ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ (25 އ.) އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގަ އެެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިނުމުންނެވެ. އޭނާގެ ފޯނުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އޭނާ ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ނިންމަވާފައި ވާތީ މީޑިއާއަކުން ގެނެސްދީފައިވާ ހަބަރެއް ޝެއާކޮށެވެ.
މިފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ލިޔަނީ މާބޮޑު މާނައެއް ނެތިކަމަށް ބައެއް މީހުން ބުނި ނަމަވެސް، އެއްވެސް ސިފައެއްގައި އިންޒާރުދީ ކުރީ ޕޯސްޓުތަކުގައި މަރާ ގުޅުވާ ލިޔާ ވާހަކަތަށް ސީރިއަސް ގޮތެއްގައި ބަލައި ތަހުގީގު ކުރަން ޖެހޭނެ އެވެ. އަދި މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ރައީސުންނާއި، ކުރީގެ ރައީސުންނަށް ދީފައިވާ އެކި އިންޒާރުތަކުގެ މައްސަލަތައް ބަލާފައިވެއެވެ.
މަސްތުވާތަކެތި ބޭނުންކޮށް، ވިއްކާ މީހުންނަށް ބޮޑެތި އަދަބު ދިނުމަށް ސަރުކާރުން އިއުލާނު ކުރި އިރު މަޖިލީހުގައި މިހާރު ވެސް ބިލެއް އެބައޮތެވެ. ބޮޑެތި އަދަބުތަކާއި، ޖުރިމަނާތައް ހިމެނޭ އެ ބިލުގައި މަރުގެ އަދަބު ދިނުން ހިމަނާފައި ނެތެވެ. އެހެންވެ ކަމާއިބެހޭ ފަރާތްތަކަށް ރައީސް އަންގަވާފައި ވަނީ ބިލު އަނބުރާ ގެންގޮސް، އެ މާއްދާ ހިމެނުމާއި ގުޅޭ މަސައްކަތްތައް ފެށުމަށެވެ.

