ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓުތަކަށް ފައިސާދެއްކި މީހުންނަށް އަލި މަގެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.
ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި މި ޤަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމްއެވެ.
މި ޤަރާރަކީ ކޭޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި ހިންގި ހައުސިންގ މަޝްރޫއާ ގުޅިގެން ދިމާވި މައްސަލަތައް ޙައްލުނުވެ ދިގުލައިގެންދާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ހުށަހެޅުއްވި ޤަރާރެކެވެ.
ޤަރާރު ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ، ރައްޔިތުންނަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އިތުރުން، ފޯރުންތެރިކަން ހުރި ފަރާތްތަކަށް ފްލެޓާއި އެޕާޓްމަންޓު ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރިއަލް އެސްޓޭޓް އުސޫލުން އަމިއްލަ ކުންފުނިތަކާ ޙަވާލުކޮށްގެން އެކިއެކި މަޝްރޫއުތައް އަބަދުވެސް ހިންގާ ކަމަށެވެ.
އެ އުސޫލުން ފްލެޓު އިމާރަތްކޮށް ވިއްކުމަށް ކޭޕާކް ކުންފުނިން ފެށި މަޝްރޫއުގެ ދަށުން އެޕާޓްމަންޓު ގަތުމަށްވެސް އެތައް ބަޔަކު ފައިސާ ދައްކާފައިވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކޮށް، ގިނަ ބަޔަކު ޑައުންޕޭމަންޓު ދައްކާފައިވާ ކަމަށާއި، ބައެއް ފަރާތްތަކުން މުޅި އެޕާޓްމަންޓަށްވާ ޖުމުލަ ފައިސާވެސް ދައްކާފައިވާކަމަށެވެ.
އެހެންނަމަވެސް މި މަޝްރޫއުގެ ދަށުން ފައިސާ ދެއްކި މީހުންނަށް ތަން ޙަވާލުނުކޮށް ގިނަ އަހަރުތަކެއް ވަމުންދާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. އަދި އެއް އެޕާޓްމަންޓު ގިނަ ބަޔަކަށް ވިއްކުން ފަދަ އެތައް މައްސަލަތަކެއްވެސް މިހާރު ފެންމަތިވެފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.
އެހެންވެ ފައިސާ ދެއްކި ރައްޔިތުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ވަމުންދާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އެހެނިހެން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުންވެސް އެމީހުން މަޙުރޫމުވަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.
ފްލެޓުތައް ޙަވާލުކުރުން ލަސްވަމުންދާނަމަ ނުވަތަ ފްލެޓުތައް ޙަވާލު ނުކުރެވި އިތުރު ޒަމާންތަކެއްވަމުންދާނަމަ، އެ އާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތު އިތުރަށް ގޯސްވުމުގެ ނުރައްކާ އެބައޮތް
މި މައްސަލައިގައި ޖިނާއީ ދައުވާތަކެއް ކްރިމިނަލް ކޯޓަށްވެސް ހުށަހެޅިފައިވެއެވެ. އެގޮތުން ޙަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 104 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި ޖައިޝާން ސައީދުގެ މައްޗަށް 97 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ.

