ސްމޯލް އައިލެންޑު ޑިވެލޮޕިންގސްޓޭޓްސްތަކަށް ދެމެހެއްޓެނެވި ގޮތެއްގައި، އެ ގައުމުތައް ތަރައްގީވުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަރަނިކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ، ފޯތް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓޫ“(އެފްއެފްޑީ4)ގެ ބައްދަލުވުންތަކުގެ އެއްފަރާތުގައި ބޭވުނު ”ޑެބްތު ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް“އިވެންޓުގައި ހިތާބެއް ދެއްވަމުންނެވެ.
މި އިވެންޓުގައި، ނައިބު ރައީސްއާއިއެކު، އަންޓިގުއާ އެންޑު ބަރުބޫޑާގެ ބޮޑު ވަޒީރު ގަސްޓޯން ބްރައުންއާއި، އިކޮނޮމިކް އެންޑު ސޯޝަލް އެފެއާޒްގެ އަންޑާ ސެކެޓަރީ ލީ ޖުންހުއާގެ އިތުރުން ލީސްޓު ޑިވެލޮޕްޑް ކަންޓްރީސް، ލޭންޑު ލޮކްޑު ޑިވެލޮޕިންގ ކަންޓްރީސް އެންޑޫ ސްމޯލް ޑިވެލޮޕިންގެ ސްޓޭޓްސްގެ އަންޑާ ސެކެޓަރީ ޖެނެރަލް އެންޑު ހައި ރެޕްރެޒެންޓޭޓިވް ރަބާބް ފާތިމާ ވަނީ ބައިވެރިވެލައްވައިފައެވެ.
ޑެބްތު ސަސްޓެއިނަބިލިޓީ އިވެންޓުގައި ހިތާބު ދެއްވަމުން ނައިބު ރައީސް ވިދާޅުވީ، ކުޑަ އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ދަރަނިއަކީ، ސަރުކާރު އެންމެ އެކަށީގެންވާ ގޮތުގައި ނުބެލެހެއްޓުމުގެ ސަބަބުން ކުރިމަތިވި ކަމެއްކަމަށާއި، އެއީ އިންޓަނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗަރގެ ނިޒާމު ފެއިލުވުމުގެ ސަބަބުން ކުރިމަތިވިކަމެއްކަމަށެވެ.
ނައިބު ރައީސް ވަނީ، ފައިނޭންޝަލް ރީފޯމެއް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވާ، ކުޑަ އަދި ތަރައްގީވަމުން އަންނަ ގައުމުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރެވި، ފިސްކަލް ޖާގައާއި ކޮންސެންޝަނަލް ނުވަތަ ލުއި ފައިނޭންސް އަދި މެނޭޖްކުރެވޭނެ ޑެބްތު ޕޯޓްފޯލިއޯއެއް ބޭނުންވާނެކަމަށެވެ.
ނައިބު ރައީސް ވަނީ، ރާއްޖެއިން ކުޑަ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ޑެބްތު ސަސްޓެއިނަބިލިޓީ ސަޕޯޓު ސާވިސްއަށް ތާއިދުކުރައްވާކަމަށާއި އެ ހިދުމަތުގެ ހިންގުން އަވަސްކުރެއްވުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި ކުޑަ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ، އިލްމާއި އެންމެ ރަނގަޅު އުސޫލްތަކުގެ ހަބެއްގެ ގޮތުގައި ހިދުމަތްކޮށް، ދަރަނީ އިތުރުވުމެއްނެތި އިނޮވޭޓިވް އަދި ހޯމްގްރޯން މަސައްކަތްތަކަށް އެހީތެރިވެދޭނެކަމަށް ނައިބު ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
ނައިބު ރައީސް އެފްއެފްޑީ4 ކުރިއަށް ގެންދަނީ ސްޕެއިނުގެ ސެވިލްގައެވެ. އެގޮތުން، މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ސްޕެއިނަށް ފުރާވަޑައިގަތީ 2025 ޖޫން 27 ވާ ހުކުރު ދުވަހުގެ ހެނދުނު ވަގުތެއްގައެވެ. އަދި، ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް އޮފިޝަލުންވެސް، މި ކޮންފަރެންސްގައި ރާއްޖޭ ތަމްސީލުކުރައްވާނެއެވެ.
އެފްޑީއެފްޑީ4އަކީ ސިލްސިލާގޮތެއްގައި އެކި ގައުމުތަކާއި، އ.ދއާއި ވިޔަފާރިތަކުގެ ބައިވެރިވުމާއިއެކު ފައިނޭންޝަލް ރީފޯމްއާއި ގުޅޭގޮތުން ވާހަކަދައްކާ މަޝްވަރާކުރުމުގެ ގޮތުން ބާއްވާ ކޮންފަރެންސްއެވެ. އެގޮތުން، މި ކޮންފަރެސްގެ ސިލްސިލާގެ އެންމެ ފަހުން ބޭއްވުނީ އިތިއޯޕިއާގެ އައްޑަބިސް އަބާބާގަ، 2015 ވަނަ އަހަރުގައެވެ.

