ރާއްޖޭގައި ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ދަރިމައިވުމުގެ ސިއްހީ ޚިދުމަތް ލިބުން އިތުރުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރާއިރު އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، އެންމެންގެ ދުޅަހެޔޮކަން ކުރިއެރުވުމުގެ މުހިންމުކަމާމެދު ވިސްނާލުން މުހިންމު ކަމަމުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައި ވަނީ 2062 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބަޔަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ލަފާކުރެވޭ ކަމަށެވެެ. މިގޮތުން މިކަމުގެ އަލީގައި 65 އަހަރުން މަތީގެ މުޖުތަމަޢަކުން ކުރިމަތިވާ ފުރުޞަތުތަކާއި ގޮންޖެހުންތައް ވެސް ބަލައިގަތުމަށް ޒުވާނުން ތައްޔާރުވެފައިވާ މުސްތަޤްބަލެއް ބައްޓަންކުރުމަށް މި ސަރުކާރުން ޙާއްޞަ އިސްކަމެއް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މިގޮތުން ދަރިމައިވުމުގެ ސިއްހީ ޚިދުމަތް ލިބުން ފުޅާކުރުމާއި، ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމާއި، އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ކޮންމެ ދިވެހި ރައްޔިތަކަށް އިޖްތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ސަރުކާރުން އިންވެސްޓް ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހަކީ އާބާދީއާ ގުޅުންހުރި ކަންކަމާއި ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
މިއަހަރުގެ ދުނިޔޭގެ އާބާދީ ދުވަހުގެ ޝީޢާރަކީ “ އެމްޕަވަރިން ޔަންގް ޕީޕަލް ޓު ކްރިއޭޓް ދަ ފެމިލީސް ދޭ ވޯންޓް އިން އަ ފެއާރ އެންޑް ހޯޕްފުލް ވޯލްޑް“ އެވެ.

