ރާއްޖޭގައި ޙަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވަނީ 3 ޕާޓީއެއްގައިކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރި މައުލޫމާތުތަކުން އެނގިއްޖެއެވެ.
ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ކޮންމެ 6 މަހަކުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު ކަށުވަރުކޮށް އާންމު ކުރުމަކީ އިލެކްޝަންސް ކޮމިޝަނުންގެ ޒިންމާއެކެވެ. އެގޮތުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 10،000 މެމްބަރުން ހަމަވަނީ 3 ޕާޓީއެއްގައެވެ.
އެއީ ޕީއެންސީ، އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީއެވެ. އަދި 68،665 މެމްބަރުންނާއެކު މިވަގުތު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ.
މީގެ އިތުރުން، އެމްޑީޕީގައި 43،756 މެމްބަރުން ތިބިއިރު، ޖުމްހޫރީ ޕާޓީގައި ތިބީ 13،456 މެމްބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިވަގުތު ރާއްޖޭގައި ރަޖިސްޓްރީކޮށް ޙަރަކާތްތެރިވަމުންދާ 9 ޕާޓީއެއް ހިމެނޭއިރު، އޭގެ ތެރޭގައި 3000 މެމްބަރުން ހަމަނުވާ ޕާޓީއެއްވެސް ހިމެނެއެވެ. އެއީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްއެވެ.
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު:
- ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ: 43,765
- ޢަދާލަތު ޕާޓީ: 8,844
- ޖުމްހޫރީ ޕާޓީ: 13,456
- މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 9,011
- މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް: 2,272
- ޕީޕަލްސް ނެޝަނަލް ކޮންގްރެސް: 68,665
- މޯލްޑިވްސް ނެޝަނަލް ޕާޓީ: 5,836
- ދަ ޑިމޮކްރެޓްސް: 3,547
- ޕީޕަލްސް ނޭޝަނަލް ފްރަންޓް: 3,046
އެ ކޮމިޝަނުން ބަލަހައްޓަމުންގެންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަނީ އީ-ފާސް މެދުވެރިކޮށްކޮމިޝަނުގެ ޕޯޓަލްއަށްކަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި އަލަށް ގެނެވުނު ބަދަލުތަކާއެކު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރާގުޅޭގޮތުން ހުށަހަޅަމުންދާ މައްސަލަތައް މިހާރު ވަނީ ހުއްޓިފައެވެ. އަދި އެ ކޮމިޝަނުގެ މައި ޕޯޓަލްގެ ގިނަ ޚިދުމަތްތައް މިހާރު އާންމު ރައްޔިތުން ދަނީ ބޭނުންކުރަމުންނެވެ. އެގޮތުން ޕާޓީއަށް ވަނުމާއި ވަކިވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ނޫޅޭކަމުގެ ލިޔުންވެސް މިހާރު އާންމު ރައްޔިތުންނަށް ދޫކުރަނީ މައި ޕޯޓަލް މެދުވެރިކޮށެވެ.

