ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތިމާވެށި ރައްކާތެރިކުރުމުގެ އާ ޕްރޮގްރާމް، އީއެންވީ ޕީއޯއެސްގެ ދަށުން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ޕާލޭ މޯލްޑިވްސްއާއެކު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އީއެންވީ ޕީއޯއެސްގެ ދަށުން، ބީއެމްއެލްގެ ކާޑު މެޝިންތަކުން ކުރެވޭ ކޮންމެ މުޢާމަލާތަކަށް، ކަސްޓަމަރު އަދި ވިޔަފާރިވެރިތަކުން އަތުން އެއްވެސް އަދަދެއް ނެގުމެއްނެތި، ބޭންކުގެ އާމްދަނީން ވަކި މިންވަރެއް ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ހޭދަކުރަން ވަނީ ނިންމައިފައެވެ. އެހެންކަމުން އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެއެވެ.
އީއެންވީ ޕީއޯއެސްގެ ދަށުން، ޕާލޭގެ ”އެވޮއިޑް. އިންޓަރސެޕްޓް. ރީޑިޒައިން“ ސްޓްރެޓެޖީގެ ތެރެއިން، ޕްލާސްޓިކް ކުނި ޖަރުމަނާއި ޓައިވާން އަދި މެލޭޝިއާއަށް ރީސައިކަލް ކުރުމަށް ފޮނުވުމުގެ މަސައްކަތުގައި ބޭންކުން ޕާލޭއަށް އެހީތެރިވެދޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ކަނޑަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ ތަނެއްކަމަށެވެ. އެހެންނަމަވެސް ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކާއި ވަސީލަތްތަކަށް ނުރައްކާވަމުންދާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެއްވި އެވެ.
ޝަރީފް ވިދާޅުވީ ކަނޑުތައް ރައްކާތެރިކުރުމަށާއި، ޕްލާސްޓިކްގެ ބޭނުން މަދުކުރުމަށާއި، ތަކެތި އުފެއްދުމުގެ ކުރިމަގު ބަދަލުކުރުމަށް ޕާލޭއިން ކުރާ މަސައްކަތަށް އެހީތެރިވެ، ބަދަލެއް ގެނައުމަށް ޕާލޭއާއެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތާމެދު ފަހުރުވެރިވާކަމަށެވެ. މި ބައިވެރިވުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، އައު ބޭންކް ކާޑުތައް ރާއްޖެއިން ބޭރުކުރާ ޕްލާސްޓިކުން ތައްޔާރުކުރާ ޕާލޭ އޯޝަން ޕްލާސްޓިކްއިން އުފެއްދުމަށް ވެސް ތައްޔާރުވަމުން ދާކަމަށް ޝަރީފް ވިދާޅުވި އެވެ.
މި ބައިވެރިވުމާ ގުޅޭގޮތުން ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ޝާހީނާ ޢަލީ ވިދާޅުވީ، ކަނޑުގެ ވެށްޓަށް މުހިންމު ބަދަލެއް ގެނައުމަށާއި، ކަނޑަށް އަޅާ ޕްލާސްޓިކް އިންޓަރސެޕްޓް ކުރުމަށް ޕާލޭއިން ކުރާ މަސައްކަތް ފުޅާކުރުމަށް ބީއެމްއެލްއާއެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތާއި މެދު އުފާކުރާ ކަމަށެވެ.
އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްއިން ގެންގުޅޭ ދިގު މުއްދަތުގެ އަމާޒުގެ ދަށުން، ކަސްޓަމަރުންދުވަހުން ދުވަހަށް ކުރާ މުޢާމަލާތްތަކުގައި އީއެންވީ ޕީއޯއެސް ޓާމިނަލްތައް ބޭނުންކޮށްގެން ފެހި މުސްތަގުބަލަކަށް މަގު ތަނަވަސްކޮށްދޭނެ ޕްރޮގްރާމެކެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއި އޭޓީއެމް އަދި ޑިޖިޓަލް ބޭންކިންގ ޚިދުމަތްތަކާއެކު، ބީއެމްއެލް އަކީ ރާއްޖޭގެ މާލީ ނިޒާމުގެ މުހިންމު އިދާރާއެކެވެ.

