މާލޭގައި ރަހީނުކޮށްފައި ހުރި ބަންގްލަދޭޝް ފިރިހެނެއް ދިވެހި ފުލުހުންގެ ހިދުމަތުން ސަލާމަތްކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މީހަކު ގެއެއްގައި ބަންދުކޮށްފައި ހުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 6:00 ހާއިރުއެވެ. މި މައުލޫމާތާ އެކު ވަގުތުން ފުލުހުން އެ ސަރަހައްދަށް ގޮސް، އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އެ މީހާ ވަނީ ސަލާމަތްކޮށްފައެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، ރަހީނުކޮށްފައި ހުރި މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އޭނާގެ ސިއްހީ ހާލަތު ބެލުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.

