ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު: މުޖުތަމަޢު ސަލާމަތްކުރުމުގެ ހައްލަކަށް ވެދާނެ

މަސްތުވާތަކެތި ނައްތާލަން ބޭއްވި ހަރަކާތެއްގެ ތެރެއިން. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ ކަނޑުތަކުން ވަށައިލެވިފައިވާ ކުޑަ ޤައުމެއް ނަމަވެސް، މަސްތުވާތަކެތީގެ ވަބާއިން ނުރައްކާތެރި ގޮތެއްގައި އަސަރުކޮށްފައިވާ ޤައުމެކެވެ. މި ނުރައްކާތެރި މައްސަލައިގެ ސަބަބުން ޒުވާން ޖީލު ހަލާކުވަމުންދާ މަންޒަރު ފެންނަމުންދަނީ ދުވަހުން ދުވަހަށް އިތުރުވަމުންދާތަނެވެ. މި ވަބާގެ ސަބަބުން ޢާއިލާތަކާއި މުޖުތަމަޢުތައް ރޫޅި، ޤައުމުގެ ކުރިމަގަށް ނުރައްކާތެރި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މި ބިރުވެރި ހާލަތުން އަރައިގަތުމަށްޓަކައި، އަދުގެ ސަރުކާރުން ވަނީ މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަކީ އެކަށީގެންވާ ހައްލެއް ކަމަށް ދެކި، އެކަމާ ގުޅޭ ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާކުރަން ފަށާފައެވެ.

މިހާރުގެ ޤާނޫނީ ހާލަތު: ނުފުދޭ އަދަބުތައް

މިހާރު ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުގެ ދަށުން މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް ދެވޭ އަދަބަކީ އުމުރު ދުވަހުގެ ޖަލު ޙުކުމަކާއި، އެއްލައްކަ ރުފިޔާއިން ފެށިގެން ދިހަ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމެވެ. ނަމަވެސް، މި އަދަބުތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ވިޔަފާރިވެރިން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޫންކަން ފާހަގަކުރެވެއެވެ. ޖަލަށް ލެވޭ ފަރާތްތަކުން ވެސް ޖަލުތަކުގެ ތެރެއިން މި ވިޔަފާރި ކުރިއަށް ގެންދާކަމުގެ ތުހުމަތުތައް އުފެދިފައިވުމަކީ މިހާރުގެ އަދަބުތަކުގެ ނުފުދުންތެރިކަން ހާމަކޮށްދޭ ކަމެކެވެ.

އައު އިޞްލާޙުގެ މަޤްޞަދު: މަސްތުވާތަކެތިން އެއްކިބާވެފައިވާ ޖީލެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްތުވާތަކެތީގެ ޤާނޫނަށް ގެންނަން ގަސްދުކުރާ އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ދިވެހި މުޖުތަމަޢު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް، މަސްތުވާތަކެތިން އެއްކިބާވެފައިވާ ދުޅަހެޔޮ ޖީލެއް ބިނާކުރުމެވެ. މި މުހިންމު އަމާޒަށް ވާޞިލުވުމަށްޓަކައި، އެހެން ޤައުމުތަކުގައި ވެސް ޢަމަލުކުރާ ފަދައިން މަރުގެ އަދަބު ހިމެނޭ ގޮތަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ. މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން މި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބިރުވެރިކަން އިޙްސާސްވެ، މި ނުރައްކާތެރި ވިޔަފާރިން އެއްކޮށް ދުރުހެލިވާނެ ކަމަށް އުންމީދުކުރެވެއެވެ.

ބައިނަލްއަޤްވާމީ ތަޖުރިބާ: އިބްރަތް ލިބިގަންނަންޖެހޭ ކަންކަން

ސިންގަޕޫރު ފަދަ ޤައުމުތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިއަށް މަރުގެ އަދަބު ދޭ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމުތަކެވެ. މި ޤައުމުތަކުގައި މިފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލަ ވަނީ ފާހަގަކުރެވޭ މިންވަރަކަށް ކޮންޓްރޯލްކުރެވިފައެވެ. މި ޤައުމުތަކުގެ ތަޖުރިބާއިން ދައްކައިދެނީ، ހަރުކަށި އަދަބުތައް ތަންފީޒުކުރުމަކީ ކުށް މަދުކުރުމަށް އެޅޭ ނަތީޖާ ހާސިލުކުރެވޭ ފިޔަވަޅެއް ކަމެވެ. ދިވެހިރާއްޖެއިން ވެސް މި މޮޑެލްއަށް ރިޢާޔަތްކޮށް ކުރިއަށް ދިއުމަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަކީ އަންނަން އޮތް ޖީލްތައް މު ނުރައްކާތެރި ވަބާއިން ސަލާމަތް ކުރެވޭނެ ކަމެއްކަން ޔަގީނެވެ.

ޤާނޫނީ ގޮންޖެހުންތައް: ރިޢާޔަތްކުރަންޖެހޭ ނުކުތާތައް

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މި ފަދަ މައްސަލައެއްގައި މަރުގެ އަދަބު ތަންފީޒުކުރުމުގައި ބައެއް ޤާނޫނީ އަދި އިޖުރާއީ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަންޖެހެއެވެ. މިހާތަނަށް ދިވެހިރާއްޖޭގައި މަރުގެ އަދަބު ދެވެނީ ހަމައެކަނި ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައެވެ. އަދި 1953 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިވެހިރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒުކޮށްފައެއް ނުވެއެވެ. އެހެންކަމުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދިނުމުގައި ޤާނޫނީ އަދި އިޖުރާއީ ގޮންޖެހުންތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ޤާނޫނީ ބަދަލުތަކާއި، އަދަބު ތަންފީޒުކުރުމުގެ އުޞޫލުތައް އެކުލަވާލުމުގައި މި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ.

ތަންފީޒުކުރުމުގެ މަރުޙަލާތައް: ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތުން

ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެފައިވާ ގޮތުގައި، މަރުގެ އަދަބު ތަންފީޒުކުރުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ޢަމަލުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މީގެ ތެރޭގައި ކޯޓުގެ އެންމެހައި މަރުޙަލާތައް ފުރިހަމަކުރުމާއި، އަދަބު ލިބޭ ފަރާތުގެ ޙައްޤުތަކަށް ފުރިހަމައަށް ރިޢާޔަތްކުރުން ހިމެނެއެވެ. ޤާނޫނީ ހަމަތަކުގެ ތެރެއިން، ހާމަކަން ބޮޑު އަދި ދެފުށްފެންނަ ގޮތަކަށް މިކަންކަން ކުރިއަށް ގެންދިއުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ.

ހަރުކަށި ފިޔަވަޅާއެކު، ޖާމިޢު ހައްލުތަކެއްގެ މުހިންމުކަން

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަކީ ދިވެހި މުޖުތަމަޢު މި ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށް އެޅޭ ހަރުކަށި އަދި ފުންކޮށް ވިސްނާލަންޖެހޭ ފިޔަވަޅެކެވެ. މިއީ މިވަގުތަށް އެންމެ އެކަށީގެންވާ ހައްލު ކަމަށް ސަރުކާރުން ދެކެމުންދާއިރު، މި ފިޔަވަޅު އެޅުމުގައި ޤާނޫނީ އަދި އިންސާނީ ޙައްޤުތަކުގެ ހުރިހާ މިންގަނޑުތަކެއް ދެމެހެއްޓުމަކީ އަސާސީ ކަމެކެވެ.

އެހެންނަމަވެސް، ހަމައެކަނި އަދަބުތައް ހަރުކަށިކުރުމަކީ ކޮންމެހެން ދެމެހެއްޓެނިވި ހައްލެއް ނޫންކަން ސަރުކާރުން ގަބޫލު ކުރާކަން ނިންމަމުންދާ ނިންމުންތަކުން ސާފެވެ. މަސްތުވާތަކެތީގެ ވަބާއިން ދާއިމީ ސަލާމަތެއް ހޯދުމަށްޓަކައި، އިތުރު ފިޔަވަޅުތަކެއް އެޅުން މުހިންމެވެ. މީގެ ތެރޭގައި:

  1. މަސްތުވާތަކެތީގެ ނުރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހަރުދަނާކުރުން.
  2. މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމު ފުޅާކޮށް، ޒަމާނީ ފަރުވާގެ ވަސީލަތްތައް ތަޢާރަފުކުރުން.
  3. ޒުވާނުންނަށް ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް، އެމީހުންގެ ހަޔާތަށް އުއްމީދު ގެނައުން.
  4. މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ބޯޑަރ ކޮންޓްރޯލް ހަރުދަނާކުރުން.
  5. މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކުގެ މާލީ މުޢާމަލާތްތައް ދެނެގަތުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން.

ޖުމްލަކޮށް ބަލާއިރު، މަރުގެ އަދަބަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލްކުރުމަށް އެޅޭ އެންމެ ހަރުކަށި ފިޔަވަޅު ކަމަށް ވިޔަސް، މުޖުތަމަޢު ދާއިމީ ސަލާމަތަކަށް ގެނައުމަށްޓަކައި، މައްސަލައިގެ އަސްލު ސަބަބުތަކަށް ރިޢާޔަތްކޮށް، ޖާމިޢު ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރުން ކޮންމެހެން މުހިންމެވެ. މިކަމުގައި ސަރުކާރާއި، މުޖުތަމަޢުގެ އެންމެހައި ފަރާތްތަކުގެ އެއްބާރުލުމާއި މަސައްކަތް ބޭނުންވެއެވެ. އަދި ހަމައެއާއެކު، މި ބޮޑު މައްސަލަ ހައްލުކުރުމަށް ދިގު މުއްދަތެއްގެ ސްޓްރެޓެޖީއެއް އެކުލަވާލައި، އެއަށް ޢަމަލުކުރުމަކީ ވެސް މުހިންމު ކަމެކެވެ. ފެންނަމުންދާ މަންޒަރުތަކުން ސާފްވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވައިލަން އަދުގެ ސަރުކާރުން ނިންމުމަކީ މި ނުރައްކާތެރި ވަބާ ރާއްޖޭގައި އަތް ނުފޯރާ ފަށަށް ފެތުރިގެންދާ ޖާގަ ނުދޭނެ ކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: