އެމްޑީޕީގެ ފަސް އަހަރުގެ ވެރިިކަމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ތަހުގީގު ނުކުރެވި ލަސްވަނީ، އެ ސަރުކާރުގައި ގާނޫނަށް ގެނެސްފައި އެކި ބަދަލުތަކުގެ ސަބަބުންކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އެކަށީގެންވާ މިންވަރަށް ކުރިޔަށް ނުދާކަމަށް ބުނެ، އެމްޑީޕީގެ މެމްބަރުން ދަނީ ބަންޑާރަ ނައިބަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ. ސަރުކާރުން މި އަހަރަށް ހުށަޙަޅާނެކަމަށް އިއުލާނު ކުރި ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ބިލުތައް ހުށަނަޅާ ސަބަބާއި މެދު އެމްޑީޕީ ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ބުނެފައި ވަނީ ވެރިކަމަށް އައުމަށް އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަން ގިނަކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލީކަމަށެވެ.
މިފަހުން ހުށަހެޅި ބިލުތަކަށް ވެސް ފާޑުކިއުން އަމާޒުކޮށް، އެމްޑީޕީ ސިފަ ކުރަނީ އެއީ އެއްވެސް އޮއްޓަރެއް ނެތް ބިލުތަކެއްގެ ގޮތުގަ އެވެ.
އެ މައްސަލައިގައި ފަލާހު ވިދާޅުވީ މަޖިލީހަށް ބިލެއް ހުށަހެޅުމުން، އިދިކޮޅުގެ މެމްބަރުން ތަފްސީލު އެއްވެސް މިންވަރަކަށް ބަލަނުލާކަން ތަޅުމުގައި ދައްކަވާ ވާހަކަތަކުން އެނގޭ ކަމަށެވެ. އަދި އެ މެމްބަރުންގެ ބަސްމަގު ހުންނަ ގޮތުން ދާއިރާގެ ރައްޔިތުން ވެސް ލަދު ގަންނަ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ތަޅުމުގައި ވާހަކަ ދައްކަވަނީ އިގްތިސާދީ ކުރިއެރުމާއި، ގައުމުގެ ކުރިއއެރުމަށް އެއްވެސް ގާނޫނެއް ބިލެއް ބޭނުން ނުވާނެކަމަށް ބަލައިގެންނެވެ. އެގޮތުން ރާއްޖޭގެ އާމްދަނީ ލިބޭ އެންމެ ބޮޑު ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަމަށްވުމާއި އެކު އެ ސިނާއަތުގެ ތެރެއިން ގާނޫނާއި ގަވައިދުތަކަށް ގެންނަން ޖެހޭ ކިތަންމެ ބަދަލެއް ހުންނާނެކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ބޭކާރު މަސައްކަތެއްކަމަށް ރައްޔިތުންނަށް ވިސްނައިދޭން މަޖިލިސް ތަޅުމުގެ ތެރޭގައި ވަކި ބަޔަކު މަސައްކަތް ކުރާނަމަ މުޖްތަމައުއަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ތަސައްރަފު ފުދިގެން މިތަނަށް ހޮވާފައި ރައްޔިތުން ތިބޭ މެމްބަރުން ދައްކާ ޒާތުގެ ވާހަކައެއް ނޫން.. އެބޭފުޅުން ހޮވާފައި ތިބި ރައްޔިތުން ވެސް ލަދު ގަންނާނެ އެ ޒާތުގެ ވާހަކަތައް ދައްކަންޏާމު..
ފަލާހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް އަވަސްވެގަންނާން ޖެހުނީ، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ބަލައި ފިޔަވަޅުތައް އެޅުއްވުމަށް ކަމަށެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ގައުމު އޮތް ހާލަތު އެންމެ ރަނގަޅަށް އެނގޭނީ އެމްޕީއަށްކަމަށް ފާހަގަކުރައްވައި ފަލާހު ވިދާޅުވީ ޑޮލަރުގެ ބާޒާރަށް އައި ބަދަލުތައް ވެސް އެ ޕާޓީއަށް އެނގޭނެ ކަމަށެވެ.
ފަލާހު ވިދަޅުވީ ޑޮލަރުގެ އަގު އުފުލިގެން ގޮސްފައި ވަނީ އެމްޑީޕީގެ ސަބަބުންކަމަށާއި، ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް އިންތިހާއަށް ހިންގުމުގެ ސަބަބުން ދައުލަތަށް މިލިއަނުން ގެއްލިފައި ހުރި ފައިސާ ވެސް އެނގޭނެ ކަމަށެވެ. އަދި ގައުމުގެ ތިޖޫރީ އެއްކޮށް ހުސްކޮށްލީ، ކޮން ބޭނުންތަކަށްކަން އެމްޑީޕީގެ އިސް ފަރާތްތަކަށް ސާފުވާނެކަމަށް ފަލާހު ވިދާޅުވި އެވެ.
މިކަންކަން ފާހަގަކުރުމުން މައްސަލަތައް ބަލައި ތަހުގީގުކޮށް، ފިޔަވަޅު ނާޅަނީ ކީއްވެތޯ އެމްޑީޕީ އުފައްދާ ސުވާލަށް ފަލާހު ވިދާޅުވީ އެމްޑީޕީ އެ ހުރިހާ އަމަލެއް ހިންގީ ގާނޫނުތަކަށް ބަދަލު ގެނެސް އަމިއްލަ ރައްކާތެރިކަން ހޯދައިގެން ކަމަށެވެ. އެހެންކަމުން ތަހުގީގުތައް ހިންގުމަކީ ފަސޭހަކަމެއް ނޫންކަމަށް ފަލާހު ވިދާޅުވި އެވެ.
އެބޭފުޅުންނަކީ ވައްކަން ކުރުމަށް މޮޅު ބައެއް.. އެމްޑީޕީން ކޮށްފައި ހުންނަ ވައްކަމެއް ފަސޭހައެއް ނުވާނެ ހޯދާކަށެއް.. އެވަރަށް ރައްކާތެރިކަމާއި އެއްކޮށް ފުރަތަމަ ގާނޫނަށް ބަދަލު ގެނެސްގެން ވައްކަން ކުރެވޭނެ ގޮތަށް ނިޒާމު ބައްޓަންކޮށްގެން އެމްޑީޕީ ވެރިކަމަށް އައިސް ވައްކަން ކުރާނީ.. އެހެންވީމާ އުނދަގީކަމެއް އެއީ.. އެކަމަކު އެކަން ހޯދޭނެ..
ކޮރަޕްޝަނުގެ މައްސަލަ ނުބެލި ދިގުލައިގެން ދަނީ ފަލާހު ވިދާޅުވި ގޮތުގައި، އެމްޑީޕީ ގާނޫނުގެ ތެރެއިން ހިމާޔަތް ހޯދުމަށް މަސައްކަތްކޮށްފައި ވާތީ އެވެ. އެހެން ނަމަވެސް އެއީ ފިޔަވަޅު ނާޅައި ދޫކޮށްލާނެ ސަބަބެއްކަމަށް ހީކޮށްގެން ނުވާނެކަމަށް ފަލާހު ވިދާޅުވި އެވެ. ފަލާހު ވިދާޅުވީ ދައުލަތުން އެގޮތަށް ގެއްލުވާލާފައިވާ ފައިސާއާއި، ގެއްލުމުގެ ބަދަލުގެ ނަމުގައި އެކި މީހުންނަށް މިލިއަނުން ދޫކުރި އަދަދުތަކުގެ މައްސަލަ ވެސް ބަލާނެ ކަމަށެވެ.

