މިއަދު 13:30 އިން 17:00 އަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތި، ބްރިޖާއި ހައިވޭގައި، ދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
އަދި ފުލުހުންވަނީ މި ވަގުތުތަކުގައި، ދަތުރުތައް ކުރެއްވުމަށް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރައްވަންވެސް އިލްތިމާސްކޮށްފައެވެ.
މުޅި ރާއްޖެއަށް މެޓް އޮފީހުން ސަމާލު ނެރިފައިވަނީ މިއަދު މެންދުރު 13:30 އިން ހަވީރު 17:00 އަށެވެ.
މެޓް އޮފީހުން ނެރިފައިވާ ސަމާލުގައި އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފަވެއެވެ.
މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.
ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ވެސް މެޓުން ވިދާޅުވެއެވެ.
ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވާއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓުން މައުލޫމަތު ދެއެވެ.
މެޓް އޮފީހުގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ. މަކުނުދޫއަށެވެ. މިގޮތުން މަކުނުދޫއަށް 23.0 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

