މި ސަރުކާރުން ފެއިލްވެފައި އޮތް އެއްވެސް ދާއިރާއެއް ނެތްކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައީ، އިބްރާހީމް ފާހަގަކުރެއްވީ މި ސަރުކާރުން ކޮށްދެއްވި އެންމެ ފާހަގަކޮށްލެވޭ ކަމަކީ 5.3 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ގެނައީ ދައުލަތުގެ ދަރަނި އިތުރުވަމުންދިއުމުގެ ސަބަބުންނެވެ. އަދި ދަރަނިތައް އަދާކުރުމަށްޓަކައި ވީ ވައުދު ސަރުކާރުން ފުއްދަވަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހީމް އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުން ދަރަނި އަދާކުރުމުގެ މަސައްކަތްތައް ކުރަމުންދަނީ، މަޝްރޫއުތައް ހުއްޓާނުލައެވެ. އަދި ކުރީގެ ސަރުކާރުން ފަށައި، ނުނިމި ހުރި މަސައްކަތްތައް ވެސް މި ސަރުކާރުން ކުރިއަށް ގެންދަވާކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، މި ސަރުކާރުން ވަނީ ގައުމު ބަނގުރޫޓުވުމުގެ ހާލަތަށް ދިއުން ހުއްޓުވާފައި ކަމަށާއި، އަދި ގައުމުގެ މިނިވަންކަން ވެސް އަނބުރާ އިޔާދަކޮށްދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ދޭ ހިދުމަތްތައް ދެމުން، އިތުރަށް ރަނގަޅުކުރަމުން ދިޔުމާއެކު، 5.3 ބިލިއަން ރުފިޔާގެ ދަރަނި އަދާކޮށްދީފައިވާކަމީ ވަރަށް މުހިންމު ކަމެކެވެ.
ރައްޔިތުންނަށް ދޭ ހިދުމަތްތައް ދެމުން، އިތުރަށް ރަނގަޅުކުރަމުން ދެން އޭގެ އިތުރުން އަޅުގަނޑުމެން މިއޮތީ 5.3 ބިލިއަން ރުފިޔާގެ ދަރަނި ދައްކަދީފަ އިނގޭތޯ! އެހެންވީމަ މިއީ ކިހާ ބޮޑު ވައުދެއްތޯ ފުދިގެން މިދިޔައީ؟ އެއާޕޯޓު އާ ޓާމިނަލް ހުޅުވުން އެއީ ކިހާ ބޮޑު ވައުދެއްތޯ؟
ބޯހިޔާވަހިކަމާ ގުޅޭގޮތުން އިބްރާހީމް ވިދާޅުވީ، ރަސްމާލެ މަޝްރޫއަށް ކަނޑައެޅުނު ފައިސާ އެމްޑީޕީގެ މަޖިލީހުން ބަޖެޓުން އުނިކުރި ނަމަވެސް، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި މި ސަރުކާރުން ފަރުމާކުރި ބަޖެޓާއެކު، މި މަޝްރޫއުތައް އިތުރަށް ހަލުވިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިބްރާހީމް އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާރު 12,000 ހައުސިންގ ޔުނިޓު އިއުލާންކޮށްފައިވާ ކަމަށާއި، މިއީ އެހެން އެއްވެސް ވެރިކަމެއްގައި ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން މި މަސައްކަތްތައް ކުރަމުންދަނީ ފައިސާ ޗާޕުނުކޮށް ކަމަށާއި، މިއީ ރައްޔިތުންނަށް އޯގާތެރި ސަރުކާރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން މިހާރު 12،000 ހައުސިން ޔުނިޓު އިއުލާންކޮށްފައިވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މިއީ އެއްވެސް ވެރިކަމެއްގައި ކުރެވިފައިވާކަމެއް ނޫންކަމަށާއި، ބިންގާ އެޅުން ފިޔަވައި އިތުރު މާ ބޮޑު މަސައްކަތެއް މިދިޔަ ސަރުކާރުތަކުން ނުކުރާކަމަށް އިބްރާހީމް ވިދާޅުވިއެވެ.
މި ސަރުކާރުން މި މަސައްކަތްތައް ކުރަމުންދަނީ ފައިސާ ޗާޕުނުކޮށްކަމަށް ފާހަގަކޮށް އިބްރާހީމް ވިދާޅުވީ، މިއީ ރައްޔިތުންނަށްވެސް އޯގާތެރި ސަރުކާރެއްކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ތަކެތީގެ އަގުވެސް ވަނީ ހިފެހެއްޓިފައިކަމަށާއި، އަގު ބޮޑުކޮށް މުދާ ވިއްކާ ތަންތަން ވިޔަފާރި ކުރުމުގައި ހިޔާރުނުކުރުމުން، ހެޔޮ އަގުގައި ތަކެތި ގަންނަން ލިބޭނެކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގުތައްވެސް ދަށްވެގެންދާނެކަމަށާއި، މި ސަރުކާރުން ފެއިލްވެފައި އޮތް އެއްވެސް ދާއިރާއެއް ނެތްކަމަށެވެ.

