ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އާއެކު ފަސް އަހަރުގެ ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ބާސްކެޓްބޯޅަ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ތަމްރީނުތަކަށް ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީކުރުމަށް ބީއެމްއެލްއިން އެހީތެރިވެދޭނެއެވެ. މިއެރީނާ ވެގެންދާނީ ބާސްކެޓް ބޯޅަ ގައުމީ ޓީމާއި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ޕްރެކްޓިސް އަށް ޚާއްސަކުރެވިފައިވާ ތަނަކަށެވެ. އަދި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބާސްކެޓްބޯޅަ ދެ މުބާރާތް ކަމުގައިވާ ނެޝަނަލް ބާސްކެޓްބޯލް ލީގާއި ނެޝަނަލް 3 އޮން 3 ލީގަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިއާއެކު ކުޅުންތެރިން ތަރައްގީ ކުރުމަށް މަގުފަހިކޮށްދެވި، މުޅި ރާއްޖޭގައި މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ހުނަރު ތަރައްގީގުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް އެ ބޭންކުން ކުރަމުންދާކަމަށެވެ. އަދި ރާއްޖޭގައި މަގުބޫލުކަން އިތުރުވަމުންދާ ކުޅިވަރެއް ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންއާއެކު އެއްބަސްވުމަކީ ލިބޭ ފަޚުރެއްކަމުގައި ފާހަގަކުރެއްވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުން ދައްކުވައިދެނީ ރާއްޖޭގައި ކުޅިވަރުގެ ހުނަރު ހަރުދަނާކޮށް، ހުނަރުވެރި ކުޅުންތެރިން ކުރެއެރުވުމަށް ބޭންކުންދޭ އަހުމިއްޔަތުކަމެވެ.
މީގެއިތުރުން ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވީ ބާސްކެޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިން އިތުރަށް ކުރިއެރުވުމަށް ބީއެމްއެލްއާ ގުޅުމަކީ ލިބިގެންދާ ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ވިދާޅުވީ ބީއެމްއެލް ފާހަގަކުރެވެނީ ރާއްޖޭގައި އެކި ކުޅިވަރު ކުރިއަރުވައި، އެތުލީޓުންނަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ބޭންކެއްގެ ގޮތުގައި ކަމަށެވެ
ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކާއި ދެމެހެއްޓެނިވި މަޝްރޫއުތަކާއެކު ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމަޢުތައް ބާރުވެރިކުރުވުމަށެވެ.

