އެކި ނަންނަމުގައި ތަފާތު އެލަވަންސްތައް ދިނުމަށް ޔުނިފޯމް އެޅި އިދާރާތަކުން އެދެމުން ދިޔަ ނަމަވެސް އެފަދަ ހުއްދަތައް ދިނުން މަޑުޖައްސާލާފައި ވަނީ މުސާރަ އެއްހަމަ ކުރުމުގެ ތެރޭގައި އެ މުވައްސަސާތައް ވެސް ހިމެނޭތީކަމަށް ނެޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވެއްޖެ އެވެ.
މިއީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ހައުސިން އެލެވެންސް ނުލިބޭތީ، އެކަން ހައްލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ކަރެކްޝަންސްގައި ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި 80 އެއްހާ މުވައްޒަފުން މަސައްކަތް ކުރާއިރު، މި ޕެޓިޝަން ހުށަހަޅާފައި ވަނީ 44 ސޮޔާއި އެކު އެވެ.
ހައުސިން އެލަވަންސަކީ ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން އެކުލެވިފައިވާ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާއާއި ބެހޭ ގަވައިދުގެ ދަށުން ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ދޭ ގޮތަށް ހިމަނާފައިވާ އެލަވަންސެކެވެ. އަދި އެލަވަންސް ދޭނީ އެ އިދާރާގެ މުވައްޒަފުންގެ ތެރެއިން ނިދުމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ މުވައްޒަފުން ނޫން އެހެން މުފައްޒަފުންނަށެވެ.
އެލަވަންސް ދޭނީ ކަރެކްޝަންސްގެ ބަޖެޓު ލިބިފައިވާ މިންވަރަށް ބަލައި، ކަނޑައެޅިފައިވާ އުސޫލުގެ ދަށުންނެވެ.
މި އެލަވަންސް ނުލިބޭތީ ކަރެކްޝަންސްގެ ސިވިލް މުވައްޒަފުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ހޯމް ލޭންޑް މިނިސްޓްރީއަށް އަދި ފިނޭންސް މިނިސްޓްރީގެ އިތުރުން މަޖިލީހަށް ސިޓި ފޮނުވާފަ އެވެ.
މައްސަލައިގައި އޮތް ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި ފައިޒަލް ވިދާޅުވީ، މުވައްޒަފުންގެ ފަރާތުން ލިބުނު ޝަކުވާތަކަށް މިނިސްޓްރީއާއި ޕޭ ކޮމިޝަނުން ވެސް ޖަވާބު ފޮނުވާފައިވާނެކަމަށެވެ.
ފައިޒަލް ވިދާޅުވީ މުސާރަތައް އެއްހަމަކޮށް ހާމަނައިޒް ކުރުމިގެ މަސައްކަތް ޕޭކޮމިޝަނުން ކުރަމުންދާއިރު އޭގެ ތެރޭގައި ހުރިހާ ޔުނިފޯމް އެޅި އިދާރާތައް ހިމެނޭ ކަމަށެވެ. އަދި ކަސްޓަމްސްއާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އަދި އިމިގްރޭޝަން ފަދަ އިދާރާތަކުން މުވައްޒަފުންނަށް އެކި ނަންކަމުގައި ތަފާތު އެލަވަންސް ދޭން ހުއްދައަށް އެދި ފޮނުވާފައިވާކަމަށް ވިދާޅުވި އެވެ.
ފައިޒަލް ވިދާޅުވީ އެ އިދާރާތަކުން އެދިފައިވާ ގޮތަށް އެލަވަންސްތައް ދިނުމަށް ހުއްދަ ދޫކުރާ ހާލަތުގައި ނިކުންނާނެ ގޯސް ނަތީޖާތަކެއް އެބަހުރިކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ މުޖްތަމައުގެ ތެރޭގައި އިދާރާތަކުގެ މެދުގައި އޮންނަ މަސައްކަތާއި، މުސާރައިގެ އަޅާކިއުންތައް ބޮޑުވެގެންދާނެކަމަށް ފައިޒަލް ވިދާޅުވި އެވެ.
އިދާރާތަކުން ބޭނުންވާ ގޮތަށް އެކި އެލަވަންސްތަކަށް ހުއްދަ ދިނުމުން، ހަމަ އެ އެލެވެންސް ދޭން ބޭނުންވެ ހުށަހަޅާނެކަމަށް ފައިޒަލް ވިދާޅުވި އެވެ. ފައިޒަލް ވިދާޅުވީ އެއް އިދާރާއަށް ހުއްދަ ދޫނުކޮށް، އެހެން އިދާރާއަކަށް އެ ހުއްދަ ދޫކުރެވެން ވެސް ނެތްކަމަށެވެ.
މިހާރު މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތް ކުރިޔަށް ދާތީ، ހައްލު އަންނާނެކަން ފާހަގަކޮށް ފައިޒަލް ވިދާޅުވީ އެކި ނަންނަމުގައި ދޭ ތަފާތު އެލަވަންސްތައް މިވަގުތަށް މަޑުޖައްސާލުމަށް އަންގާފައިވާނެކަމަށެވެ.
އެހެން ޔުނީފޯމް ބޮޑީސްތައް ވެސް އެބަހުރި އިނގޭތޯ.. ހަމަ ކަސްޓަމްސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އިމިގްރޭޝަން މި ހުރިހާ އިދާރާތަކުން ވެސް ތަފާތު ނަންނަމުގެ ތަފާތު އެލަވަންސްތައް ހަމަ ދޭން ހުށަހަޅާފަ އެބަހުރި.. އެހެންވީމާ އަޅުގަނޑުމެން ވަކިވަކި އިންސްޓިޓިއުޝަންތަކަށް މިގޮތަށް އެލަވަންސްތައް ދޭން ހުއްދަދީފިއްޔާ އަޅުގަނޑުމެންގެ ކަންތައް ރޭވިފައި މި ހުންނަ ގޮތުން ހަމަ އިންސްޓިޓިއުޝަނަށް ވަރަށް ބޮޑަށް އަޅާކިޔުމުގެ ސަގާފަތެއް މި އޮންނަނީ.. ހަމަ އެއް ތަނަށް އެއް އެލަވަންސްއެއް ދޭއިރަށް ހަމަ އެހެން އިންސްޓިޓިއުޝަން ވެސް ހަމަ އެކަމަށް އެދެމުންދާނެ.. އެހެންވީމާ ހަގީގަތުގައި އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް ދާތީވެ އަޅުގަނޑުމެން އޭރު ވެސް ދަންނަވާފައި އޮންނާނީ އިހަށް މިކަހަލަ އެލަވަންސްތައް އިހަށް މަޑުޖައްސާ ލަންދެން..
ފައިޒަލް ވިދާޅުވީ ސަރުކާރުން ހުރިހާ ޔުނިފޯމް އެޅި އިދާރައިގެ މުސާރައިގެ ފްރޭމްވޯކަށް ބަދަލުތައް ގެނައުމަށް ނިންމާފައިވާކަމަށެވެ. އަދި މި އަހަރު ބާކީ ތިބި ހުރިހާ ސިވިލް ސާވިސްގެ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ފްރޭމްވޯކްގެ މަސައްކަތް ކުރެވޭނެކަމަށް ވިދާޅުވި އެވެ.
އެހެންކަމުން އަންނަ އަހަރު ކަރެކްޝަނަލް ސާވިސް ހިމެނޭ ގޮތަށް އެހެން ޔުނިފޯމް އެޅި އިދާރާތަކުގެ މަސައްކަތް އެގޮތުގެ މަތީން ކުރިޔަށް ދާނެކަން ފައިޒަލް ފާހަގަކުރެއްވި އެވެ.

