ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ރާއްޖެއާއި ދެމެދުއޮތް ގުޅުން ދައްކުވައިދޭ ބިނާރަކީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މާފަރު އެއަޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މުއްތަލިބް ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ ތަރައްގީގައި ނ އަތޮޅުގެ މުހިންމުކަން ރަމްޒުކޮށްދޭ ދުވަހެއް ކަމަށެވެ. މިއަދު ފާހަގަކުރަނީ ހަމައެކަނި އެއަރޕޯޓު ހުޅުވުން ނޫން ކަމަށާއި މިއަދަކީ ރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއިދެމެދު އޮތް ބަދަހިގުޅުންވެސް ފާހަގަކުރާ ދުވަސްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދެގައުމުގެ ގުޅުން އެންމެ ބޮޑަށް ދައްކުވައިދޭ ބިނާރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މަޝްރޫއުއެއް ކަމަށެވެ.
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ 2 ފިޔަވައްސަކަށް ބަހާލައިގެން އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) މެދުވެރިކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެހީގެދަށުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ފުރަތަމަ ފިޔަވަހީގައި އެއާޕޯޓް ތަރައްގީ ކުރުމަށް 23 ޖެނުއަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖެއާއި ޓަފް އޮފްޝޯ އެންޖިނިއަރިންގ ސަރވިސަސް ޕްރައިވެޓް ލިމިޓްޑް އާއި ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި ވާކަމަށާއި މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 49 މިލިއަން އެމެރިކާ ޑޮލަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނ އަތޮޅަކީ ގުދުރަތީގޮތުން ބަލާއިރު ރާއްޖޭގައި އޮތް އެންމެ ރީތި އެއް އަތޮޅުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނ އަތޮޅަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެތަކެއް ރިސޯޓުތަކެއް ހުރި އޮތޮޅެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިވަގުތު އެއްތައް ސަތޭކަ ޑޮލަރުގެ އިންވެސްޓުމެންޓުތަކެއްވެސް ހިނގަމުންދާ އަތޮޅެއް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރަށް މިނިސްޓަރ ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ވާންޖެހޭނީ މިއޮތޮޅުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތަކަށް ހުޅުވޭ ދޮރަކަށް ކަމަށެވެ. މިއަންނަ ތަރައްޤީއަކީ ހަމައެކަނި އާންމު ރައްޔިތުން ބަލަން ތިބޭ ތަރައްޤީއަކަށް ވެގެން ނުވާނެ ކަމަށާއި ރައްޔިތުންވާންޖެހޭނީ މިތަރައްޤީގެ ބައިވެރިންނަށް ކަމަށް ވިދާޅުވިއެވެ.

