުއްޖަކަށް އޮޅުވާލައިގެން ސުކޫލު ފާހަނައަށް ގެންދިއުމަށްފަހު ވަޅިން ހަމަލާ ދޭން ރޭވުމުގެ އިތުރުން އަމިއްލައަށް މަރުވާން ނިންމިކަމަށް ބުނެ ލިއުމެއް ތައްޔާރުކުރަން ރޭވުމުގެ ތުހުމަތެވެ. މި މައްސަލަ އެންމެ ފުރަތަމަ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ސުކޫލުގެ އެހެން ދަރިވަރަކަށް މި ގުރޫޕުން މަޝްވަރާތައް ކުރިއަށް ގެންދިޔަ އަޑުއިވުމުން އެ ކުއްޖާގެ މައިންބަފައިންނަށް އެންގިކަމަށް ނޫސްތަކުން ފާހަގަކުރެއެވެ.
މައްސަލައިގައި ޝާމިލުވަނީ 4 އަންހެން ކުދިންނެވެ. އެއީ 10 އަހަރު ދެ ކުދިންނާއި 11 އަހަރުގެ ދެ ކުދިންނެވެ. ފުލުހުން އާންމުކޮށްފައިވާގޮތުން މި ގުރޫޕުންވަނީ އިނގިލީގެ ނިޝާން ނާރާކަން ކަށަވަރުކުރުމަށްޓަކައި އަންގި ބޭނުންކުރުން ފަދަ ތަފްސީލުތަކާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައެވެ. އަދި ހަމަލާ ދޭ ވަގުތު ފާހަނާ ކުރިމަތީގައި ގާޑެއްގެ ގޮތުގައި ހުންނާނީ ކާކުކަންވެސް ކަނޑައަޅާފައިވާކަމަށް ބުނެފައިވެއެވެ.
ތަހުގީގުތަކުގެ ތެރެއިން އެއް ކުއްޖަކުވަނީ ކަންކަން ސީރިއަސްވުމުގެ ކުރިން ދައްކަމުންދިޔަ ވާހަކަތަކަކީ ޖޯކެއް ކަމަށް ދެކުނުކަމަށް ބުނެފައެވެ. އަނެކަކުވަނީ އެކަމުގައި ބައިވެރިވި ސަބަބެއްގެ ގޮތުގައި އޭނާއަކީ ވިއާޑް މީހެއްގެ ގޮތުގައި ފެނުމަށް ނޭދުން ފާހަގަކޮށްފައެވެ. އަދި ތިންވަނަ ކުއްޖާ ބުނި ގޮތުން އޭނާއަށް މިކަން ކުރަން އުޅޭކަން ޔަގީންވީ ކުރަންވީ ކަންކަން ކަނޑައެޅި ހިސާބުންނެވެ.
މިކަމުގައި އިސްކޮށް އުޅުނުކަން ފާޙަގަކުރެވޭ ކުއްޖާއަކީ މަރާލަން ރޭވި ފިރިހެން ކުއްޖާއާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާއެވެ. އޭނާ އެ ކުއްޖާ މަރާލަން ވިސްނީ ބޭވަފާތެރިވުމުން އުފެދުނު ނަފްރަތުގެ ސަބަބުންނެވެ. އެންމެންވެސް މި މައްސަލައިގައި ހައްޔަރުކުރިކަން ފާހަގަކުރެވެއެވެ. ނަމަވެސް ފަހުން މައިންބަފައިންގެ ބެލުމުގެ ދަށަށް ދޫކޮށްލާފައިވެއެވެ.

