ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރާމާތްތެރި، ދިރިއުޅުމެއް ލިބިގެންނޫނީ މިނިވަން ކަމެއް ނެތް!

ދިވެހި ގައުމީ ދިދަ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ތައްޔާރީތައް ފެށިފައިވާއިރު، މިނިވަންކަމުގެ ޙަޤީޤީ މާނައާމެދު ފުންކޮށް ވިސްނާލުމަކީ މުހިންމު ކަމެކެވެ. ކޮންމެ އަހަރަކުވެސް މި މުނާސަބަތު ފާހަގަކުރުމަށް ޤައުމީ ދިދައިން މަގުތައް ޒީނަތްތެރިކޮށް، ޤައުމީ ކުލަތަކުން މަގުތައް ދިއްލައި، އެކިއެކި ޙަރަކާތްތައް ހިންގުމަކީ އާދަވެފައިވާ ކަމެކެވެ. ނަމަވެސް، މިނިވަންކަމުގެ އަސްލު މަފްހޫމު ރައްޔިތުންނަށް އިޙްސާސްކުރެވޭ މިންވަރާމެދު ސުވާލު އުފެދެއެވެ.

ޝައްކެއްނެތް ގޮތުގައި، މިއަދު ދިވެހިރާއްޖެއަކީ އެހެން ޤައުމެއްގެ ސީދާ ކޮލޮނިއަލް ވެރިކަމުގެ ދަށުގައިވާ ޤައުމެއް ނޫނެވެ. ސިޔާސީ ގޮތުން މިނިވަން ޤައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޤަބޫލުކުރެވިފައިވާ ޤައުމެކެވެ. އެހެންނަމަވެސް، މިނިވަންކަމުގެ ފުރިހަމަ މާނައިގައި ރައްޔިތުންނަށް އެ މިނިވަންކަން އިޙްސާސްކުރެވޭ މިންވަރާމެދު ވިސްނާލުން މުހިންމެވެ.

ޙަޤީޤީ މިނިވަންކަމުގެ ތެރޭގައި ރައްޔިތުންނަށް ލިބެންޖެހޭ ސިޔާސީ ބާރުވެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން، އަދި އިޤްތިޞާދީ ފުދުންތެރިކަން ހިމެނެއެވެ. ނަމަވެސް، ގިނަ ރައްޔިތުން އަދިވެސް އެންމެ އަސާސީ ޙައްޤުތަކަށް ޓަކައި ވެރިންގެ އިޙްސާންތެރިކަމަށް ބަރޯސާވާންޖެހޭ ޙާލަތު ދެމިއޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ބޯހިޔާވަހިކަމާއި، ވަޒީފާގެ ފުރުޞަތުތަކާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގައި ރައްޔިތުން ދަތިތަކާ ކުރިމަތިލާންޖެހުމަކީ މިނިވަންކަމުގެ ރޫޙާ ޚިލާފު ކަމެކެވެ.

ޤާނޫނުތަކާއި ޤަވާޢިދުތައް އެކުލަވާލުމުގައި ރައްޔިތުންގެ މަޞްލަޙަތު އިސްކުރުމާއި، ރައްޔިތުންނަށް ޙަޤީޤީ ބާރުވެރިކަން ލިބިދިނުމަށް އިސްކަންދިނުމަކީ މުހިންމު ކަމެކެވެ. ސިޔާސީ މަންފާއަށް އިސްކަންދީގެން ރައްޔިތުންގެ އަޑު އޮބިއަޅުވާލުމަކީ ޙަޤީޤީ މިނިވަންކަމާ ޚިލާފު ކަމެކެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. ނަމަވެސް، މި ޙައްޤުގެ ބޭނުން ހިފުމުގައި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ވަޒީފާ ގެއްލުމުގެ ބިރާއި، އިޖްތިމާޢީ އަދި ސިޔާސީ ފިއްތުންތަކުގެ ސަބަބުން ގިނަ ރައްޔިތުން، ނޫސްވެރިން އަދި މީޑިއާތައް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމަށް ފަސްޖެހޭ ޙާލަތްތައް މަދެއް ނޫނެވެ.

އިޤްތިޞާދީ މިނިވަންކަމަށް ބަލާއިރު، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ތަނބުކަމުގައިވާ ފަތުރުވެރިކަމުގެ ޙަޤީޤީ މަންފާ ރައްޔިތުންނަށް ލިބޭ މިންވަރާމެދު ސުވާލު އުފެދެއެވެ. ފަތުރުވެރިކަމުން ލިބޭ ބޮޑެތި އާމްދަނީތަކުގެ ނަފާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކަކީ ޙައްލުކުރަންޖެހޭ މައްސަލަތަކެކެވެ. ޑޮލަރުގެ އަގު މައްޗަށް ދިއުމާއި، މާލީ ޕޭމަންޓު ނިޒާމުތަކުގެ ހުރި ދަތިތަކަކީ ރައްޔިތުންގެ އިޤްތިޞާދީ މިނިވަންކަމަށް ހުރަސްއަޅާ ކަންކަމެވެ.

ޙަޤީޤަތުގައި މިނިވަންކަމަކީ ހަމައެކަނި ތާރީޚީ ގޮތުން ފާހަގަކުރެވޭ ދުވަހެއްގެ މައްޗަށް އެކަނި ބިނާވެފައިވާ އެއްޗެއް ނޫނެވެ. މިނިވަންކަމުގެ ފުރިހަމަ މާނައިގައި ރައްޔިތުންނަށް ބާރުވެރިކަމާއި، ފުދުންތެރިކަމާއި، އުފާވެރިކަން ލިބިދިނުން ހިމެނެއެވެ. މި ކަންކަން ޙާޞިލުކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.

އަޅުގަނޑުގެ ހިޔާލުގައި މިނިވަންކަމުގެ ޙަޤީޤީ މާނަ ދިވެހި ރައްޔިތުންނަށް އިޙްސާސްކުރެވޭނީ ރައްޔިތުންނަށް ސިޔާސީ ނިންމުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއިއެކު ވެރިކަމުގެ ނިޒާމު ހަރުދަނާކޮށްގެންނެވެ. ހަމައެހެންމެ ބިރުވެރިކަމެއް ނެތި، ރައްޔިތުންނަށް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރެވޭނެ މާޙައުލެއް ޤާއިމުކުރަން ޖެހެއެވެ.  ޤައުމުގެ އިޤްތިޞާދީ ކުރިއެރުމުގެ މަންފާ ހަމަހަމަކަމާއެކު ރައްޔިތުންނަށް ލިބިދިނުމާއި، އަމިއްލަ މަސައްކަތުން ކުރިއަށްދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ މިނިވަން ކަމުގެ އަސާސީ އެއް ބިންގަލެވެ.

މީގެއިތުރުން ބޯހިޔާވަހިކަމާއި، ޞިއްޙީ ޚިދުމަތްތަކާއި، ތަޢުލީމު ފަދަ އަސާސީ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބިދިނުމާއި،  ހަރުދަނާ، މިނިވަން އަދި ހަމަހަމަ ޢަދުލު އިންޞާފުގެ ނިޒާމެއް ޤާއިމުކުރެވިގެން ނޫނީ ހިގީގީ މިނިވަން ކަމެއް ނުލިބޭނެއެވެ. އިހުސާސެއް ވެސް ނުކުރެވޭނެއެވެ.

މިނިވަންކަމުގެ މި އަސާސްތައް ހަރުދަނާކޮށް، ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ ގޮތް ހެދުމަކީ ސަރުކާރާއި، ރައްޔިތުންގެ މަޖިލިސް އަދި މުޅި މުޖުތަމަޢުގެ ޒިންމާއެކެވެ. މިނިވަންކަމުގެ ޙަޤީޤީ މާނަ ދިވެހި ރައްޔިތުންނަށް އިޙްސާސްކުރެވޭނީ މި ކަންކަން ފުރިހަމަވެ، ކޮންމެ ރައްޔިތަކަށްވެސް ކަރާމާތްތެރި، ފުދުންތެރި އަދި އުފާވެރި ދިރިއުޅުމެއް ލިބިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: