މިއަދު މަޖިލީހުން ކުރަމުންދަނީ ޤައުމުގައި ހުރި އެކިއެކި މައްސަލަތައް ޙައްލުކޮށް، ނިޒާމުގައި ހުރި އެކިއެކި މައްސަލަތަކަށް ޙައްލު ހޯދުމުގެ މަސައްކަތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރުދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިފާން ވިދާޅުވީ، 2023 ގެ އިންތިޚާބާ ދިމާކޮށް މިދިޔަ ސަރުކާރުން ބަޖެޓުގައި ހިމެނިފައި ނެތް އެތައް މަޝްރޫއެއް ފެށި ކަމަށެވެ. އަދި އެކަމުގެ ސަބަބުން މި ހިނގަމުންދާ ސަރުކާރު އައިސް މަޝްރޫއުތައް ފައްޓައިގަތުމުގައި ދަތިތައް ދިމާވިކަމަށް އައިފާން ވިދާޅުވިއެވެ.
މީގެ އިތުރުން، މިދިޔަ ސަރުކާރުގައި މަޝްރޫއުތައް ހަވާލުކޮށްފައި ހުރީވެސް ނުއަގުގައިކަމަށް އައިފާން ވިދާޅުވިއެވެ. އަދި ވިދާޅުވީ، މި ސަރުކާރުން މަޝްރޫއުތައް ހުއްޓުވާލުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. ރައީސްގެ ވައުދުފުޅަކީވެސް އެއީކަން އައިފާން ފާހަގަ ކުރެއްވިއެވެ.
މި ސަރުކާރުން އެކަން އެގޮތަކަށް ނުކުރާނެ، ޚާއްސަކޮށް ރައީސް ޑރ މުޙައްމަދު މުއިއްޒު އެގޮތް ބޭނުންފުޅެއް ނުވާނެ
އެހެންނަމަވެސް، މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ތަފާތު އެކިއެކި ގޮންޖެހުންތައްވެސް ހުރިކަމަށާއި، ވެރިކަމާ ޙަވާލުވިއިރު ޤައުމު އޮތް އަސްލު ޙާލަތު އެނގިގެން ދިޔަކަމަށް އައިފާން ވިދާޅުވިއެވެ.
އައިފާން ވިދާޅުވީ، މިއަދު މަޖިލީހުން ކުރަމުންދަނީ މި ކަންކަން ޙައްލުކޮށް، ނިޒާމުގައި ހުރި އެކިއެކި މައްސަލަތައް ޙައްލު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަންކަން މަޖިލީހުން ކުރިއަށް ގެންދާނެކަމަށް އައިފާން ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭރުގެ ދަރަނި އަދާކުރުމުގެ ޤާބިލުކަން ރާއްޖޭގައި އޮތްކަމާއި ނެތްކަމާމެދު މިއަދު އިންވެސްޓަރުންވެސް ސުވާލު އުފައްދާ ކަމަށާއި، މިއީ މިދިޔަ ސަރުކާރުން މި ރާއްޖޭގެ އިޤްތިސާދީ ޙާލަތު ވައްޓާލާފައި އޮތް ނިކަމެތި ޙާލަތު ކަމަށް އައިފާން ވިދާޅުވިއެވެ. އަދި މިއަދު ހުރިހާ ފައިސާއެއްވެސް ޚަރަދު ކުރަމުންދަނީ ދަރަނި އަދާކުރުމަށްކަމަށްވެސް އައިފާން ވިދާޅުވިއެވެ.
ހަމައެއާއެކު، ސިޔާސީ ބޭނުމަށް އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ވާހަކަ ދައްކާނެ ކަމަށާއި، އެތައް ދޮގެއްވެސް ހަދަމުންދާނެކަމަށް އައިފާން ވިދާޅުވިއެވެ. އެގޮތުން އިދިކޮޅުން މަސައްކަތް ކުރަމުންދަނީ އެ މަގަށްކަން އައިފާން ފާހަގަ ކުރެއްވިއެވެ.
އައިފާން ވިދާޅުވީ، ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަން ފުއްދުމާއި، ރައްޔިތުންގެ ކަންކަން އިސްކުރުމުގައި މި ސަރުކާރުން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. ދައުލަތުން މަސައްކަތް ކުރަމުންދާނީ ރައްޔިތުންގެ ލާބައާއި މަންފާއަށްކަމަށްވެސް އައިފާން ވިދާޅުވިއެވެ.

