އޮންލައިން ވިޔަފާރި ވެބްސައިޓުތަކުން ކުރާ ބޭރު ފައިސާގެ މުޢާމަލާތްތަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 30 އިންސައްތަ ނެގުމަށް ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ފައިސާގެ އަގު ދަށްކުރުވާނެ ކަމެއް ކަމަށް އިދިކޮޅު ލީޑަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، މިހާރު ބީއެމްއެލްއިން ނަގަން ނިންމާފައިވާ 30 އިންސައްތައަކީ، ކުރިން ނުރަސްމީ ގޮތުން ހިނގަމުން އައި ޑޮލަރުގެ ވަގު ވިޔަފާރީގެ މާކެޓަށް ރަސްމީ ސިފައެއް ގެނެސްދޭ ކަމެކެވެ. އަދި މިއީ މިހާރުގެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ފެއިލިއަރއެއް ކަމަށް ވެސް ފައްޔާޒް ފާހަގަކުރެއްވިއެވެ.
”މިއީ އަޅުގަނޑުމެންގެ އިޤްތިޞާދު ހަމަމަގުން ނެއްޓި، ރަނގަޅަށް މެނޭޖް ނުކުރެވޭކަމުގެ ހެއްކެއް. އަދި މިއީ އާންމު ރައްޔިތުންނަށް އިތުރު ބުރައެއް ކުރިމަތިކުރުވާނެ ކަމެއް،“ ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، މިއީ ސަރުކާރުން ގެންގުޅޭ ނުބައި އިޤްތިޞާދީ އަދި ބޭރު ފައިސާގެ ސިޔާސަތުތަކުގެ ސަބަބުން ދިމާވާ އިތުރު މައްސަލައެކެވެ. އަދި މިކަމުގެ ސަބަބުން ސިޔާސަތުތަކުގެ ފެއިލިއަރގެ ބުރަ އާންމު ރައްޔިތުންނަށް އުފުލަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުން ކަމާބެހޭ ފަންނީ މާހިރުންނާއި ވިޔަފާރިވެރިންގެ މަޝްވަރާ ހޯދުމަށް ފައްޔާޒު ގޮވާލައްވާފައިވެއެވެ. އަދި އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ކުރިން މިކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފައިވެއެވެ.

