މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ލާމަރުކަޒީ ނިޒާމު ހަރަދު ބޮޑުކަމަށް ބުނެ ކައުންސިލް މެމްބަރުން މަދުކޮށް، އެޓޯލްސް މިނިސްޓްރީއެއް އުފައްދައި އެތަނަށް ސިޔާސީ މުވައްޒަފުން އައްޔަނު ކުރަންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމާއި ގުޅޭގޮތުން އެމްޑީޕީ މިރޭ ކުރިޔަށް ގެންދިޔަ ގައުމީ މަޖިލިސް ބައްދަލުވުމުގަ އެވެ.
މިރޭގެ ބައްދަލުވުމުގައި އެމްޑީޕީ ވަނީ އިންތިހާބަށް އިއުލާނު ކުރާނެ ތާރީހާއި، ޕްރައިމެރީގެ ތާރީހު އިއުލާނުކޮށްފަ އެވެ. އަދި އިންތިހާބާއި ގުޅޭ ޓައިމްލައިނެއް އާންމު ކުރިއިރު އެ ކަރުދާހުގައިވާ ގޮތުގައި އިންތިހާބުގައި ވާދަކުރެވޭނީ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމެއް ފުރިހަމަ ކުރާ ފަރާތްތަކަށް އެކަންޏެވެ.
އަންނަ މަހު އިންތިހާބަށް އިއުލާނުކޮށް، ޕާޓީން ނިންމާފައި ވަނީ ޖެނުއަރީ މަހުގެ 10 ގައި އިންތިހާބު ބޭއްވުމަށެވެ.
މިރޭގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީ އެކުލަވާލާފައިވާ ކަރުދާހާއި ދެކޮޅަށް ސަރުކާރުން މަސައްކަތްތަކެއް ކުރާނެކަމަށް ބެލެވޭ ކަމަށެވެ. އެއީ މިއަދު ވެރިކަމުގައި ތިބީ ލާމަރުކަޒީ ނިޒާމު އެއްވެސް މިންވަރަކަށް ގަބޫލު ނުކުރާ، ބާރު ޖަމާކުރުމުގެ ވިސްނުން ގެންގުޅޭ ބަޔަކަށް ވީތީކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖޭގެ ރަށްތައް ކުރިއަރުވައި، ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވާ ވެރިއެއް ނޫނެވެ. އަދި އެމަނިކުފާނު މިހާރު މަސައްކަތް ކުރަމުން ގެންދަވަނީ ލާމަރުކަޒީ ނިޒާމު ހަރަދު ބޮޑުކަމަށް ބުނެ ކައުންސިލް މެމްބަރުން މަދުކުރަންކަމަށް ތުހުމަތު ކުރެއްވި އެވެ.
އެ މަސައްކަތުގެ ބޭނުމަކީ ޝާހިދު ވިދާޅުވި ގޮތުގައި ކައުންސިލަރުން މަދުކޮށް، އެޓޯލްސް މިނިސްޓްރީ އުފެއްދުމެވެ. އަދި އެ މިނިސްޓްރީއަށް އެކި ސިޔާސީ މުވައްޒަފުން ނަގަމުންދާ މަންޒަރު ފެންނާނެކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުގެ ނަޒަރުގައި މިއަދުގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް އެއްވެސް މިންވަރަކަށް ލާމަރުކަޒީ ނިޒާމު ގަބޫލު ކުރާ ބައެއް ނޫން.. އަދި ލާމަރުކަޒީ ނިޒާމު ގަބޫލު ނުކުރާތަނުގައި އެޓޯލްސް މިނިސްޓްރީ އުފައްދައިގެން މިނިސްޓްރީގެ ދަށުން ހިންގުމުގެ ކަންކަން ދަނީ.. މިހާރު ރަށްރަށުން ކައުންސިލަރުން މަދު ކުރުމުގެ ވެސް ބޭނުމަކަށް ވަނީ އަޅުގަނޑު ގަބޫލު ކުރާ އަދަދަށް ސްޓޭޓުންނާއި ނައިބުންގެ ގޮތުގައި އެޓޯލްސް މިނިސްޓްރީއަށް މީހުން ލުން..
ޝާހިދު ވިދާޅުވީ އާންމު ރައްޔިތުން ސަރުކާރާއި މެދު ހިތްހަމަނުޖެހޭކަން ވަރަށް ސާފުކޮށް އެނގެން އެބައޮތްކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުން ބޮޑުތަނުން ބަލިވެ އެތައް ދާއިރާއެއް ގެއްލިގެންދާނެކަމަށް ޝާހިދު ވިދާޅުވި އެވެ.
މި އިންތިހާބަށް އެމްޑީޕީ އެކުގައި ގުޅިގެން މަސައްކަތް ކުރުމުން ނަތީޖާ ނެރެވޭނެކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެމްޑީޕީއަށް ދާދި ފަހުން 20 އަހަރު ފުރިގެން ދިޔައިރު އެކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ޕާޓީން ދޭ ހަދިޔާއަކީ އިންތިހާބުގެ ކާމިޔާބީކަމަށް ހެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

