ކެނެޑާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ މުޙައްމަދު މުއިއްޒު ފޮނުއްވަވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ކެނެޑާ ޑޭގެ ތަހުނިޔާ އެ ޤައުމުގެ ގަވަރުނަރ ރިޓަޔަރޑް ހޮނަރަބަލް މެރީ ސައިމންއަށާއި ބޮޑުވަޒީރު ހިސް އެކްސެލެންސީ މާކް ކާނޭއަށް ފޮނުއްވަވާފައެވެ. އަދި މި ތަހުނިޔާގައި އެ ޤައުމުގެ ރައްޔިތުންވެސް ވަނީ ހިމަނުއްވާފައެވެ.
ރައީސް ވަނީ ރާއްޖެއާއި ކެނެޑާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރި ފަހުން މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދެ ޤައުމުގެ ގުޅުން ބަދަހިވެފައިވާ މިންވަރަށް އަލިއަޅުވާލައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުން ގުޅިގެން މަސައްކަތްކޮށް، މި ގުޅުން އިތުރަށް ބަދަހި ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
ކެނެޑާ ޑޭ އަކީ އެ ޤައުމުގެ ޤައުމީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ ފުރަތަމަ ދުވަހު ފާހަގަ ކުރަމުންދާ ދުވަހެކެވެ.
ރާއްޖެއާއި ކެނެޑާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 19 ޖެނުއަރީ 1983 ގައެވެ.

