ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހެއިރު އައްޔަނުކޮށްފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވެފައި ވަނީ، އެ މަގާމުގައި ހުންނެވި މައުރޫފް ޖަމީލު އިސްތިއުފާ ދެއްވުމުންނެވެ. ރިޓަޔަރ ކުރެއްވުމަށް ނިންމަވައި، އެކަން މީޑިއާތަކަށް ވެސް ހާމަކޮށްފައި ވަނިކޮށް ކުއްލި ގޮތަކަށް މައުރޫފް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ.
ޒުހެއިރު މި މަގާމަށް އައްޔަނު ކުރިކަން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނު ކުރި ޒުހެއިރަކީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރެވެ. ޒުހެއިރަކީ ސިފައިންގޭގައި 30 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ސިފައިންގެ ކުންފުނި ސިވެކްގެ ޗެއާމަންގެ މަގާމު ވެސް ޒުހެއިރު ވަނީ އަދާކުރައްވާފަ އެވެ.
އާރުޑީސީން ޒުހައިރު އެޗްޑީސީއަށް ބަދަލުކޮށް، އެ މަގާމަށް އައްޔަނުކޮށްފައި ވަނީ އިބްރާހިމް ނަޒީމެވެ.

