ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ދާދިފަހުން ސުޕްރީމް ކޯޓަށް އައްޔަނު ކުރައްވާފައި ވަނީ، ހައިކޯޓުގައި ތިއްބެވި ދެ ފަނޑިޔާރެކެވެ. އެއީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސެއިން ޝަހީދާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެވެ.
އިއުލާނުގައިވާ ގޮތުން ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް، މި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ފޯމު ހުށަހެޅޭނެ އެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ޑިގްރީއެއް އޮތުމާއި، ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގައި ފަސް އަހަރުގެ ތަޖުރިބާ ހުރުމެވެ. އަދި މަގާމަށް އެދި ކުރިމަތިލާ ފަރާތަކީ 25 އަހަރުވެފައިވާ މީހަކަށް ވާން ޖެހެ އެވެ.
މީގެއިތުރުން އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅޭ، އެއްވެސް ކުށެއް ނުވަތަ ރިޝްވަތް ނުވަތަ ހިޔާނާތުގެ ކުށެއް ސާބިތުވެފައި ނެތުމަކީ ވެސް ޝަރުތެކެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރައަކީ އިނާޔަތްތަކާއި އެކު މަހަކު 45،700 ރުފިޔާ އެވެ. އޭގެ ލިވިން އެލަވެންސްގެ ގޮތުގައި ލިބޭ 18،000 ރުފިޔާއާއި ރިސްކް އެލަވެންސްގެ ގޮތުގައި ލިބޭ 3،300 ރުފިޔާ ހިމެނެ އެވެ.

