ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިންފަށް ވަރިއަކުން ވަރިކުރި އަންހެނަކު ގެއިން ނެރުމުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރު!

ދިވެހިރާއްޖޭގެ ހައިކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިންފަށް ވަރިއަކުން ވަރިވި އަންހެނަކު ގެއިން ނެރުމުން އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ކުރާ މައްސަލައެއް ނޫންކަމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެ ދެމީހުންގެ ތިންވަނަ ވަރި ސާބިތު ކޮށްފައިވަނީ 22 އޮކްޓޯބަރު 2019 ގައެވެ.  އަދި ވަރި ސާބިތުކުރުމަށްފަހު، އަންހެން މީހާގެ ގާތުގައި ފިރިހެން މީހާގެ ގެއިން ނުކުތުމަށް ތަކުރާރުކޮށް އެންގުމުންވެސް އެ ގެއިން ނުނިކުމެ އެ އަންހެން މީހާ ގެންދިޔައީ ދިރިއުޅެމުންނެވެ.

އެހެންވެ ފިރިހެން މީހާގެ ފަރާތުން މައްސަލަ އެ ރަށު މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުމުން ކޯޓުން އެންގީ އަންހެން މީހާ 48 ގަޑިއިރުގެ ތެރޭގައި އެ ގެއިން ނުކުންނަން ޖެހޭނެކަމަށެވެ. އެއީ 10 ސެޕްޓެމްބަރު 2020 ގައެވެ.

އެހެންކަމުން އަންހެންމީހާގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރީއެވެ. އޭނާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ހަމަތަކާއި ޚިލާފަށް އަދި ޙުކުމްކުރުމުގައި ޤާނޫނީ ހަމަތަކަށް ފުރިހަމައަށް ރިޢާޔަތް ކުރުމެއްނެތި ޙުކުމަށް ވާޞިލްވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

ދެވަނަ އިސްތިއުނާފީ ނުކުތާއަކީ މެޖިސްޓްރޭޓު ކޯޓުން މައްސަލައިގެ ޙުކުމަށް ވާޞިލްވެފައި ވަނީ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އަންހެން މީހާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އުމުރުން ދުވަސްވެފައި ވަނިކޮށް ދެފަހަރެއްގެ މަތީން ވަރިވެ، އަދި 3 ވަނަ ފަހަރަކަށް ކާވެންޏާ ހިސާބަށް ދިޔައިރުގައި ދެން އިންނާނީ އެ ގެއިން ނެރެ ބޭރުކޮށްނުލާނެ ކަމަށް އެއްބަސްވުމުން ކަމަށް ބުނި ބުނުމުގެ މައްޗަށް މެޖިސްޓްރޭޓު ކޯޓުން ރިޢާޔަތްކޮށްފައި ނެތް ކަމަށެވެ.

ހަމައެއާއެކު، އެކަން ސާބިތުކުރުމަށް ދަރިން ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުނު ނަމަވެސް އެންމެ އަޑުއެހުމެއްގެ ތެރެއިން ކޯޓުން އެކަންކަން ނިންމާފައިވާކަމަށް ބުނެފައިވެއެވެ. އަދި ޤާނޫނީގޮތުން މިފަދަ މައްސަލަތަކުގައި ރިޢާޔަތްކުރަނީ ޢާއިލާއާބެހޭ ޤާނޫނުގައި އޮތް ނިންމުމަށް އެކަނިކަމަށް އޮންނަ އޮތުން ޤަބޫލުނުކުރާ ކަމަށާއި، އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތުގެ މައްޗަށް ވެސް ރިޢާޔަތް ކުރަން ވާނެކަމަށް ޤަބޫލުކުރެވޭތީ ދީނުގައި ކަނޑައެޅިފައިވާ ހަމަތަކާ އުޞޫލުތަކަށް ރިޢާޔަތް ކޮށް މިފަދަ ޙާލަތެއްގައި ރިޢާޔަތް ކުރަންޖެހޭނީ ޟަރޫރަތްތެރިކަމަށް ކަން ޤަބޫލުކުރާކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އިސްތިއުނާފު ރައްދުވި ފަރާތް (ފިރިހެން މީހާ) ގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ، މި މައްސަލަ މެޖިސްޓްރޭޓު ކޯޓުން ނިންމާފައިވަނީ އާއިލާއާބެހޭ ޤާނޫނާއި، އިސްލާމް ދީނުގައި އަމަލުކުރާ އުސޫލުތަކަށްވެސް ބެލުމަށްފަހުކަމަށެވެ. އަދި މިގޮތަށް ދެމަފިރިންގެ މުދާ ބަހަން އެދެވޭނީ ވަރިކުރާ މަޖިލީހުގައި ނުވަތަ ވަރި ރަޖިސްޓްރީ ކުރާއިރުގައި ނުވަތަ ވަރި ސާބިތުކުރާ މަޖިލީހުގައި އެކަމަށް އެދިފައިވާނަމަކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް ވަރިކުރި މަޖިލީހުގައިވެސް އެފަދަ އެއްވެސް ވާހަކައެއް އަންހެން މީހާގެ ފަރާތުން ދައްކާފައިނުވާކަމަށްވެއެވެ.

ހައިކޯޓުން މައްސަލަ ނިންމިއިރު ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އަންހެން މީހާ 3 ވަނަ ފަހަރަށް ކައިވެންޏަށް އެއްބަސްވީ އޭނާ ގެއިންނެރެ އެއްލާނުލާނެކަމަށް އެއްބަސްވެގެންކަމަށް ބުނާ ޒާތުގެ އެއްވެސް ވާހަކައެއް މެޖިސްޓްރޭޓު ކޯޓުގައި ދައްކާފައިނުވާކަން ފާހަގަކުރެވޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެކަން ސާބިތުކުރުމަށްޓަކައި ހެކިންގެ ގޮތުގައި ދަރިން ޝަރީޢަތަށް ގެނެސް ހެކިބަސް ނަގައިދިނުމަށް އެދިފައިވާކަމަށް ހައިކޯޓުގައި ބުނިނަމަވެސް، ދަށު ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އިސްތިއުނާފުކުރާ ފަރާތުން ބުނެވުނު ހެކިން ހާޟިރުކުރުމަށް ބޭނުންވި ސަބަބުގެ ގޮތުގައި ހުރީ ތަފާތު ސަބަބުތަކެކެވެ.

ހައިކޯޓުން ނިންމީ މި މައްސަލައަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ނޫން ކަމަށެވެ. އެގޮތަށް ނިންމެވީ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ފަނޑިޔާރު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު ހުޒައިފާ މުޙައްމަދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: