ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުލި ނުދައްކާތީ ސަރުކާރަށް ނުލިބޭ ފައިސާގެ އަދަދު 900 މިލިއަނާއި ގާތަށް، އެދެވޭ ހައްލެއް ބޭނުން މައްސަލައެއް!

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ޢާންމުކޮށް ހިންގަމުން އަންނަނީ ލޯނު ފައިސާއިންނެވެ. މި މަޝްރޫޢުތަކުގެ ނަފާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްފަހު، ސަރުކާރުން އެ ޚިދުމަތުގެ އަގު ކުލީގެ ގޮތުގައި ނަގަމުން ގެންދެއެވެ. ނަމަވެސް، ރާއްޖޭގައި އަށަގެންފައިވާ ނޭދެވޭ ސަގާފަތެއްގެ ސަބަބުން، މި ފައިސާ ދައްކާ ފަރާތްތައް މަދުވެފައިވެއެވެ. މީގެ މައިގަނޑު ސަބަބަކީ މާލީ ޤާބިލުކަން ނެތުމެއް ނޫނެވެ. ކޮންމެ ފަސް އަހަރަކުން އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ތާއީދު ހޯދުމަށްޓަކައި ނުދައްކާ އޮންނަ ލޯނު ފައިސާ މަޢާފުކޮށްދޭ އާދަ އަށަގަތުމެވެ. މިއީ ފައިސާ ނުދައްކާ ތިބޭ ފަރާތްތަކަށް ދެވޭ ހިތްވަރެކެވެ.

މީގެ ކުރިން މި މައްސަލައަށް އެކެކަށީގެންވާ ފިޔަވަޅެއް ނޭޅުމަކީ މި ކަން އިތުރަށް ގޯސްވެގެން ދިޔުމުގެ އެއް ސަބަބެވެ. ސިޔާސީ މަންފާއަށްޓަކައި ކުރެވޭ މިފަދަ ކަންކަމުގެ ސަބަބުން ޙަޤީޤަތުގައި ގެއްލުންވަނީ ޤައުމުގެ އިޤްތިޞާދާއި މުސްތަޤްބަލަށެވެ. މި މައްސަލައަށް ޙައްލު ހޯދުމަށްޓަކައި މިހާރުގެ ސަރުކާރުން ވަނީ ބައެއް މަސައްކަތްތައް ފަށާފައެވެ.

އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ކުލި ނުދެއްކުމުގެ މައްސަލައަކީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ މައްސަލައެކެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގެ ފްލެޓްތަކަށް ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި ފްލެޓަށް ވަދެ އެއްގޮތަކަށްވެސް ކުލި ނުދައްކާ ފަރާތްތަކާއި، ގަވާއިދުން ކުލި ނުދައްކާ ފަރާތްތައް ހިމެނެއެވެ.

ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ހުޅުމާލޭގެ ފްލެޓްތަކުން ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 894 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވެއެވެ. އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިންގ ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8,511 އެވެ. އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3,219 ފްލެޓަކުންނެވެ. އެހެންކަމުން، 5,099 ފްލެޓަކުން ކުލި ނުދައްކާކަން ފާހަގަކުރެވެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސަރުކާރުން ހިންގާ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން އެޗްޑީސީން މެނޭޖްކުރާ ޕްރޮޖެކްޓްތައް ބަލާއިރު، އެންމެ ބޮޑު އަދަދެއް ނުލިބި ހުރީ ހިޔާ މަޝްރޫޢުއިންނެވެ. މީގެ އިތުރުންވެސް ކުލި ނުދައްކާ އެތައް ފްލެޓުތަކެއް ހުރިކަން ފާހަގަކުރެވެއެވެ.

ހުޅުމާލެއިން ދޫކުރެވޭ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ޔުނިޓުތަކުގެ އެއްބަސްވުންތަކުގައިވާ ގޮތުން، ގަވާއިދުން ކުލި ނުދައްކާނަމަ، ފްލެޓު އަތުލުމުގެ ބާރު އެޗްޑީސީއަށް ލިބިގެންވެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފްލެޓެއް ކުލި ނުދެއްކުމުގެ ސަބަބުން އަތުލާފައެއް ނުވެއެވެ. އެހެންނަމަވެސް، އެޗްޑީސީއިން ވަނީ ފްލެޓްތަކަށް ކުލި ނުދައްކާ ފަރާތްތަކަށް ކޮންމެ ތިން މަހަކުން ”ޕޭމަންޓް އެޑްވައިސް“ ނޯޓިސްއެއް ފޮނުވަން ފަށާފައެވެ. މިއީ ކުލި ދެއްކުމަށް ނަސޭހަތްތެރިވެ ފޮނުވާ ނޯޓިސްއެކެވެ.

މި މައްސަލައަށް ޙައްލު ހޯދުމަށް އެޅުނު ބައެއް ފިޔަވަޅުތަކުގެ ތެރޭގައި، ސަރުކާރުން ހިންގާ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކާ ގޮތުގެ މަޢުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ”ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް“ އަށް އަޕްޑޭޓްވާ ގޮތް ހެދުން ހިމެނެއެވެ. މި ނިޒާމުގެ ސަބަބުން، ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންނަށް އެހެން މާލީ އިދާރާއަކުން ކްރެޑިޓް ދޫކުރުމުގެ ކުރިން، ނުވަތަ ލޯނު އެއްބަސްވުން އާކުރުމުގެ ކުރިން، ނުވަތަ ލޯނުގެ މުއްދަތު އިތުރުކުރުމުގެ ކުރިން ކުލި ނުދެއްކުމުގެ ހިސާބުތައްވެސް އިވެލުއޭޓްކުރެވޭނެއެވެ.

މީގެ އިތުރުން، އެޗްޑީސީން ދޫކޮށްފައިވާ ފްލެޓެއްގެ ކުލި ނުދައްކާނަމަ، އެ ފަރާތެއްގެ ކްރެޑިޓް ރޭޓިންގ ދަށްވުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި އެޗްޑީސީއިން ހިންގާ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވެ، އެޗްޑީސީގެ ބައެއް ޚިދުމަތްތައް ހޯދުމުގައި، އެޗްޑީސީއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތުން ޝަރުޠަކަށް ހަދަމުންދެއެވެ.

މި ފިޔަވަޅުތަކާއެކު، މި މައްސަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ. އެކަށީގެންވާ ސަބަބެއްނެތި، އެއްވެސް ފަރުވާލެއްނެތި ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު ނޭޅި، އެ ފަރާތްތަކަށް އެތަނުގައި ދިރިއުޅުމުގެ ފުރުޞަތު ދިނުމަކީ ކުލި ދައްކާ ފަރާތްތަކަށް ކުރެވޭ ބޮޑު ބޭއިންސާފެކެވެ. އަދި މިއީ އެ ފަރާތްތަކުގެ ޙައްޤުތަކާމެދު އޮންނަ އުންމީދަށް އެޅޭ ހުރަހެކެވެ. މީގެ އިތުރުން، މިއީ ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ގެއްލި، ޒިންމާދާރުކަން ދަށްވާން މެދުވެރިވާނެ ސަބަބެކެވެ.

މި ޙާލަތުގެ ސަބަބުން އެންމެ ބޮޑަށް ފާހަގަކުރެވޭ މައްސަލައަކީ އިޤްތިޞާދީ ގޮތުން ކުރާ ނޭދެވޭ އަސަރުތަކެވެ. ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރުވެސް އޮތީ ދަތި އުނދަގޫ ޙާލަތެއްގައިކަން އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ ޙަޤީޤަތެކެވެ. ލޯނުތައް އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާ ނުލިބި، ޑިފޯލްޓްވުމުގެ ނުރައްކާ އެބައޮތެވެ. އެހެންކަމުން، ޤައުމު އިތުރަށް ބިނާކޮށް، ތަރައްޤީގެ ޤައުމީ މަޝްރޫޢުތައް ހިންގަން ބޭނުންވާނަމަ، ފަރުދީ ޒިންމާ އަދާކޮށް، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އަގު ދެއްކުމަކީ މުހިންމު ކަމެކެވެ.

އަޅުގަނޑުގެ ގަބޫލުކުރާ ގޮތުގައި މި މައްސަލަ ހައްލު ކުރެވޭނީ ހަރުދަނާ އަދި ނަތީޖާ ނެރެވޭނެފަދަ ފިޔަވަޅުތަކެއް އެޅަިގެންނެވެ. އެގޮތުން  ކުއްޔަށް ދައްކަންޖެހޭ ފައިސާ ލިބޭނެ އޮޓޮމޭޓެޑް ނިޒާމެއް ތަޢާރަފުކުރަން ޖެހެއެވެ.  ހޭލުންތެރިކަން އިތުރުކޮށް، މިއީ ހަމައެކަނި ސަރުކާރަށް ކުރެވޭ ޖެއްސުމެއް ނުވަތަ ދެރައެއް ނޫންކަން ހާމަކޮށްދޭން ޖެހެއެވެ. ހަމައެހެންމެ މި ކަމުގެ ސަބަބުން މުޅި ޤައުމަށާއި ހުރިހާ ރައްޔިތުންނަށް ކުރާނެ ނޭދެވޭ އަސަރުތައް ތަފްޞީލުކޮށް ބަޔާންކޮށްދޭން ޖެހެއެވެ.

މި ކަންކަމަކީ ކުޑަ ކަމެއްކަމަށް ދެކި އިހުމާލުވުމުގެ ސަބަބުން، އަޅުގަނޑުމެންނަށް ގެއްލުންވަނީ ކުރިއަށް އޮތް ޖީލުތަކުގެ މުސްތަޤްބަލަށެވެ. އެ ޖީލުތަކުގެ ބޮލުގައި އެޅިގެންދަނީ އެ ފަރާތްތަކުން އެއްބަސްވެފައިނުވާ ދަރަނިތަކެކެވެ.

ގަބޫލު ކުރަން ޖެހޭ ގަފީގަތަކީ މި މައްސަލައަކީ ޤައުމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ މުހިންމު މައްސަލައެއް ކަމެވެ. ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށް، ދެމެހެއްޓެނިވި ޙައްލެއް ހޯދުމަކީ މުޅި ޤައުމުގެ ކުރިމަގަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިކަމުގައި ކޮންމެ ފަރުދެއްގެވެސް ޒިންމާ އަދާކުރުމަކީ އަޅުގަނޑުމެންގެ ޤައުމީ ވާޖިބެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: