މުވައްޒަފުންނަށް ދެމުން އަންނަ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދޮގުކޮށްފި އެވެ.
މައްސަލައިގައި ބަޔާނެއް އާންމުކޮށް އެމްއޭސީއެލް ބުނީ، މިއީ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ބަޔަކު ގަސްތުގައި ފަތުރާ ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ހަގީގަތެއް ނެތް ވާހަކަތަކުގެ ބޭނުމަކީ އައު ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލްއާއި، ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅުންކަމަށް ތުހުމަތު ކުރި އެވެ.
އެމްއޭސީއެލްގެ ބަޔާނުގައި ބުނީ، ހަގީގަތެއް ނެތް ވާހަކަތަކުން ބައެއް ފަރާތްތަކުން ބޭނުން ވަނީ ކުންފުންޏާއި މެދު މުވައްޒަފުންގެ އޮތް އިތުބާރު ގެއްލުވާލުމަށް ކަމަށެވެ.
މުވައްޒަފުންގެ މުސާރައާއި އިނާޔާތްތަކަށް ބަދަލު ގެނައުމަށް އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާނެކަމުގެ ޔަގީންކަން ދީ އެމްއޭސީއެލް ބުނީ ވާހަކަތައް ދެކެވެމުންދާ މައުޟޫއުގައި އެއްވެސް މަޝްވަރާއެއް ވެސް ނުކުރާކަމަށެވެ.
އެމްއޭސީއެލް ބުނީ ކުރިޔަށް އޮތް ތަނުގައި ވެސް މަސައްކަތްތައް ކުރިޔަށް ދާނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުން އައީ އުސޫލާއި ހަމަތަކުގެ ތެރެއިންކަމަށެވެ. އަދި ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމުގައިވާތީ، އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ މުވައްޒަފުންގެ ލާބައާއި މަންފާއަށްޓަކައިކަމަށް ވަނީ ބުނެފަ އެވެ.
އެމްއޭސީއެލްއިން ވަނީ ހަގީގަތެއް ނެތް ވާހަކަތައް ފެތުރުން ހުއްޓާލައި، ހަގީގަތާއި ކަމުގެ އަސްލާއި އެއްގޮތަށް ޒިންމާދާރުކަމާއި އެކު ފާޑުކިއުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ކަންކަމުގެ ހަގީގަތް ނުގެއްލޭ ގޮތަށް، ތެދު މައުލޫމާތާއެކުގައި ކަމަށެވެ.

