އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ޝަމްއާން ވަހީދު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރުތައް ސްޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ. އެހެންކަމުން ޝަމްއާން ހުންނަނީ މި މައްސަލައާ ގުޅިގެން ބަންދުގައެވެ. ހޯމަ ދުވަހުގެ މި އަޑުއެހުމުގައި އޭނާ ބައިވެރިވީ ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ހުރެގެންނެވެ.
އެހެންކަމުން ގާޒީ ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ތިބެންޖެހޭނީ ރިމާންޑު ޖަލުގައި ކަމަށެވެ. އަދި އޭނާއަކީ 6 އޭޕްރީލްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކަށްވާއިރު، މިހާ ދުވަސްވީއިރު ރިމާންޑު ޖަލަކަށް ބަދަލު ނުކުރެވިވާތީ ގާޒީ ވަނީ ނުރުހުން ފާޅު ކުރައްވާފައެވެ. އަދި ގާޒީ ވަނީ މާދަމާގެ ނިޔަލަށް އޭނާ ރިމާންޑު ޖަލަކަށް ބަދަލު ކުރުމަށްފަހު ކޯޓަށް އެކަން އެންގުމަށް ދައުލަތަށް ދަންނަވާފައެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ޝަމްއާން ރިމާންޑު ޖަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި، މިވަގުތު ބަދަލު ނުކުރެވި ވަނީ ޖާގައިގެ ދަތިކަން ހުރުމުން ކަމަށެވެ. ނަމަވެސް ގާޒީ ވަނީ މާދަމާގެ ނިޔަލަށް ރިމާންޑު ޖަލަށް ބަދަލު ކުރެވެންވާނެކަމަށް ވިދާޅުވެ، ބަދަލު ނުކުރެވޭނަމަ އެކަމުގެ ސަބަބުތައް ތަފްސީލާއެކު ޝަރީއަތާ ހިއްސާކުރުމަށް އަންގަވާފައެވެ.
ހަމައެއާއެކު، ޤާނޫނުގައި ވަކި ގޮތަކަށް އަމަލު ކުރަން އޮންނައިރު، އެކަން ނުކުރެވި މިހާ ދުވަސްވެގެންދާއިރު ދައުލަތުންވެސް އެކަމުގައި ފިޔަވަޅުތަކެއް އަޅަންޖެހޭނެކަމަށް ގާޒީ ވިދާޅުވިއެވެ.
މި މައްސަލައިގައި ޝަމްއާންގެ ފަރާތުން ވަނީ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުން އެދި ބަންދު މުރާޖައާ ކޮށްދިނުމަށް އެދި ހުށަހަޅާފައެވެ. އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި އެ ބައި ކުރިއަށް ގެންދަވާނެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

