މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 2 ވަނަ ފިޔަވަހި ނިމުމާއެކު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފަރާތުން ރާއްޖެއަށް ކަނއަޅާފައިވާ އެމްބެސެޑަރ ޝައިޚް ރަހްމާ އަބްދުއްރަޙްމާން ރަހްމާ އަބްދުއްރަޙްމާން އަލް ޝަމްސީ އާއި އަދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) ގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ 2 ފިޔަވައްސަކަށް ބަހާލައިގެން އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) މެދުވެރިކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެހީގެދަށުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އެއާޕޯޓް ތަރައްގީ ކުރުމަށް 23 ޖެނުއަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖެއާއި ޓަފް އޮފްޝޯ އެންޖިނިއަރިންގ ސަރވިސަސް ޕްރައިވެޓް ލިމިޓްޑް އާއި ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 49 މިލިއަން އެމެރިކާ ޑޮލަރެވެ.
މި އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކަކީ:
- ރަންވޭއަށް ބޭނުންވާ ބިން ހިއްކުން އަދި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރުން
- 2200 މީޓަރު ދިގު ރަންވޭއެއް ހެދުން (ޓެކްސީވޭ، އެޕްރަން އަދި ފަޔަރޕެޑް/ ރޯޑް އާއެކު)
- ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޕެސެންޖަރ ޓަރމިނަލް ޢިމާރާތެއް ހެދުން
- ފަޔަރ އެންޑް ރެސްކިއު ސްޓޭޝަން އަދި ކޮންޓްރޯލް ޓަވަރު ހެދުން
- މެއިންޓެނަންސް ހޭންގާރ ހެދުން
- ޕެސެންޖަރ ޖެޓީ އަދި ވީވީއައިޕީ ޕެސެންޖަރ ޖެޓީ ހެދުން
- ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން
- މެޓް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން
- ސެކިއުރިޓީ ފެންސް ހެދުން
- ގްރައުންޑް ހެންޑްލިންގ އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީކުރުމަށް 27 ޑިސެމްބަރ 2022 ގައި އޭ.ޑީ.އެފް.ޑީ އާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާއި އެކު 8 ޑިސެމްބަރ 2022 ގައި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެމް.ޓީ.ސީ.ސީ އާއި އެކު ވެވުނު އެއްބަސްވުމުގެ ޖުމްލަ އަގަކީ 27 މިލިއަން އެމެރިކާ ޑޮލަރެވެ. 2 ވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމިފައިވަނީ 6ޑިސެމްބަރު 2024 ގައެވެ.
2ވަނަ ފިޔަވަހީގެ އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކަކީ:
- ކޯޑް އީ އެއާކްރާފްޓް ޖެއްސުމަށް، ފުރަތަމަ ފިޔަވަހީގެ ދަށުން ހެދިފައިވާ 2200 މީޓަރު ދިގުމިނުގެ ރަންވޭއަށް އިތުރު 650 މީޓާރު އިތުރުކޮށް، ރަންވޭ ފުޅާކުރުން
- ރަންވޭ ދިގުކުރުމަށް އަދި ފުޅާކުރުމަށް ބޭނުންވާ ބިންހިއްކުން އަދި ޝގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުން
- ރަންވޭ އެއާފީލްޑް އަދި އެއާފީލްޑް ލައިޓް އަޕްގްރޭޑް ކުރުން

