މާލެއިން ނައިފަރަށް ދަތުރުކުރަމުންދިޔަ ބޯޓެއްގެ އިންޖީނު ހުއްޓި، ހާލުގައި ޖެހިގެން ކޯސްކާޑުން ހަރަކާތްތެރިވެއްޖެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެމްއެންޑީއެފާއި މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކަނޑުމަތީގައި މިއަދު ހިނގި ހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފް ބުނީ ”ލައިފްލައިން“ ނަމަކަށް ކިޔާ އެ އުޅަނދުގައި ދަތުރުކުރަމުންދިޔައީ 9 ކުޑަކުދިންނާއި، 6 އަންހެނުންނާއި، އަދި 10 ފިރިހެނުންކަމަށެވެ.
ކާށިދޫގެ އިރުމަތީ ސަރަޙައްދުން ދޯނީގެ އިންޖީނު ހުއްޓި، އެހީއަށް ބޭނުންވެފައިވާކަމުގެ ރިޕޯޓު ލިބުނީ އެމްއެންޑީއެފް ބުނި ގޮތުގައި މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެމްއެންޑީއެފް ބުނީ ހާދިސާގެ ރިޕޯޓު ލިބުމާއި އެކު، ކޯސްޓްގާޑުގެ ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗާއި، ގަލްފް ކްރާފްޓް ލޯންޗް އެ ސަރަޙައްދަށް ފޮނުވައި، އުޅަނދުގައި ތިބި ފަސިންޖަރުން މެންދުރުގެ 13:10 އެހާކަށްހާއިރު ޅ. ނައިފަރަށް ރައްކާތެރިކަމާއެކު ގެންގޮސްދީފައިވާ ކަމަށެވެ. .
މީގެ އިތުރުން، އިންޖީނު ހުއްޓުނު އުޅަނދު، އެމްއެންޑީއެފްގެ އެހެން އުޅަނދެއްގެ އެހީއާއި އެކު ނައިފަރު ބަނދަރަށް ވެއްދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަނީ މައުލޫމާތު ދީފައެވެ.
މޫސުން ގޯސްވުމާއި ގުޅިގެން، މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް ކުރިޔަށް އޮތް ދެ ދުވަހު ވެސް ހުޅަނގާއި ހުޅަނގުއުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާ ކުރެވެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި ބުނީ ކަނޑުތަކަށް ބަލާއިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ކަނޑު ގަދަވާނެކަމަށެވެ. އެހެންނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާޅުގެ އުސްމިނަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރެއިން 4-7 ފޫޓާއި ދެމެދު ހުންނާނެ ކަމަށާއި އަދި ދެކުނުން 3-5 ފޫޓާއި ދެމެދު ރާޅުގެ އުސްމިން ހުންނާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

