ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމަކީ ހަރަދު ކުޑަކޮށް އިސްލާހު ކުރުންކަމަށް ސަރުކާރުން ބުނި ނަމަވެސް އޮތް ހަމައެކަނި ނިޔަތަކީ ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރުންކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހަސަން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޒިޔާދު ވިދާޅުވީ ސަރުކާރުން ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރުމަށް ބާރު އަޅަނީ ހަރަދު ކުޑަކުރުމުގެ ނަމުގައި ކަމަށެވެ. އަދި މިހާތަނަށް ހަރަދު ކުޑަ ކުރަންކަމަށް ބުނެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ލާމަރުކަޒީ ނިޒާމު ހިމެނޭ އިރު، އޮތް ހަމައެކަނި ހަރަދު ބޮޑު ދާއިރާއަކީ އެއީތޯ ޒިޔާދު ސުވާލު އުފެއްދެވި އެވެ.
ޒިޔާދު ވިދާޅުވީ ރަށަކަށް ފަސް ކައުންސިލަރުން ގިނަކަމަށް ސަރުކާރުގެ މެމްބަރުން ބަހުސް ކުރަމުން ދިޔަ ނަމަވެސް، އޭނާގެ ނަޒަރުގައި އެއީ ރަނގަޅު އަދަދެކެވެ. އަދި މެމްބަރުންގެ އަދަދު 3 އަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލު ނުކުރެވޭކަމަށާއި ބޭނުންވާ ނަތީޖާތައް އޭގެ ސަބަބުން ނުނެރެވޭނެކަމަށް ޒިޔާދު ވިދަޅުވި އެވެ.
ޒިޔާދު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުން ވަނީ ހަރަދު ކުޑަކޮށް ނިޒާމަށް އެއްވެސް ބަދަލެއް ގެންނާކަށް ނޫނެވެ. އޭގެ ސަބަބުގައި މުޅި މައްސަލަ ގޮސް ވަަށައި ޖެހެނީ، މެމްބަރުންގެ އަދަދު މަދު ކުރުމާއިކަމަށް ޒިޔާދު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރުވާން ދާއިރު، އެމްޑީޕީގެ ވެރިކަމުގައި ހަރަރު ބޮޑުކޮށް ކުރީ ކީއްކަން އަދި މިހާތަނަށް ބުނެ ނުދެވޭކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި ފައިސާ ހަރަދުކޮށްފައި ހުރި ގޮތާއި، މާލީ ހާލަތު އޮތް މިންވަރު އަދިވެސް ދެނެގަނެވެމުންދާކަމަށް ބުނަމުންދާކަމަށް ވިދާޅުވި އެވެ. ޒިޔާދު ވިދާޅުވީ ޒަރަނީގެ ހާލަތު ވެސް ވެރިކަމަށް އައިސް ދޮޅު އަހަރު ނޫނީ، ސަރުކާރަށް ވަޒަން ނުކުރެވުނު ކަމަށެވެ.
އެކަމަކު މިކަން ކުރަނީ ޚަރަދު ކުޑަކުރާށޭ އެއީ އެއީ އަޅުގަނޑު މި ދައްކާ ވާހަކަ.. މިހާރު މިސާލަށް މިހާރު އެނގެނީ ދިވެހި ސަރުކާރަށް އެމްޑީޕީގެ ވެރިކަމުގައި ފައިސާ ހަރަދުކޮށްފައި ހުރި ގޮތާއި ބޭކާރުކޮށްފައި ހުރިހާ ފައިސާއާއި ދަރަނި ހުރި މިންވަރާއި މިހާރު އެނގެނީ އަދި ކިރިޔާ ޕީއެންސީ ސަރުކާރަށް.. ދެ އަހަރު ވަނީ ވެރިކަމަށް.. ދެ އަހަރު ވާއިރު އެ ބޭފުޅަށް އަމިއްލައަށް އައްޔަންކޮށްފައި ތިބި ސިޔާސީ ވަޒީފާ ދީފައި ހުރި އަދަދެއް އަދިވެސް އެނގިވަޑައެއް ނުގަންނަންނަވާ.. އެ އެނގޭނީ ކޮން ދުވަހަކު..
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ވާހަކަތައް ދައްކާއިރު، ޒިޔާދު ވަނީ މި ސަރުކާރުގެ އެއްވެސް ކާމިޔާބު އެފަދަ ސިޔާސަތެއް އެބައޮތްތޯ ސުވާލު އުފައްދާފަ އެވެ. އެންމެ ބޮޑު އެއް ހަރަދެއް ދަނީ ސިޔާސީ މަގާމުތަކަށް ނަމަވެސް، މިހާތަނަށް ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދަކީ ކޮބައިކަން ސަރުކާރަށް ހާމަކޮށް ނުލެވޭކަމަށް ޒިޔާދު ވަނީ ވިދާޅުވެފަ އެވެ.
މި ސަރުކާރުން ތަފާތު އެކި ހަފްލާތަކާއި، އެ ނޫން ވެސް ބައްދަލުވުމާއި ދަތުރުތަކަށް މިލިއަނުން ފައިސާ ހަރަދު ކުރާކަމަށް ތުހުމަތު ކުރައްވައި ޒިޔާދު ވިދާޅުވީ މިއީ ބޮޑެތި މުއްސަނދި ގައުމުތަކުން ވެސް އުޅޭ ގޮތެއް ނޫންކަމަށެވެ.
ރައްޔިތުންގެ ހައްގުގައިކަމަށް ބުނެ ޑްރޯންއާއި މަނަވަރުތައް ބޮޑު އަގުގައި ގެންނަ އިރު، އޭގެއިން ރައްޔިތުންނަށް ފައިދާއެއް ނުވާކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

