ހަންކެޑެ މަޝްރޫއު ހުއްޓާލާ, އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްޤީކުރަން ނިންމި ނިންމުމާއި ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.
އަޒާން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ހަންކެޑެ މަޝްރޫއު އަކީ ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްޤީކުރަން ނިންމާފައިވާ މަޝްރޫއެއް ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައިއިރު ލޯނު އެއްބަސްވުމުގަ ސޮއިކޮށްފައި ނުވިނަމަވެސް، ލޯނުގެ ކަންކަން އޮތީ ވަރަށް އެޑްވާންސްޑް ސްޓޭޖެއްގައި ކަމަށާއި އަދި ކޮންޓްރެކްޓަރަށް ދައްކަންޖެހޭ އެޑްވާންސް ފައިސާއިން ބައެއް ވެސް އޭރު ދައްކާފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ މި ސަރުކާރުން ނިންމީ ކުރީސަރުކާރުން ފަށާފައި އޮތް ހަންކެނޑެ މަޝްރޫއު ކުރިއަށް ގެންދަން ކަމަށާއި 2024 ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު މަޝްރޫޢު އިފްތިތާޙުކުރުމަށް ބޮޑު ރަސްމިއްޔާތެއް ބޭއްވި ކަމަށް ވިދާޅުވިއެވެ.
އޭގެ ފަހުން ކުއްލިއަކަށް މިހާރު އެ މަޝްރޫއު ކެންސަލްކޮށް އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްޤީކުރަން ސަރުކާރުން ނިންމި ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ހަންކެނޑެ މަޝްރޫއަށް ބޭނުންވާ ލޯނުގެ ކަންކަން މަޑުޖެހިފައިވަނީ ދިވެހި ސަރުކާރުން, ޗައިނާގެ އެކި ބޭންކުތަކަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްދިނުމަށް އެދުމާ ގުޅިގެން ކަމަށް އަޒާން ވިދާޅުވިއެވެ. އެ އިޖުރާއަތުތައް ހިނގަމުން ދަނިކޮށް އާލޯނެއް ދިނުން ޗައިނާގެ ޤާނޫނުތަކާއި ގަވާއިދުތައް ތަން ނުދޭ ކަމަށާއި މެމްބަރުގެ ނަޒަރުގައި ހަންކެނޑެ މަޝްރޫޢުގެ ލޯނުގެ ކަންކަން ހަމަނުޖެހުނީ އެ ލޯނުގެ ކަންތައް ނުނިމެނީސް، ދަރަނި ފަސްކޮށްދޭން ޗައިނާ ސަރުކާރުގައި އެދުމުން ކަމަށް އަޒާން ވިދާޅުވިއެވެ.
”ދެއިރު ދެދަޅައަށް އާ ނަމެއް ކިޔާފަ މަޝްރޫއެއް އިއުލާން ކުރިއަސް، އައްޑޫއަށް އިންވެސްޓު ކުރާނެ ބަޔަކު ހޯދުމަކީ ފަސޭހަކަމެއް ނޫން. އައްޑޫ އަކީ ފަތުރުވެރިކަން އެހާ ބޮޑަށް ކުރިއަރާފައިވާ ސަރަހައްދަކަށް ނުވާތީ، އަބަދުވެސް އައްޑޫއަށް މި ގޮންޖެހުން ކުރިމަތިވޭ. އައްޑޫގަ ހުރި ބައެއް ރަށްތައް ޑިސްކައުންޓު ރޭޓުތަކުގައި އިއުލާން ކުރުމުންވެސް އިންވެސްޓު ކުރާނެ ބަޔަކު ނުވޭ“
އަޒާން ވިދާޅުވީ ސަރުކާރާއި އައްޑޫގެ ވިޔަފާރިވެރިންނާއި ކައުންސިލް ހިމެނޭ ގޮތަށް ހަންކެނޑެ މަޝްރޫޢު ހިމަނައިގެން އައްޑޫ މާކެޓް ކުރުމަށް އެތައް މަސައްކަތެއް ކުރެވި އަދި ކުރެވެމުން ދަނިކޮށް، ކޮންޓްރެކްޓަރަކާ ހަވާލުކުރެވި, ރާއްޖޭގެ ތަރައްޤީގެ ބޮޑު ބައިވެރިއެއް ކަމަށްވާ ޗައިނާގެ ބޭންކަކުން ލޯނެއް ނަގަން ތައްޔާރުވެފައި އޮތް މަޝްރޫއެއް، ކަމާ ގުޅޭ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް، ކުއްލިއަކަށް ހުއްޓާލުމަށް ނިންމުމަކީ ބޭންކުތަކާއި އިންވެސްޓަރުންގެ އިތުބާރުވެސް ގެއްލޭނެ ކަމެއް ކަމަށާއި ސަރުކާރުގެ މި ނިންމުން ބަދަލުކުރުމަށް ގޮވާލާ ކަމަށެވެ.

