މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއު ނިންމާލެވޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރ ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއު ޕްލޭން ކުރެވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށާއި، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ މަޝްރޫއު ނިމޭނެކަމަށެވެ.
މީގެ އިތުރުން، މުޅި މަޝްރޫއުގެ 88 އިންސައްތަ މިހާތަނަށް ނިމިފައިވާ ކަމަށާއި، ރަންވޭ ޤާއިމު ކުރުމުގެ މަސައްކަތްވެސް އެއްކޮށް ނިންމާލެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހަމައެއާއެކު، ފަސިންޖަރ ޓާމިނަލްގެ މަސައްކަތްވެސް 83 އިންސައްތައަށް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، ކާގޯ ބިލްޑިންގ 96 އިންސައްތައަށް ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓު ތަރައްގީކުރުމަކީ މިވަގުތު ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެއް އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓެވެ. އިންޑިއާގެ އެހީއާއިއެކު ކުރިއަށްދާ މި މަޝްރޫޢު ނިންމާލެވުމުން ރާއްޖޭގެ މުޅި އުތުރަށްވެސް އެކަމުގެ ސަބަބުން ބޮޑެތި ބަދަލުތައް އަންނާނެކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.

