20 އަހަރުދުވަސްވަންދެން އެމްޑީޕީ ދެމިއޮތީ، ވަކި މީހަކަށް ނިސްބަތްވާ ޕާޓީއަކަށް ނުވާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގުރާމުގައި ޔައުގޫބް ވިދާޅުވީ، އެމްޑީޕީ އުފެދިގެން، މިއަދާއި ހަމަޔަށް ދެމިއޮތުމުގެ މައިގަނޑު ސަބަބަކީ، ވަކި މީހަކަށް ނިސްބަތްވާ ޕާޓީއަކަށް ނުވާތީކަމަށެވެ. އަދި އެމްޑީޕީގެ ނަމުގައިވެސް ބަޔާންކޮށްފައި ވަނީ ޕާޓީއަކީ ރައްޔިތުންގެ ޕާޓީކަމަށާއި، ރާއްޖޭގައި ރައްޔިތުން ދެމިތިބޭހާ ހިންދަކު އެމްޑީޕީ އޮންނާނީ އެގޮތުގައިކަމަށް ޔައުގޫބް ވިދާޅުވިއެވެ.
އެހެންވީމަ އޭގެ މީ.. ދަލީލެއް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، 20 ވަނަ އަހަރީ ދުވަސް، މިދިޔަ ހަފްތާގައި ފާހަގަކޮށްގެން ކުރިއަށް މިދަނީ..
ޔައުގޫބް ވިދާޅުވީ، އެމްޑީޕީއަށް 20 އަހަރު ފުރިގެންދިޔައިރު، ވަރަށް ގިނަ ކާމިޔާބީތައް ހާސިލުކުރެވިފައިވާކަމަށެވެ. އޭގެ ތެރޭގައި، ރިޔާސީ އިންތިހާބް 2 ފަހަރު ކާމިޔާބުކުރުން ހިމެނޭކަމަށް ޔައުގޫބްވިދާޅުވިއެވެ.
ހަގީގަތުގައި، އެމްޑީޕީއަށް ތިން ރިޔާސީ އިންތިހާބް ކާމިޔާބުކުރެވުނު އިރު، އޭގެ ތެރެއިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފެށުން ކޯޓު މަރުހަލާގައި އެ ޕާޓީއަށް ލިބެން އޮތް ވެރިކަން ނިގުޅައިގަތީކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ތާރީހުގައި އެންމެ ގިނަ އިންތިހާބު ކާމިޔާބުކޮށްފައިވާނީވެސް، އެމްޑީޕީކަމަށާއި އެއީ އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީތަކުގައި ހިމެނޭ ކާމިޔާބީއެއްކަމަށް ޔައުގޫބް ވިދާޅުވިއެވެ.
ދާދިފަހުން އެމްޑީޕީއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޕާޓީ ވުޖޫދަށް ގެނައުމުގައި އަދި އެތައް އަހަރުތަކެއް ވަންދެން އެމްޑީޕީ ކުރިއެރުވުމުގައި ޝާމިލުވެ ހުންނެވި ރައީސް މުހައްމަދު ނަޝީދު ޕާޓީން ވަކިވުންކަމަަށް ޔައުގޫބް ވިދާޅުވި އެވެ. އަދި އޭރު ހިޔާލުތަފާތުވުންތައް އުފެދި، ބައިބައިވުމުގެ ސަބަބުން ރިޔާސީ އިންތިހާބު އެމްޑީޕީގެ އަތުން ގެއްލުނީކަމަށް ޔައުގޫބް ވިދާޅުވިއެވެ. މިއީ އެމްޑީޕީއަށް ފުރުނު 20 އަހަރުގެ ތެރޭގައި ޕާޓީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންކަމަށް ޔައުގޫބް ވިދާޅުވިއެވެ.
އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް، މިކަހަލަ ގެއްލުމަކީ، ޖެހިގެން އަންނަ ދުވަހުން އަރައިގަނެވޭނެހާ ފަސޭހަކަމެއްނޫން
ޔައުގޫބް ވިދާޅުވީ، އެމްޑީޕީ ބައިވައިވެ ދިޔައިރުގައި، ޕާޓީން ވަކިވެގެން ދިޔައީ ކޮން ބައެއްކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެކަމަށެވެ.
އެމްޑީޕީން ވަކިވެ، އަލުން ޕާޓީއަށް ގުޅިވަޑައިގަތް ބޭފުޅުންގެ ތެރޭގައި އެމްޑީޕީ އުފެދުމުގައި އެންމެ އިސް ރޯލެއް އަދާކުރެއްވި ރައީސް ނަޝީދު، އެމްޑީޕީއާއި ވަކިވެ ހުންނަވާ، އަނބުރާ ޕާޓީއަށް ގުޅިވަޑައިގަތުމުގެ މަންޒަރު ފެންނަ ފަރާތްތަކަށް ސިފަވާނީ ރައީސް ނަޝީދު އަނބުރާ ޕާޓީއަށް ގުޅިވަޑައިގަތް މަންޒަރުކަމަށް ޔައުގޫބް ވިދާޅުވިއެވެ. އެހެންނަމަވެސް، ރައީސް ނަޝީދު އެމްޑީޕީއަށް އަލުން ގުޅިވަޑައިގަތުމުގައި، އެމްޑީޕީގެ އާންމު މެމްބަރުންނަށް ނުފެންނަ، ފަރުދާއެއް ފަހަތުގައި ވަރަށް ބޮޑެތި ގުރުބާނީތަކާއި މަސައްކަތްކޮށްފައިވާ ބައެއްވާކަމަށް ޔައުގޫބް ވިދާޅުވިއެވެ.
ޔުއުގޫބް އިތުރަށް ވިދާޅުވީ، އެމްޑީޕީއާއި ވަކިވެގެންދިޔަ ފަރާތްތައް ވަކިވެދިޔަތާ، އެއް އަހަރެއްހާ ދުވަސްވީއިރު، ޕާޓީއާއި ވަކިވެ ހުންނެވި ފަރާތްތައް އަނބުރާ ގެނައުމުގައި ޕާޓީގެ ތެރެއިން ބަޔަކު ވަރަށް ގިނަ މަސައްކަތްތަކެއްކޮށްގެން، އެމްޑީޕީއަށް އެފަރާތްތައް އަނބުރާ ގެނެސް، އެންމެން އެއްބައިވަންތަކަމާއިއެކު އެމްޑީޕީއަށް ކުރިއަށްދާން ފުރުސަތު ލިބިގެންދިޔަކަމަށެވެ. އަދި، އެމްޑީޕީން ވަކިވެ ހުންނެވި ފަރާތްތައް، އަނބުރާ ޕާޓީއަށް ގެނައުމުގައި ކުރެވުނު މަަސައްކަތަކީ، އެމްޑީޕީއަށް ލިބުުނު އެންމެ ބޮޑު ކާމިޔާބީކަމަށް ޔައުގޫބް ވިދާޅުވިއެވެ.

