ރާއްޖޭގެ ޖުނިއަރ ސްކޮޑަކަށް ތަމްރީނުދިނުމަށް އިންޑިއާގެ އެންމެ ރަނގަޅު އެއް ކެރޮމް ޓްރެއިންން ސެންޓަރާއިއެކު މަޝްވަރާކޮށްފައިވާ ކަމަށް ކެރޮމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ރައުޝާން ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ރައުޝާން ވިދާޅުވީ 2024ގައި ކެރަމް އެސޯޗިއޭޝަންގައި އަލަށް އެކެޑެމީތަކެއް އުފެދިގެން ޖޫނިއަރ ކުޅުންތެރިންތަކެއް ތައާރަފްކުރަމުން އައި ކަމަށެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ ޖޫނިއަރ އެތުލީޓުންތަކެއް އުފެދިފައިވާ ކަމަށް ރައުޝާން ފާހަގަކުރެއްވިއެވެ.
ރައުޝާން ވިދާޅުވީ ޖޫނިއަރ ކުޅުންތެރިން ރަނގަޅޫ ލެވެލްއެއްގައި ކޮމްޕީޓް ކުރަމުން އަންނަނީ ވަރަށް ދިގު ތާރީހަކަށް ފަހު ކަމަށެވެ. ގައުމީ މުބާރާޓެއް ބާއްވަނީވެސް އެ ކުޅުންތެރިންނަށް އެކުދިންގެ ލެވެލްގައި އިންޓަރ ސްކޫލް ފިޔަވާ އެހެން މުބާރާތެއް ދިނުމުގެ މަގުސަދުގައި ކަމަށް ރައުޝާން ވިދާޅުވިއެވެ.
”މީގެކުރިން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ހަމަ އިންޓަރސްކޫލް އެއީ އެކަނި ޖޫނިއަރ ކުދިންނަށް ޕާފޯމެންސް ދައްކާލަން ލިބޭ ޕްލެޓްފޯމް އަކީ. ދެން ހަމަ އިންޓަރސްކޫލަށް ފަހު އެކުދިން ގެއްލިގެން ދާތަން މި ފެންނަނީ. އެހެން ދިޔަ ނުދިނުމަށް އަދި އެކުދިންގެ ލެވެލްގައި ރަނގަޅު މުބާރާތްތަކެއް އެކުދިން ކުޅުމަށްޓަކައި ޖޫނިއަރ ގައުމީ މުބާރާތެއް އަޅުގަނޑުމެން މި ތައާރަފްކުރީ“
ރައުޝާން ވިދާޅުވީ ޖޫނިއަރ ގައުމީ މުބާރާތް ދެ އުމުރުފުރާއަކަށް ބަހާލައިފައިވާ ކަމަށެވެ. އެއީ 15 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ދެ އުމުރުފުރާ ކަމަށެވެ. 15 އަހަރުން ދަށުގައި ފިރިހެން 54 ކުޅުންތެރިން އަދި އަންހެން 21 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ. 19 އަހަރުން ދަށުގައި ފިރިހެން 30 ކުޅުންތެރިން އަދި އަންހެން 20 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށް ރައުޝާން ވިދާޅުވިއެވެ.
ރައުޝާން ވިދާޅުވީ ލޯކަލް މުބާރާތްތަކުގެ ފޯމެޓްތަކަށްވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ކުރިން ލޯކަލް މުބާރާތްތަކުގައި ހަމައެކަނި ސީނިއަރ އިވެންޓުތައް ކަމަށާއި އެހެންނަމަވެސް މިހާރު ކޮންމެ މުބާރާތަކަށްވެސް ޖޫނިއަރ އިވެންޓެއް ލާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ބައިނަލްއަގުވާމީ އެކި ޕްރޮގްރާމްތަކުގައި އެތުލީޓުން ބައިވެރިކުރުވާ އެކުދިންނަށް ޓްރެއިންނިންގ ދިނުމުގެ ކަންކަންވެސް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ކަމަށް ރައުޝާން ވިދާޅުވިއެވެ.

