ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 4 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުުރުމާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ޑިޕާޓްމެންޓާއި ގުޅިގެން އޮޕަރޭޝަނެއް ހިންގައިފައިވަނީ 2025 ޖުލައި 23 ވަނަ ދުވަހުގައެވެ. އެގޮތުން، ފުލުހުންގެ އިންޓެލިޖެންސަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލެ ގަލޮޅު ދެ ގެެއެއް ބަލައި ފާސްކުރިކަމަށް ފުލުހުން ބުނިއެވެ. އަދި ބަލާފާސްކުރުމުގެ ތެރެެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 4 ކިލޯއަށްވުރެ ގިނަ ތަކެތި، ބަލާފާސްކުރި ދެ ގެ ތެރެއިން، އެއް ގެއިން ވަނީ ފެނިފައިކަމަށް ފުލުހުން ބުނިއެވެ. އެހެންނަމަވެސް، އޮޕަރޭޝަނުގައި، ބަލާފާސްކުރުމުގެ ތެރެއިން ހޯދުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗަކީ، ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއްކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، ގއ. ނިލަންދޫ/ މާޑު، މުޢާވިޔަތު އަޙްމަދު (30އ) އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުުރުމަށް ވަނީ އަމުރުކޮށްފައިއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންނެވެ.

