ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން: ތަރައްޤީގެ އައު ހަރުފަތަކަށް

default
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށްޓަކައި މުހިއްމު ބަދަލެއް ގެނައުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. މާލޭގެ ވިޔަފާރި ބަނދަރުތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މާލޭ ވިޔާފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނެސް، މޮޑަން ފެސިލިޓިތަކަކާއެކު ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމް ގާއިމްކުރުމެވެ.

މަޝްރޫއުގެ ތަފްސީލް:

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމެޕީ (އެމްޓީސީސީ) އާއި ހަވާލުކޮށް 60 މީޓަރުގެ ކީ ވޯލްއެއް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި 100 މީޓަރުގެ ކީ ވޯލް ޖެހުމަށް މިހާރުވަނީ ކޮންޓްރެކްޓަރެއް ހޯދުމަށް އިއުލާންކުރެވިފައެވެ. އަދި އަންނަ އަހަރުގެ ފަހު ކޮޅު 100 މީޓާރު ކީ ވޯލްގެ މަސައްކަތްވެސް ނިމޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ. އަދި 375 މީޓަރުގެ މެއިން ކީ ވޯލް ޖެހުމުގެ ޕްރޮޖެކްޓް އިއުލާންކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސްއެމްޕީއެލްއިން ބުންޏެވެ.

ތިލަފުށީގައި ތަރައްޤީކުރެވޭ ބަނދަރުގައި ފުލް ސްކޯޕްގައި އޮޕަރޭޓްވެގެންދާމި ބަނދަރުގައި ޓްރާންސްޝިޕްމަންޓަށްވެސް ފުރުސަތުދެވޭނެ ކަމަށެވެ. މިހާރު އިން ޕްލޭންގައިވެސް ޓްރާންސްޝިޕްމަންޓަށް ބޭނުންވާ ޔާޑް ސްޕޭސް ކްރިއޭޓްވެގެންދާނެ ކަމަށްއެމްޕީއެލްއިން ބުންޏެވެ. އަދި ތިލަފުށީގައި ޑޮމެސްޓިކް ކީ ވޯލްގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރެވިގެން ދާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

ތިލަފުށީގައި ތަރައްގީކުރަމުން އަންނަ މަލްޓި ޕަރޕަޒް ފޯޓް ފެސިލިޓީގެ ދަށުން ގާއިމުކުރާ އެމްޕްޓީ ކޮންޓެއިނަރު ފެސިލިޓީ، ޝެޑިއުލްކުރެވިފައިވާ ގޮތަށް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނިމޭނެކަމަށް އެމްޕީއެލްއިން ބުންޏެވެ. މި މަޝްރޫއަކީ މާލޭ ބަނދަރުގައިމިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ކޮންމެވެސްވަރެއްގެ ލުއިތަކެއް ހޯދައިދީ، ވިޔަފާރީގެ ކަންކަން ހަރުދަނާކޮށްދިނުމަށް އެޅޭމުހިންމު ފިޔަވަޅެކެވެ. ތިލަފުށީގައި ތަރައްގީކުރަމުންދާ މި މަލްޓި ޕަރޕަޒް ފޯޓް ފެސިލިޓީގެ ފުރަތަމަ ފިޔަވަހީގެ ދަށުން މައިގަނޑު ތިންކޮމްޕޯނެންޓެއް ހިމެނެއެވެ. އެއީ އެމްޕްޓީ ކޮންޓެއިނަރުތައް ހެންޑަލް ކުރުމަށް ޚާއްސަކުރެވިގެން ހަދާ ފެސިލިޓީ އާއި، ތިލަފުށި ކާގޯ ހެންޑްލިންގ ފެސިލިޓީއާއި، ކޮމާޝަލް ލޮޖިސްޓިކް ޒޯނެވެ.

މަސައްކަތް ފެށުން އަދި ނިމޭނެ ތާރީޚު

މި މަސައްކަތް މިހާރު މިވަނީ ފެށިފައެވެ. ލަފާކުރެވޭ ގޮތުގައި 2028 ގެ ކުރިން މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ދަތިތައް އަދި ބަދަލުވުމުން ލިބޭނެ ލުއިތައް

މާލޭ ވިޔަފާރި ބަނދަރަށް ޖާގައިގެ ގޮތުން ދިމާވެފައިވާ ދަތިކަމަކީ މިހާރު ގާތްގަޑަކަށް ޑަބަލްއަށް ވުރެން ބޮޑު ކެޕޭސިޓީއެއްގައި އޮޕަރޭޓްކުރަމުން ދިއުމެވެ. މާލޭ ބަނދަރުގެ އޮޕްޓިމަލް ކެޕޭސިޓީއަކީ 1500 ކޮންޓެއިނަރު ނަމަވެސް، މިހާރު އެބަނދަރުގައި 4،500 އަށްވުރެން ގިނަ ކޮންޓެއިނަރު ހުރެއެވެ. އެހެންކަމުން އިތުރު ކޮންޓެއިނަރުތައް ޖައްސާނެ ޖާގައެއްވެސް ނެތްކަމަށް އެމްޕީއެލްއިން ބުންޏެވެ. އަދި ހުޅުމާލެއަށް ބައެއް ކޮންޓެއިނަރުތައް ގެންގޮސް އެޕޯޓުގައި ބަހައްޓައިގެންވެސް އެތަން ފުރެމުން ދެއެވެ. ބަނދަރުބަދަލުވުމުން، މި ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

ކްލިއަރެންސް މަސައްކަތުގެ ތަފްސީލު

ތިލަފުށީގައި ކްލިއަރެންސް މަސައްކަތް ފެށޭނީ މޮޑަން ސީއެފްއެސް (Container Freight Station) އާއެކުގައެވެ. މާނައަކީ، މިހާރުއޮޕެން ސްޓޯރެޖްއަށް ވުރެން ރަނގަޅު މޮޑަން ފެސިލިޓީއެއް އެތާގެ ސީއެފްއެސްއަށް އިންނާނެއެވެ. އެހެންކަމުން ވަރަށްއެފިޝިއަންޓު ސަރވިސްތައް ދެވިގެންދާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

މި މަޝްރޫޢު ނިމުމުން ލިބޭނެ ފައިދާތައް

މި ޕްރޮޖެކްޓް ރަނގަޅަށް ފޯމިއުލޭޓްކޮށް އޮޕަރޭޓްކުރަން ފެށުމުން، އެމްޕީއެލްގެ އޮޕަރޭޝަނަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެކަމަށް ލަފާކުރެވެއެވެ. ވަކިން ޚާއްސަކޮށް މެއިންޓެނެންސްއާއި، އޮޕަރޭޝަނަށް ކުރާ ޚަރަދު (މިސާލަކަށް ތެޔޮ ޚަރަދު) ދަށްވެގެންދާނެ އެމްޕީއެލްއިން ބުންޏެވެ. މުޅި ބަނދަރުގެ އޮޕަރޭޝަން ތިލަފުއްޓަށް ބަދަލު ނުކުރިއަސް، 100 މީޓަރުގެ ކީޖެހުމާއެކު، މާލޭ ކޮމާޝަލް ހާބަރުގެ ބައެއް އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރެވޭނެއެވެ. ވަކިން ޚާއްސަކޮށް، ދޯނިން ކްލިއަރކުރާ މުދާ (ގާތްގަޑަކަށް 50 އިންސައްތައަށް ވުރެން ގިނަ މުދާ) ކްލިއަރ ކުރުމުގެ މަސައްކަތް އެއްކޮށް ތިލަފުއްޓަށްބަދަލުކުރެވޭނެއެވެ. އިތުރު 375 މީޓަރުގެ ކީ ވޯލެއް ޖެހުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ތިން އަހަރު ތެރޭ ނިންމާލެވޭނެކަމަށާއި،އެ މަސައްކަތް ނިމުމުން މުޅި ބަނދަރުގެ އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުވެގެންދާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ. މީގެއިތުރުން،އެމްޕީއެލްއިން ބުނި ގޮތުގައި، 100 މީޓަރުގެ ކީ ވޯލް ގާއިމުކުރެވި، މޯބައިލް ހާބަރ ކްރޭން ބޭނުންކުރަން ފެށުމާއެކު، މިހާރުބޯޓުތަކުން މުދާ ބޭލުމަށް ނަގާ 7-10 ދުވަހުގެ މުއްދަތު، 48 ގަޑިއިރަށް ކުޑަ ކުރުކުރެވޭނެކަމަށެވެ.

މާލޭ ބަނދަރުގެ ބޭނުން

މާލެ ބަނދަރު ބަދަލުކުރުމަށް ފަހު، އެތަން ކްރޫޒް ޓަރމިނަލްއަކަށް ތަރައްގީކުރާނެއެވެ. މާލޭގައި ކްރޫޒް ޓަރމިނަލްއާއެކު ބައެއްކޮމާޝަލް ޑިވަލޮޕްމަންޓުތައްވެސް އަންނާނެއެވެ. އަދި ރައްޔިތުންނަށް އާންމުކޮށް ބޭނުންކުރެވޭ ޕްބަލިކް ސްޕޭސަސްތައްވެސްކްރިއޭޓްވެގެންދާނެއެވެ.

މަޝްރޫޢުގެ ޖުމްލަ ޚަރަދު

މި މަޝްރޫޢަށް ޖުމްލަ 250 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ. އަދި މުޅި މަޝްރޫޢުގެ މަސައްކަތް 2028 ގެ ކުރިއަށްނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.

ތިލަފުށި ބަނދަރާއި މިހާރުގެ ބަނދަރުގެ ތަފާތުތައް

އެންމެ ބޮޑު ތަފާތަކީ، ތިލަފުށީ ޕޯޓު ތަރައްގީވުމާއެކު، އެތަނުގައި ޝޯ ކްރޭނާއި، އެމްޕީއެލްގެ އަމިއްލަ ކްރޭންއެއް މުދާ ބޭލުމަށްހުންނާނެކަމެވެ. މިހާރުގެ ބަނދަރަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޝޯ ކްރޭން ނުވަތަ މޯބައިލް ހާބަރ ކުރޭން ފަދަ ވަސީލަތެއް ބޭނުން ކުރެވޭ ވަަރުގެ ”ސްޓްރެންތް“ ކީވޯލްގައި ނެތުމެވެ. އެހެންވެ، މިހާރު މުދާ ބާލަން ޖެހެނީ ބޯޓުގައި ހުންނަ ޝިޕް ކްރޭން ބޭނުންކޮށްގެންނެވެ. މި ކްރޭނުން މުދާ ބޭލުމަށް ފުދޭ ވަރެއްގެ ވަގުތު ނަގައެވެ. އެހެންކަމުން އެމްޕީއެލްގެ މޯބައިލް ހަބާރ ކްރޭންއެއް ހުރުމުން މަސައްކަތުގެ ސްޕީޑް އަވަސްވެ، މުދާ ބޭލުމުގެ މަސައްކަތް އަވަސްވެގެންދާނެކަމަށް އެމްޕީއެލްއިން ބުންޏެވެ.

މީގެއިތުރުން ތިލަފުށީގައި އަލަށް ހެދިގެންދާ ކީތަކާއެކު، ރާއްޖެއަށް އަންނަ ހުރިހާ ބޯޓުތައް އަވަހަށް ހުސްކޮށްލެވޭނެއެވެ. މީގެ އިތުރުންޖާގަވެސް އިތުރުވެގެންދާނެއެވެ.  މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ބަނދަރުގެ ހިދުމަތްތައް ހަރުދަނާވެ، ވިޔަފާރީގެ ދާއިރާއަށްބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އާ އުއްމީދުތަކެއް ގެނެސް، ދިރިއުޅުމުގެފެންވަރު ރަނގަޅުވެގެންދާނެކަމީ ޝައްކެއްނެތް ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: