ޑެބިޓް ކާޑުން ބޭރުގެ މުޢާމަލާތްތަކަށް މަހަކު 500 ޑޮލަރު ލިބިގެންދިއުމަކީ ޤައުމުގައި ދިމާވެފައިވާ ކަންކަން އިސްލާހުކުރުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާއެއް ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ، ”ގަހެއް އިންދާތަނުން މޭވާއެއް ނުލިބޭނެ“ކަމަށެވެ. އަދި މިއީ ޤައުމުގައި ދިމާވެފައިވާ އެތައް މައްސަލަތަކަކަށް ފާޑުކިޔުންތައް އަމާޒުވަމުންދަނިކޮށް، ސަރުކާރުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންދާކަމުގެ ފުރިހަމަ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު ޝަރީފް ފާހަގަކުރެއްވި ގޮތުގައި މިއީ އޮފް ސީޒަން ކަމަށްވެފައި، ޤައުމަށް ޑޮލަރު ވަންނަ މަގު ދަތިވެފައިވާ ދަނޑިވަޅެއްގައި، ބޭންކް އޮފް މޯލްޑިވްސްއިން ޑެބިޓް ކާޑުގެ ލިމިޓް 500 ޑޮލަރަށް އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކަންކަން އިސްލާހުވަމުންދާކަމުގެ ހެއްކެކެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ސަރުކާރުން ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް ގެނައި ބަދަލުތަކާއެކު ކަޅުބާޒާރުގެ އަގުތަކަށް ބަދަލު އަތުވެދާނެ ކަމަށާއި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އަޅުއްވާފައިވާ މި ހަރުދަނާ ފިޔަވަޅުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އިއުލާންކޮށްފައިވާ ގޮތުގައި މާދަމާއިން ފެށިގެން ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މަހަކު 500 ޑޮލަރަށް ބޮޑުކުރެވޭނެއެވެ. މެންބަރު ޝަރީފް ވިދާޅުވީ މި ސަރުކާރުގެ ދެ އަހަރުގެ މުއްދަތުގައި އަޅަމުންދާ ފިޔަވަޅުތަކުން ފެންނަމުންދަނީ ޤައުމަށް ރަނގަޅު ގޮތްކަމަށެވެ.

