ކޮރަޕްޝަނުގެ މައްސަލައެއްގައި އަށް މަސް ދުވަހަށް ސަސްޕެންޝަނުގައި ހުންނެވުމަށްފަހު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވަޒީފާއިން ވަކިކޮށްފިއެވެ.
އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގޮތުގައި އާސިފް މަގާމުން ވަކިކޮށްފައި ވަނީ، ކުރެވޭ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެވެ. މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ. އަދި އާސިފް މަގާމުން ވަކި ކުރީ ސީދާ ކޮން ތާރީހެއްގައިކަން ވެސް ހާމައެއް ނުކުރައްވަ އެވެ.
ޕްރިޒަންސް ކްލަބްގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެކައުންޓުތަކަށް ޖަމާކުރިކަމަށް ތުހުމަތު އާސިފްއަށް ކުރެވި މަގާމުން އެކަހެރި ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު އެވެ. އޭރު ވެސް އާސިފްއާއި ގުޅޭގޮތުން ތުހުމަތުތައް މީޑިއާތަކުގައި އޮތީ ތިލަވެފަ އެވެ.
ކަރެކްޝަނުގެ އެއްވެސް އިމާރާތަކަށް ވަނުން މަނާށް އާސިފް ސަސްޕެންޑު ކުރި ނަމަވެސް، އޭނާ ގޭގައި ހުރީ މުސާރަ ހިނގާ ގޮތަށެވެ. ގަވައިދު ބުނާ ގޮތުގައި މަގާމުގެ މަސްއޫލިއްޔަތުން އެކެހެރި ކުރާ އެއްވެސް ކަރެކްޝަނުގެ އޮފިސަރަކަށް މުވައްސަސާގެއް އިމާރާރެއްގެ ތެރެއަށް ވަދެ ނިކުމެ ނޫޅެވޭނެ އެވެ.
ޕްރިޒަންސް ކްލަބްގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެކައުންޓުތަކަށް ޖަމާކުރިކަމަށް ތުހުމަތުކޮށް އާސިފްގެ ވާހަކަ ދެކެވެން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އަދި އާސިފް ޕްރިޒަންސް ކްލަބްގެ ފައިސާއަށް ހިޔާނާތްވިކަމަށް ތުހުމަތުކޮށް، އެ މައްސަލަ ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ހުށަހެޅީ މުވައްޒަފުންނެވެ.
މައްސަލަ މީޑިއާތަކުގެ ސަމާލުކަމަށް އައީ ހިޔާނާތުގެ ތުހުމަތުކޮށް ކަރެކްޝަނުގެ 35 މުވައްޒަފެއް، ޕެޓިޝަނެއް ހުށަހެޅުމުން ވެސް ނުބަލައި ދިގުލައިގެން ދާކަމަށް ބުނެ އޮފިސަރުން ކަންބޮޑުވުންފާޅު ކުރަމުން ދަނިކޮށެވެ.
އާސިފް އެ ކްލަބުގެ ރައީސްކަމާއި ހަވާލުވިއިރު އެކައުންޓުގައި ފަސް ލައްކައެއްހާ ރުފިޔާ ހުރިކަމަށް މައުލޫމާތު ލިބެއެވެ.

