ފަންނާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް 25 މިލިއަން ރުފިޔާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
އާޓިސްޓުންނަށް އޮތް އެކި ފުރުސަތުތަކާއި ގުޅޭގޮތުން ކުރި ސުވާލަކަށް ”އަހާ“ ފޯރަމްގައި މިނިސްޓަރ އަސްވާޑް ވިދާޅުވީ ދެ ކަމެއްގައި އާޓިސްޓުންނާއިއެކު ކުރިއަށް ދިއުމުގެ މަސައްކަތަކެއް ކުރައްވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ކަމެއްގެ ގޮތުން ޕްރޮޑަކްޝަން ހައުސްއެއްގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އަސްވާޑް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކަމަށާއި، އެ ތަނުގެ މެނޭޖިން ޑިރެކްޓަރ އަދި މެނޭޖްމެންޓާއިއެކު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕްރޮޑަކްޝަން ހައުސްގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާއިރު ޑެޑްލައިނަކަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ މި އަހަރުގެ ތެރޭގައި އެތަން ހުޅުވާ އާޓިސްޓުންނަށް އެ ތަނުގެ ބޭނުން ހިފޭނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާކަމަށް މިނިސްޓަރ އަސްވާޑް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރިޔަަށްދާ ގޮތުގެ އަދާހަމަ ނަގަމުން ދާއިރު، ޓައިމްލައިންއާއި އެއްގޮތަށް ޕްރޮޑަކްޝަން ހައުސް ނިމޭނެ ކަމުގެ ޔަގީންކަން ބީސީސީން ދޭކަމަށް ވިދާޅުވިއެވެ.
”ފަންނުވެރިންނަށް، ފަންނާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިވަނީ ނިންމަވާފަ. 25 މިލިއަން ރުފިޔާ. އޭގެ ފުރަތަމަ ބެޗު އަޅުގަނޑުމެން ފަށާނަން. އަޅުގަނޑުމެންގެ އުންމީދަކީ އޮގަސްޓުގައި އެކަން ފެށުން. އެކަމަށް އުސޫލު އަޅުގަނޑުމެންނަށް ތައްޔާރު ކުރެވިއްޖެ. އަކަމަށް ގާނޫނީ ލަފަޔާއި އެހެން ކަންކަން، އަދި މީގެ އިތުރުން އެ އެހީ ދޭނެ ސީދާ ގޮތްތަކެއް މިދަނީ ރާވަމުން. މި ދެންނެވި އުސޫލު ތައްޔާރު ކުރުމުގައި އަޅުގަނޑުމެން ވާނީ އާޓިސްޓުންގެ އެހީތެރިކަމަށް ގޮވާލައިފަ“
މިނިސްޓަރ އަސްވާޑް ވިދާޅުވީ ފަންނާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އާޓިސްޓުންގެ އެހީ ހޯދުމަށް 2 ބައްދަލުވުމެއް ކުރިއަށް ގެންދެވި ކަމަށެވެ. އެގޮތުން ފުރަތަމަ ބައްދަލުވުމުގައި ވަރަށް ގިނަ އާޓިސްޓުން ބައިވެރިވެ ހިޔާލުތައް ދެއްވި ކަމަށާއި، އަދި އެހީ ދިނުމުގެ އުސޫލު އާޓިސްޓުންގެ ހިޔާލާއި އެއްގޮތަށް މިނިސްޓްރީން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެހީ ދިނުމަށް ނިންމާފައި ވަނީ ޕޯޓަލްއެއް މެދުވެރިކޮށް ކަމަށެވެ.
އާޓިސްޓުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ކަންބޮޑުވުން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރ އަސްވާޑް ވަނީ ދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ އޮލިމްޕަސް އިމާރާތުގައި މިވަގުތު ވެސް އާޓިސްޓުންނަށް ހިލޭ އެތަން ބޭނުން ކުރުމުގެ ފުރުސަތު ދީގެން ކުރިއަށް ގެންދާކަމަށެވެ.

