ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ނިޔަތް މި ސަރުކާރުން ގެންގުޅޭނަމަ ކުރެވޭނެ ވަރަށް ގިނަ ކަންކަން ހުންނާނެކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިފަދައިން ވިދާޅުވީ އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ބިލުގެ ބޭނުމަކީ ރިޔާސީ ދައުރު ދަންމާލުންކަމަށް އެމްޑީޕީ ކުރާ ތުހުމަތުތަކަށް ރައްދު ދެއްމުންނެވެ. އަދި ވޯޓު ނެގުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައި ވަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައިކަމަށް މެމްބަރުން ބުނެފައި ވެއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލު ބުނާ ގޮތުގައި، ވޯޓަކަށް ދިއުމަށް ނިންމާ މައްސަލަތަކުގައި، އާންމުންގެ ވޯޓަށް އެދޭތާ 90 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ އެވެ. ބިލުގައި ބުނެފައި ވަނީ، އާންމުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ދުވަހާއި ދެމެދު މަދުވެގެން 45 ދުވަސް ދޭން ޖެހޭނެ ކަމަށެވެ. އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި ވޯޓަކަށް ދާން ޖެހޭނެކަމަށްވެ އެވެ.
ގިނަ މާއްދާތަކެއް ހިމަނާފައިވާ މި ބިލާއި ހިޔާލުތަފާތުވި ބައެއް މެމްބަރުން ނަންގަވާފައި ވަނީ، ވޯޓު ނެގުމާއި ދެމެދު ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވާތީ އެވެ. ނަމަވެސް އެއީ އެކަށީގެންވާ ވަގުތެއްކަމަށް ގަބޫލު ކުރެވޭކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ ދިގު މުއްދަތެއް ދީގެން އަނެއްކާވެސް އެއަށް ބަދަލު ގެނައުން ނުވަތަ އަނބުރާ ގެނައުން ފަދަ ކަންކަން ދިމާވުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އެހެންކަމުން އެ ހާލަތަކަށް ދިޔަ ނުދިނުމަށް އެންމެ ރަނގަޅު ގޮތަކީ، މާ ލަސްނުކޮށް ވޯޓަށް އެހުންކަމަށް ފަލާހު ވިދާޅުވި އެވެ.
މިއީ ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށް ބައެއް އެމްޑީޕީގެ މެމްބަރުން ވިދާޅުވެފައި ވާތީ، އެކަމަށް ވެސް ފަލާހު ރައްދު ދެއްވި އެވެ. ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި ސުވާލު އުފެދޭ ނަމަ ރައްޔިތުންގެ ހިޔާލަކީ ކޮބައިތޯ ބެލުމުގެ ފުރުސަތު މީގެ ސަބަބުން ލިބިގެންދާކަމަށެވެ. މިއާއި އެކު ބޭނުންވާހާ ގޮތަކަށް ގާނޫނުއަސާސީއަށް އިސްލާހުތައް ގެނެސް ނަގާ ސިޔާސީ މަންފާގެ ދޮރުތައް ބިލާއި އެކު އެއްކޮށް ބަންދުވެގެން ދާނެކަމަށް ފަލާހު ވިދާޅުވި އެވެ. އެހެންކަމުން އެއީ 80 ގެ އަހަރުތަކަށް ދެވުންކަމަށް ބުނެވެން ނެތްކަމަށް ފަލާހު ވިދާޅުވި އެވެ.
އާންމު ރައްޔިތުންގެ ހިޔާލަށް ނުވަތަ ސުވާލަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާތާ 5 ދުވަހުގެ ތެރޭގައި މިއޮތީ އެ ކޮމިޝަނުން ޖެހޭނެއޭ އާންމު ކުރަން.. އެ އާންމު ކުރާތާ 7 ދުވަސް ތެރޭގައި އިންހާބު ބާއްވަން ޖެހޭ ތާރީހު.. އެ އިންތިހާބު ބާއްވަން ޖެހޭ ތާރީހު ހަގީގަތުގައި އަޅުގަނޑަކަށް ނުފެނޭ 90 ދުވަހަކީ ކުރު މުއްދަތެއްކަމަށް..
މީގެއިތުރުން ފަލާހު ވިދާޅުވީ ސަރުކާރުގެ ވަކި މަގްސަދެއް ބިލު ހުށަހެޅުމުގައި އެބައޮތްކަމަށް ބުނާތީ، އެކަމަށް ފާޑުވިދާޅުވެފަ އެވެ. ފަލާހު ވިދާޅުވީ މަޖިލީހުގައި ޕީއެންސީއަށް ސުޕަ މެޖޯރިޓީއެއް އޮތް އިރު، ދެން ތިއްބެވީ އިދިކޮޅުގެ އެންމެ 12 މެމްބަރުން ކަމަށެވެ. އެހެންކަމުން ބާރުގެ ބޭނުން ކުރާ ނަމަ ބޭނުންވާ ގޮތަށް ގާނޫނުތައް ބަދަލުކުރީސްކަމަށް ފަލާހު ވިދާޅުވި އެވެ.
އެހެން ނަމަވެސް ޕީއެންސީއަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއެއް ނެތި ބޮޑެތި ނިންމުންތައް ނިންމާނެ ޕާޓީއެއް ނޫންކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ދެއްކެވީ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އެމްޑީޕީ ފާސްކުރި ގާނޫނުތަކާއި ގެނައި އިސްލާހުތަކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އޮތް ޓްރާންސިޝަން މުއްދަތަކީ އެމްޑީޕީއަކީ ބާރުގެ ބޭނުން އެންމެ ގޯސްކޮށް ނަހަމަ ގޮތުގައި ހިފާނެ ޕާޓީކަން އެނގިގެން ދިޔަ މިސާލެއްކަމަށް ފަލާހު ވިދާޅުވި އެވެ. ފަލާހު ވިދާޅުވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭރު އެމްޑީޕީ މަސައްކަތް ކުރީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށްކަމަށް ފަލާހު ވިދާޅުވި އެވެ.

