ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތާއި ހަމައަށް ދިޔައިރު، ޕްރޮޖެކްޓުގެ ބައިތައް ނިންމީ ކާކުކަން ސާފުކޮށް ނަމްބަރުތަކުން އެނގެން އޮންނާނެކަމަށާއި މަސައްކަތުގެ ކްރެޑިޓު އެ ހައްގު ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖުލައި 26 ގައި އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، އާންމުންނާއި ސިޔާސީ އެކި ބޭފުޅުންގެ މެދުގައި އޮތް އެންމެ ބޮޑު ބަހުސަކީ މަސައްކަތުގެ ހައްގު ތައުރީފް ލިބެން ޖެހެނީ ކޮން ސަރުކާރަކަށް ތޯ އެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިިކަމުގެ އެއާޕޯޓުގެ އެއް ބިލިއަން ޑޮލަރުގެ މެގަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެއް ޕްރޮޖެކްޓު ނަމަވެސް ވެރިކަން ނިމިގެން ދިޔައިރު ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ނުވެ އެވެ. އަދި ޓާމިނަލްގެ އިތުރު މަސައްކަތްތައް ކުރިޔަށް ގެންދިޔައީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި، ވެރިކަމަށް އައުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެއާޕޯޓު މަޝްރޫގެ ދަށުން މަގުތައް ހެދުމާއި، އެއާއި އެކު ކުރިޔަށް ގެންދަން ޖެހޭ ގިނަ މަސައްކަތްތައް ދޮޅު އަހަރުގެ ތެރޭގައި ކުރިޔަށް ގެންގޮސްފައި ވަނީ މި ސަރުކާރުންނެވެ.
މަސައްކަތުގެ އަސްލު ކްރެޑިޓް ލިބެން ޖެހޭނެ ސަރުކާރަކާއި ގުޅޭގޮތުން ދެކެވޭ ވާހަކައަށް ”ރައްޔިތުންނާއި އެކު“ ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ މަޝްރޫއުތަކާއި ގުޅުވައި ކުރެވޭ މިފަދަ ބަހުސްތަކަކީ މުޖްތަމައުގެ ތެރޭގައި އޮތް ވަރަށް ގޯސް އާދައެއް ކަމަށެވެ. ރައީސް ވިދާޅުވީ ވާހަކަތައް ކޮންމެ ގޮތަކަށް ދެކެވުނު ނަމަވެސް ހަގީގަތް ބަދަލު ނުވާނެކަމަށެވެ. އަދި މުޅި އެއާޕޯޓު މަޝްރޫއުއަށް ނަޒަރު ހިންގާލާއިރު، މަސައްކަތް ކުރިޔަށް ގެންދެވުނު ގޮތުގެ ތަފްސީލުތައް އެނގެން އެބަހުރިކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޓާމިނަލްގެ މަސައްކަތުގެ ތާރީހުތައް ވެސް ފެންނަން ހުންނާނެކަމަށާއި، އަދި މަސައްކަތްތައް ނިންމުނު ވަރު ވެސް ސާފުކަމަށެވެ.
އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އާދައެއް ދެއްތޯ ގޯސް އާދައެއް.. ހަގީގަތެއް ބަދަލެއް ނުވާ ނޫންތޯ ދެން ކޮންމެ ގޮތަކަށް ވާހަކަ ދެއްކި މިހާރު އެއަޕޯޓް މަޝްރޫއަށް މި ބެލި ބަލާކަމަށް ވަންޏާ ޓަރމިނަލް މަޝްރޫއު ނޫނީ ޖުމުލަ އެއަރޕޯޓް މަޝްރޫ އެހެރި ތާރީހުގައި ފެންނަން ކޮން ވެރިކަމެއްގައި ކޮން ކަމެއްކަން ކުރީ..
ރައީސް މުއިއްޒު ވަނީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމާއި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި އެއާޕޯޓަށް ތަރައްގީ ގެނައުމަށް ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އަދި ބޭރުގެ އެކި ގައުމުތަކުން ފަންޑާއި އެހީ ހޯއްދަވައިގެން ރައީސް މައުމޫންގެ ވެރިކަމުގައި ވެސް ގިނަ މަސައްކަތްތައް ކުރެވުނު އިރު އޭގެ ފަހުން އައި ވެރިކަންތަކުގައި ވެސް އެގޮތުގެ މަތީން މަސައްކަތްތައް ކުރެވުނުކަމަށް ރައީސް ވިދާޅުވި އެވެ.
އެއަށް ފަހު މިހާރު ހުޅުވުމަށް ތައްޔާރުވަމުންދާ އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށިގެން ދިޔަ ޕްރޮޖެކްޓުގެ ބައެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން ތަރައްގީ ގެނެވި މަސައްކަތްތައް ކުރިޔަށް ގެންދެވުނު ގޮތާއި މެދު އޮތް ބަހުސްތައް ދޫކޮށްލަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.
މަސައްކަތުގެ ކްރެޑިޓް ހައްގުވާ، އެ ލިބެން ޖެހޭ ކޮންމެ މީހަކަށް ވެސް ޝުކުރު އަދާކުރަން ޖެހޭކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ކޮން ވެރިކަމެއްގައި ކޮން މަސައްކަތެއްކަން ހިނގީ ފެންނަން އޮންނާނެ.. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ ނުރަނގަޅު އާދައެއް.. އެބަ ޖެހޭ މި އާދަ ދޫކޮށްލަން.. މި ހަގީގަތް.. އެ ވަރަށް ސާފުކޮށް ފެންނަން އޮންނަ އެއްޗެއް… ވީމާ ޑިއު ކްރެޑިޓް ދޭންޖެހޭ ކޮންމެ މީހަކަށް ވެސް.. މިހާރު މި އެއާޕޯޓްގެ ޓާމިނަލް މަސައްކަތް ރައީސް ޔާމީންގެ ވެރިކަމުގައި ފެށުނީ ދެން… ރައީސް ސޯލިހުގެ ވެރިކަމުގައި އިތުރު މަސައްކަތެއް ކުރެވިފައި އެހުރީ.. ދެން އަޅުގަނޑުމެންނާއި ހަވާލުވެގެން ދެން ބާކީ ހުރި ހުރިހާ މަސައްކަތެއް މި ނިންމީ.. ގާތްގަނޑަކަށް ދޮޅު އަހަރުގެ ތެރޭ ދެން ފެކްޓްސްތައް ބަލާ ކޮންމެ މީހަކަށް ފެންނާނެ ދެން ކޮން މަސައްކަތެއް ކޮން ވެރިކަމެއް ކިހާވަރަކަށްކަން… ކުޑަކުދިން އުޅޭ ވެގެން ކަން އެހެން އުޅޭކަށް ނުވާނެ ދެން..
ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމާއި، ރައީސް ސޯލިހުގެ ވެރިކަމުން އެމަނިކުފަނާއި ހަމައަށް މަސައްކަތް އައިއިރު ވެސް ކުރަން ޖެހޭ ގިނަ ކަންކަން ހުރިކަމަށެވެ. އަދި މަޝްރޫއުގެ ބޭރުން ފުރިހަމަ ކުރަން ޖެހޭ އެތައް މަސައްކަތެއް މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކުރެވުނުކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިފަދަ ބަހުސްތައް ކުރުމުގެ ބޭނުމެއް ނެތްކަމަށާއި، އަދި ހަގީގަތަށް ބަލާލުމުން މަސައްކަތްތައް ގެންދެވުނު ގޮތް އެނގެން އޮންނާނެކަމަށެވެ.

