ސަރުކާރުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ރައްޔިތުންނަށް ފުރިހަމަ ބާރާއި އިހުތިޔާރު ދިނުމުގެ މައްޗަށްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ނިޒާމު ހިމެނޭ ގޮތަށް ސަރުކާރުން ބައެއް ބިލުތައް މަޖިލީހަށް ހުށަހަޅައި ގާނޫނުއަސާސީއަށް ބައެއް އިސްލާހުތައް ގެނައުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ގައުމީ މަސްލަހަތާއި ގުޅުން ހުރި ބޮޑެތި ކަންކަމުގައި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުން ހިމެނެ އެވެ. މި ބިލު މަޖިލީހަށް ހުށަހަޅާފައިވާއިރު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުން، މަޖިލިސް މެމްބަރުންގެ އަދަދު ކެޕް ކުރުން އަދި އެހެނިހެން ފެންނަ/ނުފެންނަ ވޯޓު ނެގުން ހިމެނެ އެވެ.
މުޅި ބިލު ފަރުމާކޮށްފައިވާ ގޮތުން އެކި ކަންކަމުގައި އާންމުންގެ ވޯޓަކަށް ދާންޖެހެ އެވެ. އަދި ދެން އުފެދޭ ސަރުކާރެއްގައި ނުވަތަ މަޖިލިސް މެޖޯރިޓީ އެހެން ޕާޓީއަކަށް ލިބޭ ހާލަތެއްގައި ގާނޫނު އުވާލާނެކަމަށް ނުވަތަ އިސްލާހުކޮށްފާނެކަމަށް ގިނަ ބަޔަކު ދެކެއެވެ. ރައްޔިތުން އެމްޑީޕީއަށް މަޖިލީހުން ޖާގައެއް ދޭނެކަމަށް ގަބޫލު ނުކުރާކަމަށެވެ.
އެކި ސަރުކާރުތަކުން ގެންނަ ގާނޫނުތައް، ދެން އަންނަ ސަރުކާރަކުން ބަދަލު ކުރާކަމާއި ލާމަރުކަޒީ ގާނޫނަށް ބަދަލުތައް ގެނައުން އެމްޑީޕީ ދެކޮޅުކަމަށް ފާހަގަކުރުމުން، ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި މަމްދޫހު ވިދާޅުވީ ރައްޔިތުން އެފަދަ އެއްވެސް ފުރުސަތެއް އެ ޕާޓީއަށް ނުދޭނެކަމަށެވެ. އަދި އެމްޑީޕީ ފަދަ ޕާޓީއަކަށް ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ ތެރެއިން ބާރުވެރިކަން ލިބޭނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ ޕާޓީގެ ލީޑާޝިޕްގެ ތެރެއަށް ބާރުތައް ޖަމާކޮށްގެން ވެރިކަން ހިންގުމުގެ ވައްޓަފާޅިއެއް ކަމަށާއި، ނަމަވެސް މި ސަރުކާރުން ބޭނުން ވަނީ ރައްޔިތުންނަށް ކަންތައްތައް ނިންމުމުގެ ބާރު ފުރޮޅާލުން ކަމަށެވެ. މަމްދޫހު ވިދާޅުވީ އެމްޑީޕީއަށް ސުޕަރ މެޖޯރިޓީއެއް ލިބިއްޖެނަމަ ރައްޔިތުންނަށް މިހާރު ދެވިފައިވާ ބާރުތައް އަނބުރާ ނަގާނެ ކަމަށެވެ. އެހެންނަމަވެސް، އެމްޑީޕީގެ އަސްލު ސިފަ ރައްޔިތުންނަށް ފެނި، ދެން އެފަދަ ގޮތަކަށް ކަންކަން ހިންގުމަށް އެއްވެސް ޖާގައެއް ނުދޭނެކަމަށް ވިދާޅުވި އެވެ.
މި މަޖިލީހުން ގެންނާނީ ރައްޔިތުން އެ ކަންކަމަށް އެދޭ ބަދަލުތައް ގާނޫނަށް ވެސް، ގާނޫނުއަސާސީއަށް ވެސް
ޕަބްލިކް ރެފަރެންޑަމް ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހެޅި ބިލަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، ރައްޔިތުން ބޭނުންވާ ގޮތަށް އިސްލާހުތައް ލާމަރުކަޒީ ގާނޫނަށް ހުށަހެޅިގެންދާނެކަމަށް މަމްދޫހު ވިދާޅުވި އެވެ. މި އިސްލާހުތަކުގައި ރަށްރަށުގެ ރައްޔިތުން އެދޭ ބަދަލުތައް ހިމެނިގެން އަންނާނެ ކަމަށާއި، މި ބަދަލުތަކާ މެދު މަޖިލީހުގެ ތަޅުމުގައި ފުރިހަމަ އިލްމީ ބަހުސެއް ކުރެވިގެންދާނެކަމަށް ވެސް މަމްދޫހު ވިދާޅުވިއެވެ.
މަމްދޫހު ވަނީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލަށް ވެސް ރައްޔިތުން އެދޭ ބަދަލުތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަޖިލީހުގެ ތެރެއިން ގެނެވިގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށް ވިދާޅުވެފަ އެވެ. އޭނާ ފާހަގަކުރެއްވީ، ރައްޔިތުންނާއި އެންމެ ގުޅުންހުރި އެންމެ މުހިންމު އެއް ކަންތައް ހިމެނޭ ހިޔާލު ހޯދުމުގެ ބިލު ކުރިން ހުށަހެޅިގެން ދިޔުމަށްފަހު، ދެން ހުށަހެޅިގެންދާނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކަމަށެވެ.

