ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހަރުގެ ޖަލްސާއެއް މާދަމާ ރޭ ”ޕީއެންސީ ހައުސް“ ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ޕީއެންސީ ޖަލްސާ ހަރުގޭގައި ބެއްވުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުގެ ރޭ 21:00 ގަ އެވެ.
އެންމެ ފަހުން ޕީއެންސީގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މަހު އެވެ.
ޕީއެންސީގެ ހަރުގެ ހުޅުވި ފަހުން، ސިލްސިލާކޮށް ބައެއް ޖަލްސާތައް ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި ބައެއް ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަ އެވެ.
ޕީއެންސީގެ ޖަލްސާގައި ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ މެމްބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ވާހަކަފުޅު ދަައްކަވަ އެވެ.
މާދަމާ ރޭގެ ޖަލްސާގައި ވެސް ސަރުކާރުގެ މަސައްކަތްތަކާއި، ސިޔާސަތުތައް ތަންފީޒު ކުރުން އަދި ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިޔަށް ކުރެވުނު މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދޭނެ އެވެ.
މީގެއިތުރުން ސަރުކާރުގެ ސިޔާސަތުތަކާއި ގުޅުވައި އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދޭނެކަމަށް ވެސް ބެލެވެ އެވެ.

