ގައުމެއްގެ ދެމެހެއްޓިނިވިކަން ބިނާވެފައިވަނީ އެ ގައުމެއްގެ އިގްތިސާދުގެ މައްޗަށެވެ. އެ އިގްތިސާދު ދެމެހެއްޓުމަށާއި ފުޅާކުރުމަށްޓަކައި އެ ގައުމެއްގެ އާބާދީގެ ތެރެއިން އެތައް ބަޔަކު މުހިންމު ޒިންމާތަކެއް އަދާކުރާނެއެވެ. އާބާދީ ބޮޑުވެގެންދިއުމުގައި އެތައް ފައިދާތަކެއް އެބަ އޮތެވެ. ހާއްސަ ގޮތެއްގައި ދުޅެހެޔޮ ޒުވާން އާބާދީއެއް އޮތުމަކީ ގައުމެއްގެ ކުރިއެރުމަށްޓަކައި ބޭނުންތެރިކަމެކެވެ.
ކަން މިހެން އޮތްއިރު ދާދި ފަހުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އޭޝިއަން ފޯރަމް އޮފް ޕާލިމެންޓޭރިއަންސް އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމެންޓް ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުން ރާއްޖޭގެ ދެމެހެއްޓިނިވިކަމާއިމެދު ބައެއް ކަންބޮޑުވުންތައް އުފެދިގެންދެއެވެ.
އެމަނިކުފާނު ވިދާޅުވީ، 2054 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީ މިލިއަނަކަށް އަރައިގެންދާނެކަމަށެވެ. ނަމަވެސް އާބާދީގައި އުމުރުން ދުވަސްވެފައިވާ މީހުން ގިނަވެ އިތުރުވަމުންދާ ދުވެލި މަޑުވެގެންދާނެކަމަށެވެ. ނާޒިމް ވިދާޅުވީ، ކޮންމެ އާއިލާއެއްގައިވެސް ދަރިން ހޯދާ އަދަދު މަދުކަމަށެވެ. ނައިބުރައީސް ހިއްސާކުރެއްވިގޮތުން ކުރިއަށް އޮތްތަނުގައި އެވަރެޖް އުމުރު 83 އަހަރަށް އަރައިގެންދާނެއެވެ.
ދުވަސްވީ އުމުރުފުރައިގެ އާބާދީއެއް އިތުރުވުމުގެ ސަބަބުން ދިމާވާ ދަތިތައް
އެންމެ އާދައިގެ ވިސްނުމުން ބަލާއިރުވެސް ގިނަ ބަޔަކު ރިޓަޔާރކޮށް ޒުވާން ލޭ މަސައްކަތުގެ މާހައުލަށް ނުކުންނަ މިންވަރު ދަށްވެގެންދިއުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފެނިގެންދާނެއެވެ. އެ ހާލަތު މެދުވެރިވެ ގޯސްވަމުންދާ މިންވަރަކަށް އެކަމުގެ އަސަރު އިގްތިސާދީ ދުވެއްޔަށް ކުރާނެއެވެ. ބޮޑެތި ބިޔަ ސިނާއަތުތައް ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކުގެ ދަތި ކުރިމަތިވެ އިމްޕޯޓުކުރުމަށް މަޖުބޫރުވެ އެ ވަސީލަތްތަކަށް ކުރަންޖެހޭ ހަރަދާއި ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ހަރަދުކުރެވޭ ފައިސާ ދެމެހެއްޓުމުގައި ދަތިތައް ކުރިމަތިވާނެއެވެ. މިހާރުވެސް ގިނަ އަދަދެއްގެ ބިދޭސީން ތިބިއިރު ފައިސާ ބޭރުކުރާ އަދަދާއިމެދު ކަންބޮޑުވުންތައް އެބަހުއްޓެވެ.
ސިއްހީގޮތުން ކުރަންޖެހޭ ހަރަދުތައް އިތުރުވެގެންދިއުމަކީވެސް މިކަމުގެ ސަބަބުން ތަހައްމަލުކުރަންޖެހޭނެ ދައްޗެކެވެ. މިހާރުވެސް އާސަންދައިގެ ގޮތުގައި ކުރަންޖެހޭ ހަރަދަކީ ދައުލަތަށް ބުރައެކެވެ. އުމުރު ދުވަސްވާ ވަރަކަށް ދިމާވާ ސިއްހީ މައްސަލަތައް އިތުރުވެ އެއާއިއެކު ހަރަދުތައްވެސް އިތުރުވެގެންދެއެވެ. އެއީ ފެންނަން އޮތް ހަގީގަތެކެވެ. ޕެންޝަން ނިޒާމުގެ ދަށުން ކުރަންޖެހޭ ހަރަދުތައް އިތުރުވެގެންދިއުމަކީވެސް ހަމަ މިފަދަ އެއްކަމެވެ.
މި ދަތިކަން އޮތީ ހަމައެކަނި ރާއްޖެއަކަށް ނޫނެވެ. ޖަޕާނު، އިޓަލީ އަދި ޖަރުމަނުވިލާތު ފަދަ ބޮޑެތި ކުރިއަރާފައިވާ ގައުމުތަކުގައިވެސް މި ދަތިކަން ފާހަގަކުރެވި އެކި ދާއިރާތަކުން ހައްލުތައް ހޯދުމަށްޓަކައި މަސައްކަތްތައް ކުރެވެމުންދެއެވެ. މި މައްސަލަ ދިމާވަނީ އާބާދީގެ ތެރޭގައި ދަރިން ހޯދާ ނުވަތަ އިތުރުކުރުމަށް މަސައްކަތްކުރަންވީ އުމުރުފުރައިގެ މީހުން އެކަމަށް ފަސްޖެހުމުންނެވެ.
ރާއްޖޭގައި ދަރިން ހޯދުމަށް ފަސްޖެހޭ ސަބަބުތައް
މިއަދު ދިވެހިންގެ ތެރޭގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު ދިރިއުޅުމުގެ ހަރަދު ފަރުނުޖެއްސޭކަމަކީ ދަރިން ހޯދުމަށް ބައެއް ފަރާތްތަކުން ފަސްޖެހޭ ކަމެއްގެ ގޮތުގައި ފެނިގެންދެއެވެ. ހަރަދު ބޮޑުވަނީ އާމްދަނީއާއި އަޅާބަލާއިރުއެވެ. އެކަށީގެންވާ އާމްދަނީއެއް ނުލިބޭކަމަށްވުމުން ނަފްސަށް އިންވެސްޓުކުރުމަށްފަހު ބާކީ އެހެން ކަމަކަށް ޖާގަ ނެތްކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ސޯޝަލްމީޑިއާގައި ފާޅުކުރެއެވެ. ހަގީގަތެކެވެ. އެޕާޓްމަންޓެއްވެސް 15000 ރުފިޔާއެވެ. އެވަރެޖް މުސާރަ އެއަށްވުރެ ކުޑައެވެ.
އެޕާޓްމަންޓެއް ހަމަޖެހުނަސް އެތަނަކީ އެއްކޮޓަރި ތަނަކަށްވުމުން ނުވަތަ ކިރިޔާ ދިރިއުޅެވޭ މިންވަރުގެ ތަނަކަށްވުމުންވެސް ބައެއް ފަރާތްތަކުން މި މަސައްކަތްތަކުގައި އަހުލުވެރިވާން ފަސްޖެހެއެވެ. ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ ސްކީމްތައްވެސް ތައާރަފްކޮށްފިއެވެ. ނަމަވެސް އެ ސްކީމްތަކަކީ މި ކަންކަން އޮތް މިންވަރަށް ސީދާ ރިއާޔަތްކުރެވި ބިނާކުރެވުނު ސްކީމްތަކެއްކަމަށް މިއަދު އިވޭ އަޑުތަކުންނާއި ހައްލެއް އައިސްފައިވާ މަންޒަރު ފެންނަން ނެތުމުން ބުނެވެން ނެތެވެ.
ވަގުތަކީވެސް މިއަދު ރައްޔިތުންގެ ތެރޭގައި އޮތް ދަތިކަމެކެވެ. ބޭބީ ސިޓިންއަށް ހަރަދެއްކުރާ ވަރުގެ މާލީ ހަކަތައެއް ގިނަ މީހުންގެ ކިބައިގައި ނެތްކަމަށް ފެންނައިރު އާމްދަނީއެއް ހޯދުމަށްޓަކައި ރެއާއި ދުވާލު އޮފީހެއްގެ މޭޒު ދޮށުގައި އިންނަން ޖެހޭކަމަށްވުމުން ދަރިން ހޯދައިގެން ދޭންޖެހޭ ވަގުތުތައް ދެވެން ނެތްކަމުގެ ކަންބޮޑުވުންވެސް އެބަ އޮތެވެ.
ޖީލަކަށް ފަހު ޖީލެއް ދަނީ ބިޒީ ވަމުންނެވެ. ގައުމު ކުރިއަރަމުންދާ ވަރަކަށް މަސައްކަތްތަކުގެ މާހައުލާއި ވައްޓަފާޅިއަށްވެސް ބޮޑެތި ބަދަލުތައް އައިސްފިއެވެ. ބައެއް އޮފީސްތަކަކީ 24 ގަޑީރު 7 ދުވަހު ހިންގާ ތަންތަނެވެ. އިންސާނީ ވަސީލަތްތަކަކީ ތާށި އެއްޗެކެވެ. އޯވާރޓައިމް އާންމެވެ. އަރަމުންދާ އަގުތަކާއިއެކު ދިރިއުޅުމުގެ ހަރަދުތައް ފަރުޖައްސައި ނޭވާއެއް ލުމަށް ގިނަ މީހުންނަށް އެނޫން ގޮތެއްވެސް ނެތެވެ. ދަރިންގެ ހުވަފެން ނުދެކެނީއެއް ނޫނެވެ. އަތްފޯރާ ފަށްވުރެ ދުރުން ފެންނަނީއެވެ.
ރާއްޖޭގައި ދަރިމައިވުމުގެ ދަތިތައް ހުރިކަންވެސް އެނގެއެވެ. ހަމައެކަނި އަންހެނުންނެއް ނޫނެވެ. ފިރިހެނުންނަށްވެސް އޮތް ދައްޗެކެވެ. މިކަން އޮތް މިންވަރު އިންވީޓްރޯއަށް އޮތް ޑިމާންޑުން އެނގެއެވެ. އެހެންކަމުން ސިއްހީ ދުޅަހެޔޮކަން ގެއްލިގެންދިއުމަކީވެސް އަދުގެ ޖީލުތަކަށް މި މަގުން ކުރިއަށް ދިއުމުގެ އޮތް ދައްޗެއްކަމަށް ފެނިގެންދެއެވެ.
ހައްލުކުރުމަށް އެހެނިހެން ގައުމުތަކުގައި ކުރެވިފައިވާ މަސައްކަތްތައް
އާބާދީ އިތުރުވަމުންދާ ދުވެލި މަޑުވެގެންދާ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން ގިނަ ގައުމުތަކަކުން މަސައްކަތްތައް ފަށައިފިއެވެ. ރާއްޖޭގައިވެސް ސިޔާސީ އަދި ސަރުކާރުގެ ބޭފުޅުންގެ ދުލުންވެސް މި މައްސަލައިގައި ކަންބޮޑުވުން އޮތްކަން އިވިގެންދެއެވެ.
ޖަޕާނުގައި އާއިލާއެއްގައި ހުންނަ ކޮންމެ ކުޑަކުއްޖަކަށް ހާއްސަ އެލޮވެންސެއް ދެއެވެ. މީގެ ތެރޭގައި އެއްފަހަރާ ގަނޑުކޮށްދޭ ފައިސާގެ އިތުރުން މަހުން މަހަށްދޭ އިނާޔަތަކާއި އެހެނިހެން ބައެއް ލުއިތައްވެސް ހިމެނެއެވެ. އަވަށްޓެރި ޗައިނާގައި އައިވީއެފްއަށް ސިއްހީ ނިޒާމުގެ ތެރެއިން ކަވަރެޖް ލިބެއެވެ. ރާއްޖޭގައިވެސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންވަނީ މިކަން ފަހިކޮށްދެއްވާފައެވެ.
ފްރާންސްގައިވެސް މާލީ އެހީތެރިކަން ލިބޭއިރު ވަޒީފާ އަދާކުރާ މައިންބަފައިންނަށް މުސާރަދޭ ގޮތަށް ޗުއްޓީ ހަމަޖެއްސުން ފަދަ ކަންކަންވެސް ފަހިކޮށްފައިވާކަމަށް ބައެއް ފަރާތްތަކުން ރިޕޯޓުކުރެއެވެ. ޕޮލަންޑު ފަދަ ގައުމުތަކުގައި ހައުސިންގް ސަޕޯޓު ދެއެވެ. ކެނެޑާގައި ކޮންމެ ކުއްޖަކަށް އަހަރެއްގެ މައްޗަށް އެ ގައުމުގެ ފައިސާއިން ހަ ހާސް ލިބެއެވެ.
ރާއްޖޭގައި ކުރެވިދާނެ ކަންކަން
ރާއްޖޭގެ މާލީ ހާލަތު ހުރިގޮތުން ގަނޑުކޮށް ކޮންމެ އާއިލާއަކަށް ފައިސާތަކެއް ދިނުން ދަތި ކަމަކަށްވުން އެކަށީގެންވެއެވެ. މިހާރުވެސް ދަރިން ވިހުމުން މައިންނަށް ޗުއްޓީ އަދި ބައެއް ތަންތަނުގައި ބަފައިންނަށްވެސް ދެއެވެ. ޕެއިޑް، އަންޕެއިޑް ބިނާވަނީ އެތަނެއްގެ އުސޫލުގެ މައްޗަށެވެ. މިއީ އެއް ގަލަކަށް އެރުވިދާނެ ކަމެކެވެ.
ބޮޑެތި ގެތަކެއް ނުދެވުނަސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުތަކުގެ ތެރޭގައި ތިބި މީހުންގެ ތެރެއިން ކުލިން ކޮންމެވެސް މިންވަރެއް މައާފްކޮށްދިނުމަކީވެސް ކުރެވިދާނެ ކަމެކެވެ. އަދަދަކާއި އުމުރުފުރައެއްގެ މައްޗަށް އެއްބަސްވެ ބާތު ސެޓިފިކެޓް ހަވާލުކުރުމުން އެ ސްކީމްތަކުގެ ތެރެއިން ކޮންމެސް ލުޔެއް ދިނުމުގެ ނިޒާމެއް ކަނޑައެޅިދާނެއެވެ.
ދަރިން ބަލައި ބޮޑުކޮށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ ވަކި ކުޑަ އިންވެސްޓްމެންޓެއް ނޫނެވެ. އަމަލީގޮތުން ހާޒިރުވެ ރެޔާ ދުވާލު ހުންނަން ޖެހޭއިރު އެކުދިންނަކީ ދިވެހި ގައުމުގެ ކުރިމަގު، ރާއްޖޭގެ އިގްތިސާދު އަދި އެހެނިހެން މުހިންމު ކަންކަންވެސް ދަމަހައްޓައި ކޮޅަށް ޖެހުމަށް ތައްޔާރުކުރެވޭ އަގުހުރި ވަސީލަތްތަކެކެވެ. އެހެންކަމުން ގޭގައި ތިބެ އެހެނިހެން ކަންކަން ދޫކޮށްލައި އެ މާތް ހިދުމަތުގައި ތިބޭ މައިންގެ އަގު ވަޒަން ކުރެވިގެންދިއުމަކީ ޔަގީނުންވެސް ދަރިން ހޯދުމަށް ބާރު އެޅިގެންދާނެ ކަމެކެވެ.
ދިރިއުޅުމުގެ ހަރަދަށް ރިއާޔަތްކޮށް ޕްރައިވެޓް ސެކްޓަރގެ މުސާރައިގެ އަދަދުތައްވެސް ވަކި މިންވަރަކަށްވުރެ ދަށް ނުވާނެ އިންތިޒާމެއް ހަމަޖައްސަން މުއާމަލާތްތަކެއް ކުރެވިދާނެއެވެ. މިފަދަ ކަންކަމަށް އެއްބަސްވާ ކުންފުނިތަކަށް ސަރުކާރުން ޓެކްސް ނަގާއިރު ކޮންމެވެސް ލުޔެއް ހަަޖައްސައިދެވިދާނެއެވެ.
އާހިރުގައި ދަންނަވަން އޮތީ، އާބާދީ އިތުރުވެގެންދާ ދުވެލި މަޑުވެގެންދިއުމަކީ އެ ގައުމެއްގެ ހަކަތަ ނެތިގެންދިއުމެވެ. އެހެންކަމުން، މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ފިޔަވަޅުތަކެއް އީޖާދުކޮށް، ހައްލުތަކެއް ގެންނަންޖެހޭކަމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ދިވެހިރާއްޖޭގެ ދެމެހެއްޓިނިވި ކުރިއެރުމަކަށްޓަކައި ޒުވާން، ހަކަތަގަދަ އާބާދީއެއް އޮތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި މިކަން ހާސިލުކުރުމަށްޓަކައި އެކުވެރި ރޫހެއްގައި މަސައްކަތްކުރުން މުހިންމެވެ.

