ބޮޑުކުރި މުސާރަ ފުލުހުންނަށް ނުލިބޭކަމަށް ބުނެ ދެކެވެނީ ޙަގީގަތާ ޚިލާފު ވާހަކައެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބޮޑުކުރި މުސާރަ ފުލުހުންނަށް ނުލިބޭކަމަށް ބުނެ ވާހަކަތައް ދެކެވެމުންދާ ކަމަށާއި، ނަމަވެސް އެއީ ޙަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް މުސާރަ ބޮޑުކޮށް ފުލުހުންނަށް ދަނީ ދެމުންނެވެ. އަދި އެކަމުގައި އެއްވެސް އުނިއިތުރެއްވެސް ނެތްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަކީ އާންމު ފުލުހުންނާ ޚިލާފަށް އެ ޚިދުމަތަށް އެދޭ ފަރާތަކާއެކު ހެދޭ އެއްބަސްވުމެއްގެ ދަށުން ދެވޭ ޚިދުމަތެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު ހަދާފައިވާ ކޮންޓްރެކްޓުގެ ދަށުން އެކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އެ ބާވަތުގެ ފުލުހުންނަށް މުސާރަ ދިނުމުގައި ދަނީ އަމަލު ކުރަމުންނެވެ.
ހަމައެއާއެކު، ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު އަލަށް ވެވޭ އެއްބަސްވުންތަކުގެ ދަށުން އިތުރު ކުރެވިފައިވާ މުސާރަ ދެމުންގެންދާނެކަމަށްވެސް ފުލުހުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ފުލުހުންނަށް މީގެ ކުރިން ދެމުން އައި ބައެއް އެލަވަންސްތައް އުނިކޮށް ފުލުހުންގެ ވަޒީފާގެ ގަވާއިދަށް އިސްލާޙު ގެނެސް، ފުލުހުންގެ މުސާރަވެސް %35 އަށް މި ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ. އަދި މިއީ 2009ގެ ފަހުން އަސާސީ މުސާރައާ އެކު ފުލުހުންގެ މުސާރަ ބޮޑުކުރި ފުރަތަމަ ފަހަރެވެ.
ފުލުހުންގެ އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން، މަގާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާ ގުޅޭ ގޮތުން ދޭ އެލަވަންސެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރާނެކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

