ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންކަމަށް 60 އަހަރު ފުރެނީއެވެ. ދިވެހި ދިދަ މިނިވަންކަންމަތީ ވިހުރޭތާ 60 އަހަރުފުރުން ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، މިނިވަންކަމުން ރަމްޒުކޮށްދޭ އެތައް ކަމެއް އެބަހުއްޓެވެ. މިއީ ހަމައެކަނި ސިޔާސީ ގޮތުން ނުވަތަ އިޤްތިސާދީ ގޮތުން ޤައުމަށް ލިބިގެންދިޔަ މިނިވަންކަމެއް ނޫނެވެ.
މިއީ މުޅި ޤައުމުގެ ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި އެކުވެރިކަމުގެވެސް މުހިއްމު ރަމްޒެކެވެ.
މިނިވަންދުވަހަކީ ގައުމެއްގެ ނިސްބަތުން ފާހަގަކުރާނެ އެންމެ ފަޚުރުވެރި އަދި އެންމެ ހައިބަތުހުރި އެއް ދުވަހެވެ.
އެހެންނަމަވެސް، ޤައުމުގެ އެތެރޭގެ ބައިބައިވުން ބޮޑުވެ، މި ދެންނެވި މިނިވަންކަމަށްވެސް އަސަރު ކުރުވާނެ އެތައް ދޮރުތަކެއް ހުޅުވޭ މިންވަރަށް ޤައުމުގައި ބައިބައިވުންތައް މިއަދު މިވަނީ އިތުރުވެފައެވެ. މިއީ މިނިވަންކަމާއެކު 60 އަހަރު ވޭތުކުރާއިރު އަޅުގަނޑުމެން ދިވެހިން ވިސްނާލުން މުހިއްމު ކަމެކެވެ.
ޤުދުރަތީ ގޮތުންނާއި ސަޤާފީގޮތުން ޤައުމު ކިތަންމެ މުއްސަނދިނަމަވެސް، ޤައުމުގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލާ ޒާތުގެ އެތައް ކަމެއް މިއަދު ދަނީ ހިނގަމުންނެވެ. އަދި އެކަމުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކު ބައިބައިވެ، މުޖުތަމައުގެ އިޖުތިމާއީ ފޭރާމުގައި އެތައް ބާގަނޑުތަކެއް ދަނީ ހެދެމުންނެވެ.
މިއީ މިނިވަންކަމަށްޓަކައި ޖިހާދު ކުރި އަބްތާލުން އެކުރި ޖިހާދަށްޓަކައިވެސް އަޅުގަނޑުމެން ވިސްނައި ފިކުރުކުރަންޖެހޭ ކަންކަމެވެ.
ވަކިން ޚާއްސަކޮށް މިއަދު ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި އަޚުވަތްތެރިކަން ގެއްލޭ ޒާތުގެ އެތައް ކަމެއް އާންމުވަމުންދާއިރު، މި ކަންކަން އެއްފަރާތްކޮށް ދިވެހިން އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބެން ޖެހެއެވެ. ޤައުމަށްޓަކައި ޝަހީދުވި އަބްތާލުންވެސް ހަނދުމަކޮށްދިން ފަދައިން ސަމާލުވެ ތިބެންވީ ހަމައެކަނި ބޭރުން އައިސްދާނެ ނުރައްކަލަކަށް ނޫނެވެ. ވިސްނަންވީ އެތެރެއާއި ބޭރުންވެސް އައިސްދާނެ ”އުންޑައަކަށް“ ސަމާލުވެ ތިބުމަށެވެ.
މިސާލަކަށް ދޮންބަންޑާރައިންގެ ގައުމީ ޖިހާދުން ވެސް އަޅުގަނޑުމެންނަށް ފެންނަނީ، ސުލްހައާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓެވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. އަދި އެ ރަދުންގެ ގައުމީ ޖިހާދުގެވެސް އާރާއި ފަންވަރަކީ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމެވެ. އެ ރަދުންނަށް ލިބިވަޑައިގެންނެވި ހަކަތައަކީ ހަމަޖެހުމާއި ސުލްހަވެރިކަމަށް ރައްޔިތުން ބޭނުންޖެހިފައި ތިބި މިންވަރެވެ.
އެހެންކަމުން މިނިވަންކަމުގެ ރަމްޒެއްކަމަށްވާ ޤައުމުގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން އެގޮތުގައި ދަމަހައްޓަން ކެނޑިނޭޅި މަސައްކަތް ކުރަން ޖެހެއެވެ. ހަގީގީ މިނިވަންކަން ޙާސިލުކުރެވޭނީ އެމަގުން ހުރިހާ ދިވެހިންވެސް މަސައްކަތް ކޮށްގެންނެވެ.
ކަންމިހެން އޮތްއިރު، އާއިލާ ތެރެއިން ފެށިގެން ދިރިއުޅޭ މާހައުލާއި މުޅި ޤައުމުގައިވެސް ހަމަޖެހުން އޮންނަން ޖެހެއެވެ. އަދި އެ ހަމަޖެހުމަކީ އަޑުއެހުމާއި، މަޝްވަރާއާއި އިޙްތިރާމުން މެނުވީ ގެނެވޭނެ އެއްޗެއް ނޫނެވެ.
ވީއިރު، ސިޔާސީ ގޮތުންނާއި އިޖުތިމާއީ އެކި ކަންކަމުގައިވެސް ހިޔާލު ތަފަތުވުންތައް އޮތްނަމަވެސް، އެ ހިޔާލުތަފާތުވުންތަކާއެކުވެސް އެކަކު އަނެކަކަށް ކުރަންޖެހޭ އިޙްތިރާމާއި ޤަދަރު ކެނޑުނަނުދީ އޮންނަންޖެހެއެވެ.
މި ދެންނެވި އެއްބައިވަންތަކަމުގެ ތެރޭގައި ޚާރިޖީ ގޮތުން ޤައުމުތަކާ އެކު އޮންނަ އެއްބައިވަންތަކަންވެސް މުހިއްމު ރޯލެއް އަދާކުރެއެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ބޭރު ގައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުން ވަރަށް މުހިންމެވެ. އަދި ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ހިމާޔަތްކުރެވޭ ގޮތަށް، ދުނިޔޭގެ އެހެން ޤައުމުތަކުގެ މިނިވަންކަމަށް ވެސް ހުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން، ބައިނަލްއަޤުވާމީ ގުޅުންތައް ދަމަހައްޓަން ރާއްޖެއިން މަސައްކަތްވެސް ކުރަންޖެހެއެވެ.

