އަށް މަހުގެ ކުއްޖާ ނިޔާވި މައްސަލަ އިތުރަށް ބަލަމުން ގެންދާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.
މި މައްސަލައިގައި އައިޖީއެމްއެޗްގެ އިހުމާލެއްވާކަމަށް އެ ކުއްޖާގެ އާއިލާއިން ވަނީ ތުހުމަތު ކޮށްފައެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ، އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 8 މަހުގެ ތުއްތު ކުއްޖާ ނިޔާވެފައިވާތީ އެ ހޮސްޕިޓަލުން ހިތާމަ ކުރާ ކަމަށެވެ.
ހަމައެއާއެކު، ސިއްޙީ ފަރުވާ ދިނުމާ ގުޅޭގޮތުން އެ ހޮސްޕިޓަލަށް ހުށަހެޅޭ ކޮންމެ ޝަކުވާއަކާއި، ބަލި މީހުންގެ ފަރާތުން ކަންބޮޑުވުން އޮތްކަން އެނގޭ ކޮންމެ ޙާދިސާއަކީވެސް އެ ހޮސްޕިޓަލުން ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ މައްސަލަތަކެއްކަން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ހޮސްޕިޓަލުން ވަނީ މި މައްސަލައާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ބައެއް ވާހަކަތަކާ ގުޅޭ ތަފްސީލުތައް ހިއްސާކޮށްފައެވެ. އެގޮތުން އެ ކުއްޖާގެ ބަލީގެ ހާލަތު ހުރި ގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން ދިޔައީ ގާތުން މޮނިޓާކޮށް އެ ވަގުތު ދެވޭނެ ފަރުވާދީ ގުޅުން ހުރި ލެއާއި އެހެނިހެން ތަހުލީލްތައް ކުރެވި ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންކަން މި މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އެނގޭކަމަށް ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އެ ޑިޕާޓްމަންޓްގެ މެޑިކަލް އޮފިސަރުގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ވޯޑުތަކަށް ޒިޔާރަތްކޮށް ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކު ވެސް ކުއްޖާ ބަލާފައިވާކަން ރެކޯޑުތަކުންވެސް ދައްކާކަމަށް އައިޖީއެމްއެޗުގެ ބަޔާނުގައި ބުނެފައިވެއެވެ.
ހަމައެއާއެކު، ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އަމަލުކުރާ ގޮތަށް ބަލާއިރު، އައިސީޔޫގައި ފަރުވާ ދޭންޖެހޭ ކަމަށް ޑޮކްޓަރުން ލަފާދެއްވައިފިނަމަ އެކަން ހަމަޖެއްސެވުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތް ކުރާ ކަމަށާއި، ހޮސްޕިޓަލުގެ އައިސީޔޫ ފުރިއްޖެ ހާލަތުގައި މާލޭގެ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ޓްރާންސްފާ ކުރުމުގެ އިންތިޒާމް ހޮސްޕިޓަލުން ހަމަޖައްސައި ދޭކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ ތުއްތު ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް ވެސް ޖެހޭ ހުމެއް ނުވަތަ އިންފެކްޝަނަކާ ގުޅިގެން ދިމާވާ އިތުރު އެހެން ނުރައްކާތެރި ބައެއް ކަންކަމަކީ ފުރާނައަށް ވެސް ގެއްލުން ވެދާނެފަދަ އަދި ސިއްހީ ފަރުވާގައި ދުރާލާ ދެނެގަންނަން އުނދަގޫ ކަންކަން ކަމަށާއި، އަދި އެފަދަ ބައެއް ބަލިތަކުގައި ކުއްލިއަކަށް ހާލަތު ނުރައްކާވެދާނެ ފަހަރުވެސް ދިމާވެދާނެ ކަމަށެވެ.
އެހެންނަމަވެސް މިފަދަ ކޮންމެ ހާދިސާއެއް ދިމާވުމާއެކު ހޮސްޕިޓަލްތަކުގެ އެތެރޭގެ ތަހުގީގެއް ކުރެވި ހިދުމަތާއި ފަރުވާ އިތުރަށް ރަނގަޅު ކުރެވިދާނެ ގޮތްތައް ދެނެގަނެވޭ ކަމަށާއި، އަށް މަހުގެ ކުއްޖާ ނިޔާވި މައްސަލަ ވެސް ހޮސްޕިޓަލުން ގެންދަނީ އިތުރަށް ބަލަމުން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މައްސަލައެއް ބަލާ ބެލުމުގައި ހޮސްޕިޓަލުގައި ބަލިމީހުންނާއި އާއިލާގެ ފަރާތުން ކުރާ ތަޖުރިބާ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވި އެ ކަންކަން އިސްލާހު ކުރާކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

