ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫޙު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.
އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ 23 ޖޫން 2025 ގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައެވެ. އެގޮތުން މަމްދޫހު ހާޒިރުނުވެގެން ގިނަ އަޑުއެހުންތަކެއް ކެންސަލްކުރަން ޖެހޭތީ ގާޒީ އެ ދުވަހު ވަނީ މަމްދޫޙު ޝަރީއަތް ނިމެންދެން ބަންދު ކުރެއްވުމަށް ނިންމަވާފައެވެ.
މި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، ބުރާސްފަތި ދުވަހުގެ މި އަޑުއެހުމުގައި 3 ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ. އެ 3 ހެކިންނަކީވެސް މި މުއާމަލާތުގައި އެޕާޓްމަންޓު ގަތުމަށް ފައިސާ ދެއްކި މީހުންނެވެ.
މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުގެ ބައެއް ހެކިން ރާއްޖެއިން ބޭރުގައި ތިބުމާއެކު އެ ހެކިވެރިންގެ ހެކިބަސް 10 ޖުލައިގެ ފަހުގެ ތާރީޚެއްގައި ކުރިއަށް ގެންދިއުމަށް އެދޭކަމަށެވެ. ސަބަބަކީ މިހާރު ތާވަލު ކުރެވިފައިވާގޮތުން ޖުލައި 7 އަދި 9 ވަނަ ދުވަހުވެސް އަޑުއެހުން ބޭއްވުމަށް ތާވަލު ކުރެވިފައިވެއެވެ.
އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، މިހާރު ސެކްޝަނަށް ލިބިފައިވާ ދުވަސްތަކަށް ބަލާއިރު، ޖުލައި 10 ގެ ފަހަށް އަޑުއެހުން ލަސްކުރާނަމަ ދެން އަޑުއެހުމެއް ބޭއްވެން އޮތީ އަންނަ އޯގަސްޓު މަހު ކަމަށެވެ.
އެއަށްފަހު ގާޒީ ވަނީ މި މައްސަލައިގައި ދައުވާލިބޭ ޙަސަން މަމްދޫޙު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައެވެ. އެގޮތުން އަޑުއެހުންތަކަށް ބަރާބަރަށް ހާޒިރުވުމާއި، ޝަރީއަތަށް އެއްބާރުލުން ދިނުމަށް ގާޒީ ވަނީ ޝަރުތު ކުރައްވާފައެވެ. އަދި ވިދާޅުވީ، ދެން ޙަސަން މަމްދޫހު ހާޒިރުނުވެގެން އަޑުއެހުން ކެންސަލް ކުރަންޖެހިއްޖެނަމަ މުޅި ޝަރީއަތް ނިމެންދެން އަނެއްކާވެސް ބަންދު ކުރައްވާނެ ކަމަށެވެ.
މި މައްސަލައިގައި މަމްދޫޙުގެ މައްޗަށް 104 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި ޖައިޝާން ސައީދުގެ މައްޗަށް 97 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ.
މައްސަލައިގެ ފަސްފަހަތް:
މި މައްސަލައިގައި ކޯޓުގައި އުފުލާފައިވާ ދައުވާތަކުގައި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން، މަނީ ލޯންޑްރިންގއާއި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާތަކެއް ހިމެނެއެވެ.
މަމްދޫހުގެ ވަކީލުން ނެރުނު ބަޔާނުގައި ވާގޮތުން އެ މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ މަމްދޫހު އާއި، ކޮރެއާ ރައްޔިތެއް ހިއްސާވާ ހަންބޯ ކޮމްޕެނީ ލިމިޓެޑް (ހަންބޯ ޓެކް) ކުންފުންޏާއެވެ. އަދި، ޗައިނާގެ ޖިންޝީ ހޫގެ ހިއްސާ އޮންނަ ހަންބޯ މޯލްޑިވްސް އަކީ އެ މަސައްކަތުގެ ލޮޖިސްޓިކްސް ކަންކަން ހަމަޖެއްސުމަށް އެކުލަވާލި ލޯކަލް ކުންފުންޏެއް ކަމަށެވެ.
ހަންބޯ މޯލްޑިވްސްގެ ޗައިނާ ހިއްސާދާރު، ޖިންޝީ ހޫއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ބަޔާނުގައި ވާ ގޮތުން، ކޮވިޑާއި ހަމައަށް ކޭޕާކު ފްލެޓުތަކުގެ މަސައްކަތްތައް ހިނގަމުން ދިޔައީ ވަރަށް ރަނގަޅަށެވެ. ނަމަވެސް މަމްދޫހުއާއި ޖިންޝީ ހޫ ދެއާމެދު މައްސަލަ ޖެހުނު ހިސާބުން ހޫ ހަންބޯ ޓެކުގެ އޮފީހަށް ވަދެ، މަމްދޫހުއާއި ދެމެދު މާރާމާރީވެސް ހިންގިއެވެ. އަދި އޮފީހުގައި ހުރި ބައެއް ލިޔެކިޔުންތައް ވަގަށް ގެންގޮސްފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

